Roadha Mihaaru
"ބަޣާވާތު"ގެ އަޑީގައި ހުރީ ގާސިމް: އަބްދުއްރަހީމް

"ބަޣާވާތު"ގެ އެންމެ އަޑީގައި ހުރީ ގާސިމް: އަބްދުއްރަހީމް

11 ފެބުރުއަރީ 2018

ސުޕްރީމު ކޯޓުން އަމުރެއް ނެރެގެން ވެރިކަން ބަދަލު ކުރުމަށް ގެންނަން އުޅުނު "ބަޣާވާތު"ގެ އެންމެ އަޑީގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އޭނާއަށް ވަރަށް ބޮޑަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ސުޕްރީމު ކޯޓުން އަމުރެއް ނެރެގެން ވެރިކަން ބަދަލު ކުރުމަށް ގެންނަން އުޅުނު "ބަޣާވާތު"ގެ އެންމެ އަޑީގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އޭނާއަށް ވަރަށް ބޮޑަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު ވިދާޅުވީ ހުކުމުގައި ތިބި ސިޔާސީ ބޭފުޅުން މިނިވަން ކުރުމަށް މި މަހު 1ގައި ސުޕްރީމް ކޯޓުން އަމުރު ނެރެ، އެ ކަންތައްތައް ރާވާ ހިންގެވީ ގާސިމް ކަމަށާއި އެއީ ގައުމަށް ޣައްދާރުވެފައިވާ ބޭފުޅެއް ކަމަށެވެ. އެކަމަކު ދެ ވަނަ ފަހަރަށް ރައްޔިތުންގެ ގައިގައި އެ ކަށި ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ މިނިސްޓަރުން ކަމަށް ވާ މުހައްމަދު މަލީހު އަދި އަބްދުﷲ އަމީން ޖުމްހޫރީީ ޕާޓީއަށް ސޮއިކުރައްވައި އެކަން ރޭ ވަނީ އިއުލާންކޮށްފަ އެވެ. ފެބްރުއަރީ 2 ގައި، ޖަރުމަނުގެ ފްރެންކްފަޓްގައި ބޭއްވި ރަސްމިއްޔާތުގައި ގާސިމާއި ޖަމީލް ވެސް ވަނީ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ.

ކުނޫޒުގައި ބޭއްވި ބައްދަލުވުމަކަށް ފަހު ގާސިމް އިބްރާހިމް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ސަލާމް ކުރައްވަނީ

ކުނޫޒުގައި ބޭއްވި ބައްދަލުވުމަކަށް ފަހު ގާސިމް އިބްރާހިމް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ސަލާމް ކުރައްވަނީ

އަބްދުއްރަހީމް ވިދާޅުވީ މިހާރު ގާސިމްގެ މަގްސަދަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވެރިކަމަށް ވާދަކުރެއްވުމުގެ ފުރުސަތު ނެތް ކަމަށް ބަލައި، އެ މަގާމަށް ވާދަކުރެއްވުން ކަމަށެވެ.

"ރައީސް މައުމޫން މިއަދު މި އޮތީ ޖަލުގައި. ފާރިޝް އޮތީ ޖަލުގައި. ނަޝީދު ހުރީ ހުކުމެއްގައި. ދެން ވިސްނާލި އިރު އެންމެ ފައިދާ ހުރި ކަމެއްގެ ގޮތުގައި މި ފެނުނީ ދިވެހިންނަށް މާ ހެޔޮއެދޭ މީހަކަށް ވެގެން އަވަހަށް [ވެރިކަމަށް] ނިކުތުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޖޭޕީއާ އެކު ޖަމީލާއި އެމަނިކުފާނުގެ "ޓީމު" ނިކުންނެވުމުން، އެ ޕާޓީއަށް އެކަނި ވެރިކަން ހޯދޭނެ ކަމަށް ގާސިމް ގަބޫލުކުރައްވާ ކަމަށެވެ. އަދި ރައީސް ނަޝީދާއި ޖޭޕީ ވެސް ހިމެނޭ އިދިކޮޅު ކޯލިޝަނަށް ލަނޑުދީފައި ވަރަށް އަވަހަށް އެ ކޯލިޝަނުން ވެސް ބޭރުވެވަޑައިގަންނަވާނެ ކަމަށާއި އެކަން ކުރައްވާނީ "ނަންނުގަތި ދުލި ބަދަލުކޮށްލާ އުސޫލުން" ކަމަށް ވެސް ވިދާޅުވި އެވެ.

