Roadha Mihaaru
ތަހުގީގަށް މައުމޫން އެއްބާރުލުމެއް ނުދެއްވި

ގާނޫނާ ޚިލާފަށް ބަންދުކޮށްފައިވާ ކަމަށް ވިދާޅުވެ ތަހުގީގަށް މައުމޫން އެއްބާރުލުމެއް ނުދެއްވި

10 މާޗް 2018

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ދޫނިދޫގައި ހައްޔަރުކޮށްފައިވާ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ފުލުހުން ފުރަތަމަ ފަހަރަށް މިއަދު ސުވާލު ކޮށްފައިވާ ކަމަށާއި އެކަމަކު އެމަނިކުފާނާ މެދު ފިޔަވަޅު އަޅާފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ވިދާޅުވެ ތަހުގީގަށް އެއްބާރުލުން ދޭން ދެކޮޅު ހައްދަވާ ކަމަށް މައުމޫންގެ ވަކީލުންގެ ޓީމުން މިރޭ ބުނެފި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ދޫނިދޫގައި ހައްޔަރުކޮށްފައިވާ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ފުލުހުން ފުރަތަމަ ފަހަރަށް މިއަދު ސުވާލު ކޮށްފައިވާ ކަމަށާއި އެކަމަކު އެމަނިކުފާނާ މެދު ފިޔަވަޅު އަޅާފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ވިދާޅުވެ ތަހުގީގަށް އެއްބާރުލުން ދޭން ދެކޮޅު ހައްދަވާ ކަމަށް މައުމޫންގެ ވަކީލުންގެ ޓީމުން މިރޭ ބުނެފި އެވެ.

މިދިޔަ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ރައީސް އަބްދުﷲ ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމާ އެކު، ފުލުހުން އެންމެ ފުރަތަމަ ހައްޔަރު ކުރި ހަތަރު ބޭފުޅުންގެ ތެރޭގައި މައުމޫން ހިމެނިވަޑައިންނަވަ އެވެ. ދެން އެ ރޭ ހައްޔަރުކޮށްފައި ވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އަދި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދެވެ.

މައުމޫންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މުހައްމަދު ފައިސަލް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މައުމޫން ބަންދުކޮށްފައި ހުންނަތާ 33 ދުވަސް ފަހުން ފުރަތަމަ ފަހަރަށް ތަހުގީގަށް މިއަދު ސުވާލުތަކެއް ކޮށްފައިވާ ކަމަށެވެ. ނަމަވެސް މައުމޫން ވަނީ އެ މަނިކުފާނު ބަންދުކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ވިދާޅުވެ ޣައިރު ގާނޫނީ ތަހުގީގަކަށް އެއްބާރުލުން ނުދެއްވާނެ ކަމަށް ވިދާޅުވެފައި ކަމަށް ފައިސަލްގެ ޓުވީޓުގައި ވެ އެވެ.

މައުމޫންގެ ވަކީލުންގެ ޓީމުގައި ހިމެނޭ ފައިސަލްގެ ޓުވީޓު

އަދި މައުމޫނަށް ކުރާ ހުރިހާ ތުހުމަތަކަށް ވެސް އެމަނިކުފާނު އިންކާރު ކުރެއްވި ކަމަށް ފައިސަލް ވިދާޅުވި އެވެ.

މައުމޫންގެ މައްޗަށް ފުލުހުން ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީ، ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރުމާއި ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދިން ކަމުގެ ތުހުމަތެވެ. މީގެ އިތުރުން ފަނޑިޔާރު އަލީ ހަމީދުގެ އާއިލާ އަށް މައުމޫން އެކި ގޮތްގޮތުން އެހީތެރިވެ ދެއްވަމުން ގެންދަވާކަން ތަހުގީގަށް ޔަގީން ކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެ އެވެ.

ހެކި ނައްތާލި ކަމަށް ތުހުމަތުކޮށް މައުމޫންގެ އިތުރުން އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ވަނީ ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ވެސް މައްސަލައެއް ހުށަހަޅައިފަ އެވެ. ނަމަވެސް އެ މައްސަލާގައި އަދި ދައުވާއެއް ނުއުފުލަ އެވެ.