Roadha Mihaaru
ޔުމްނާ މައުމޫންގެ ޕާސްޕޯޓް ހިފަހައްޓައިފި

ޔުމްނާ މައުމޫންގެ ޕާސްޕޯޓް ހިފަހައްޓައިފި

24 މެއި 2018

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

އެނގިފައިވާ ގޮތުގައި، ކޯޓު އަމުރެއްގެ ދަށުން ޔުމްނާގެ ޕާސްޕޯޓް ހިފެހެއްޓިކަން ފުލުހުން މިއަދު ހަވީރު ވަނީ އޭނާ އަށް އަންގައިފަ އެވެ. އެކަމަކު، ޕާސްޕޯޓް ހިފެހެއްޓީ ކޮން ސަބަބަކާ ހެދި ކަމެއް އަދި ކިހާ މުއްދަތަކަށް ކަމެއް އަދިއެއް ނޭނގެ އެވެ.

ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ގާނޫނާ ޚިލާފަށް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މައުމޫންގެ ދަރިކަނބަލުން ޔުމްނާގެ ޕާސްޕޯޓު ހިފެހެއްޓިއިރު، ޔުމްނާގެ އަތުލިޔުމުގެ ސާމްޕަލްއެއް ނަގަން، މިދިޔަ ހަފުތާގައި ފުލުސް އޮފީހަށް ހާޒިރުކޮށްފައި ވެ އެވެ. އެ މައްސަލައިގައި، ޔުމްނާގެ އަތުލިޔުމެއް ބޭނުންވެގެން ފުލުހުން އެދުނު ނަމަވެސް ކޯޓު އަމުރެއް ނެތި އަތު ލިޔުން ދިނުމަށް އޭނާ ވަނީ އިންކާރު ކުރައްވައިފަ އެވެ.

ޔުމްނާ އަށް ފުލުހުން ކުރާ ތުހުމަތަކީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީގެން، ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލަން މަސައްކަތް ކުރުމެވެ.

މައުމޫނާއި ޔުމްނާގެ އިތުރުން ޔުމްނާގެ ފިރިކަލުން މުހައްމަދު ނަދީމާއި ކޮއްކޯފުޅު އަހުމަދު ފާރިސް މައުމޫނަށް ވެސް ކުރަނީ ރައީސް ޔާމީންގެ ވެރިކަން ގާނޫނާ ހިލާފަށް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތެވެ. ނަދީމާއި ފާރިސް ވެސް ވަނީ އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

މައުމޫނާއި ނަދީމް ބަންދުކުރިތާ ތިން މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އަދި ފާރިސް ބަންދުކޮށްފައި ހުންނަތާ ނުވަ މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، ފަނޑިޔާރުންނަށް ރިޝްވަތު ހުށަހަޅައިގެން ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލުމުގެ ތުހުމަތު ކޮށްފައިވާ މައުމޫންގެ ގެކޮޅުން ނެރުނު ކަޅުފޮއްޓަކުން އެ މައްސަލައިގެ ލިޔެކިޔުންތަކެއް ވަނީ ފެނިފަ އެވެ. އެ މައްސަލަތަކުގައި ސާބިތު ހެކި ހުރި ކަމަށް ބުނެ މައުމޫނާއި ނަދީމްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި، ޝަރީއަތް ވެސް ވަނީ ފަށައިފަ އެވެ.