Roadha Mihaaru
މައުމޫނަށް ވަކީލުންނާ ބައްދަލުކުރެވޭ ގޮތް ހަމަޖައްސައިފި

މައުމޫނަށް ވަކީލުންނާ ބައްދަލުކުރެއްވޭނެ ގޮތް ކަރެކްޝަންސް އިން ހަމަޖައްސައިދީފި

11 ފެބުރުއަރީ 2018

ސަރުކާރު ވައްޓާލަން އުޅުމާއި ރިޝްވަތު ދިނުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް، އެމަނިކުފާނުގެ ވަކީލުންނާ ބައްދަލުކުރެއްވޭނެ ގޮތް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އަލުން ހަމަޖައްސައިދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސަރުކާރު ވައްޓާލަން އުޅުމާއި ރިޝްވަތު ދިނުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް، އެމަނިކުފާނުގެ ވަކީލުންނާ ބައްދަލުކުރެއްވޭނެ ގޮތް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އަލުން ހަމަޖައްސައިދީފި އެވެ.

އެކަމަކު އެމަނިކުފާނަށް އާއިލާއާ ބައްދަލުކުރެއްވުމުގެ ފުރުސަތު އަދިވެސް ވަނީ ބަންދުކޮށްފަ އެވެ.

ދޫނިދޫން މާފުށީ ޖަލަށް މައުމޫން މިދިޔަ ބުރާސްފަތި ދުވަހު ބަދަލުކުރި ފަހުން އެމަނިކުފާނުގެ ވަކީލުންނާ އެންމެ ފަހުން ގުޅުނީ ޖެހިގެން އައި ހުކުރު ދުވަހެވެ. އޭގެ ފަހުން މައުމޫނާ ގުޅުމުގެ ހުއްދަ ދީފައި ނުވާއިރު، ކުއްލި ހާލަތާ ގުޅިގެން ވަކީލުންނަށާއި އާއިލާއާ ބައްދަލު ނުކުރެއްވޭނެ ކަމަށް ކަރެކްޝަންސް އިން ވަނީ އަންގާފައި ކަމަށް ވަކީލުން ބުނެފައިވެ އެވެ.

މައުމޫންގެ ވަކީލުންގެ މި ޝަކުވާތަކާ ގުޅިގެން، ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގްމާން މިއަދު ވިދާޅުވީ، މައުމޫނަށް ވަކީލުންނާ ބައްދަލު ނުކުރެއްވޭނެ ކަން އެންގީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ކަމަށެވެ. ނަމަވެސް މިހާރު އެ އުސޫލު ބަދަލުކޮށް، މައުމޫނަށް އެމަނިކުފާނުގެ ވަކީލުންނާ ބައްދަލުކުރުމާއި ގުޅުއްވުމުގެ ފުރުސަތު އަލުން ދީފައިވާނެ ކަމަށް ލުގްމާން ވިދާޅުވި އެވެ.

އެކަމަކު އަދި ވެސް މައުމޫނަށް އެމަނިކުފާނުގެ އާއިލާއާ ބައްދަލުކުރެއްވުމުގެ ފުރުސަތު ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އާއިލާއާ މި ވަގުތު ބައްދަލެއް ނުކުރެވޭނެ. އެކަން ފަހަރެއްގައި މާދަމާ ވެސް ބަދަލުވެދާނެ. ސީދާ ވަކި ދުވަހެއް ބުނާކަށް ނޭނގޭ،" ލުގްމާން ވިދާޅުވި އެވެ.

މީގެ އިތުރުން މައުމޫނަށް އެއްވެސް އެއްޗެއް ފޮނުވުމުގެ ފުރުސަތު ވެސް ކަރެކްޝަނަލް ސާވިސް އިން ވަނީ ބަންދުކޮށްފަ އެވެ.

ކަރެކްޝަނަލް ސާވިސްގެ މި ފިޔަވަޅުތަކާ ގުޅިގެން، މައުމޫން ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހުސެއިން ޝަމީމް ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތޭ ކިޔައި ހައްގުތަކަށް ހުރަސްއެޅުމަކީ ވަރަށް ބޮޑު ޖަރީމާއެއް ކަމަށެވެ.

މައުމޫނަށް ކުރާ ތުހުމަތުތައް:

1- ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީ، ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރުން. 2- ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދިނުން. 3- ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި ސަރުކާރާ ދެކޮޅަށް ސަލާމަތީ ބާރުތައް ނުކުތުމަށް ހިތްވަރު ދީ، އެކަމަަށް ރޭވުންތައް ރޭވުން