"އެހެންވެ، ރައްޔިތުން ވަރަށް ބޮޑަށް އެކަމަށް ސަމާލުވެ ވިސްްނައިގެން ތިބޭތި. އަވަހަށް ތިމާމެން ސަލާމަތްވާން ވެގެން، ޖޭޕީއަކީ މާ ވަރުގަދަ ޕާޓީއަކަށް ހަދައިގެން، ދިވެހިންނަށާއި ސިފައިންނަށް ހެޔޮއެދޭ ބަޔަކަށް ވާންވެގެން ވާހަކަ ދައްކަން ފަށައިފި،" އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޖަމީލާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިތުރުން ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒަކީ ސަލާމަތީ ހިދުމަތްތަކުގައި މަސައްކަތްކުރެއްވި ބޭފުޅުން ކަމަށެވެ. އެހެންވެ، އެ ބޭފުޅުން އެ ޕާޓީގައި އުޅުއްވުމަކީ ވެސް މި "ބަޣާވާތު"ގައި ބައިވެރިވުން ކަމަށް ވިދާޅުވި އެވެ.

"މިއިން ކޮންމެ މީހަކީ ވެސް ގައުމަށް ޣައްދާރުވެފައި ހުރި މީހެއް. ކުޑަކޮށެއް ނޫން، ވަރަށް ބޮޑަށް. ޝަރުއީ ނިޒާމު ފުނޑާލައި، އެ ނިޒާމަށް ދިވެހިން ކުރަމުން އައި އިހްތިރާމާއި އިތުބާރު ގެއްލުވާލައި، އެންމެ އިސް ދެ ފަނޑިޔާރުން ބޭނުންކޮށްގެން ސަރުކާރު ބަދަލުކޮށްލުމަށް މި މަސައްކަތް ކުރީ... އެ ވަރުން ވެސް އެ މަސައްކަތެއް ކާމިޔާބެއް ނުކުރެވުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބޭސްފަރުވާއަށް ޖަރުމަނަށް ވަޑައިގެން ހުންނެވި ގާސިމް، ރިިޔާސީ ރޭހަށް ނިކުންނެވީ ސަރުކާރު ބަދަލުކޮށްލަން ރޭވި ރޭވުން ފުލަށް ދިޔުމުން، އަމިއްލަ ފައިދާއަށް ބަލައިގެންނެވެ.

ޖޭޕީއަށް ސޮއިކުރެއްވުމަށް ފަހު ޖަމީލު ވިދާޅުވީ އެމަނިކުފާނު ޖޭޕީއާ ގުޅިވަޑައިގަތީ ދިވެހި ހުރިހާ ރައްޔިތުން ގޮވައިގެން އިންސާނިއްޔަތުކަމާއި އަދުލުގެ ތެރެއިން ފުރިހަމަ ވެރިކަމެއް ކޮށްދެވޭނެ ބޭފުޅަކަށް ގާސިމް ވެވަޑައިގަންނަވާނެތީ ކަމަށެވެ. އަދި ރާއްޖެއަށް ބޭނުންވަނީ ސިޔާސީ ވަކި ފިކުރެއް ގެންގުޅޭތީ، ވަޒީފާ ނުލިބޭ، ވިޔަފާރީގެ ފުރުސަތު ނެތް، އިންސާފުން އެއްކިބާވެފައިވާ ވެރިއެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

އިނގިރޭސި ވިލާތަށް އަރުވާލެވިގެން ހުންނެވި ޖަމީލަކީ 2013 ގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ކެމްޕޭންގައި އެންމެ ބުރަކޮށް މަސައްކަތްކުރެއްވި އެއް ބޭފުޅެވެ.