Roadha Mihaaru
"ބަޣާވާތްކުރަން ވެސް އިދިކޮޅުގައި ހިތްވަރެއް ނެތް"

ބަޣާވާތް ކުރެވޭ ވަރަށް ވެސް އިދިކޮޅުގައި ހިތްވަރެއް ނެތް: އަބްދުއްރަހީމް

14 ފެބުރުއަރީ 2018

ބަޣާވާތް ކުރުމަށް ވެސް ހިތްވަރެއް ހުންނަން ޖެހޭނެ ކަމަށާއި އެކަމަކު އެ ހިތްވަރާއި ފަންވަރު އިދިކޮޅު ހަރަކާތުގެ އިސް ބޭފުޅުންގެ ކިބައިގައި ނެތް ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ބަޣާވާތް ކުރުމަށް ވެސް ހިތްވަރެއް ހުންނަން ޖެހޭނެ ކަމަށާއި އެކަމަކު އެ ހިތްވަރާއި ފަންވަރު އިދިކޮޅު ހަރަކާތުގެ އިސް ބޭފުޅުންގެ ކިބައިގައި ނެތް ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލަން އުޅުނު މައްސަލައިގައި ހައްޔަރު ކޮށްފައިވާ އިދިކޮޅު ބޭފުޅުން ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށް ފުލުހުން ބުނެފައިވާއިރު، އެއީ ވަރަށް ފިނޑި އަމަލެއް ކަމަށެވެ. އަދި އެހާ ބޮޑެތި ކުށް ކޮށްފައި ތިބި ބަޔަކު، ތަހުގީގުގައި ހަނު ތިއްބެވުމަކީ ދެރަ ކަމެއް ކަމަށާއި އެއީ ސިޔާސީ މައިދާނުގައި ފިނޑިން ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާ ފިނޑި މީހުން ބަޣާވާތް ކުރާކަށް ނުވާނެ. ކޮންމެ ވެސް ވަރެއްގެ ހިތްވަރެއް ހުންނަން ވާނެ. މިިނިވަން މުސްތަގިއްލު މުއައްސަސާއެއްގެ ބާރު ކަނޑުވާލައި، ޝަރުއީ ދާއިރާ އަށް ރިޝްވަތު ދީގެން ކަންކަން ކުރާ މީހުންނަށް، ތަހުގީގު މަރުހަލާގައި އެއްބާރުލުން ދޭން ނުކެރުނީމާ އެއީ ވަރަށް ދެރަވަރު ކަމެއް. ފިނޑިކަމެއް،" އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމުން ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތު ކުރާ 800 މިލިއަން ޑޮލަރުގެ މައްސަލައިގައި ސުވާލު ކުރުމަށް އެ މަނިކުފާނު މިނިވަން މުއައްސަސާތަކުގެ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ އަށް ހާޒިރު ކުރެއްވުމުން ޖަވާބު ދެއްވެވީ ވަރަށް ކެރިވަޑައިގެންނެވެ. އަދި ސުވާލު ކުރައްވަން ވަޑައިގެންނެވި، އޭރުގެ އިދިކޮޅު ބޭފުޅުން ވެސް އެނބުރި ވަޑައިގަތީ ދައްކައްވާނެ ވާހަކައެއް ނެތިގެން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ ހިތްވަރާއި ފަންވަރު، ރާއްޖޭގައި ވެރިކަން ކުރަން އުޅޭ މީހުންގެ ގައިގައި ހުންނަން ޖެހޭނެ ކަމަށެވެ.

އިދިކޮޅު ފަރާތްތައް ތިބީ ވަރަށް ބަދަހިކޮށް ކަމަށް ބުނާ ވާހަކަ އަށް ރައްދު ދެއްވައި އަބްދުއްރަހީމް ވިދާޅުވީ މިހާރު ފެންނަނީ އެއާ ޚިލާފަށް، ކޯލިޝަންގެ ތެރެއިން މީހުން ފެއަށް ޖެހޭތަން ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު، އަބްދުﷲ ރިޔާޒު މިހާރު "ފުއްޕާފައި" ވާހަކަ ދައްކަވާތަން ނުފެންނަ ކަމަށާއި އެއީ އެ ޕާޓީއާ އެންމެ ފަހުން ގުޅި ވަޑައިގެންނެވި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ މިނިސްޓަރުންގެ ސަބަބުން، ފުރުސަތު ނެތް ކަމަށް ގަބޫލު ކުރެއްވިގެން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ރިޔާޒު ވެސް މަސައްކަތް ކުރެއްވީ ރިޔާސީ ޓިކެޓް ހޯއްދަވަން. އެ މަސައްކަތަށް މިހާރު ހިޔަނި އެޅުނީމާ ދެން ފެންނާނީ ކޮންމެވެސް އެހެން ތަނަކުން،" އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތައް މިހާރު ތިބީ ގޮތް ހުސްވެފަ އެވެ. އަދި "އަދި ނުނިމެއޭ" [ވެރިކަން ބަދަލުކުރުން] ބުނެ ވާހަކަތައް ދައްކަމުން ދަނީ، ދެން ކުރާނެ ކަމެއް ނެތުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުލުސް އޮފީހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، ހައްޔަރު ކޮށްފައިވާ ބައެއް ބޭފުޅުން ހެކި ދިނުމަށް އިންކާރު ކުރަމުންދާ ކަމަށެވެ. އެހެންވެ، އެ ބޭފުޅުން ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއެޅި ކަމަށް ބަލައި، އެކަން ތަހުގީގު ކުރުމަށް ފަހު، މި ހަފުތާގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވުމުގެ މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ތަހުގީގަށް އެއްބާރުލުން ނުދެނީ ކޮން ބޭފުޅުންތަކެއް ކަމެއް ޝިފާން ވިދާޅެއް ނުވެ އެވެ. އެކަމަކު، ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލަން މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވޭ 13 މީހަކު ހައްޔަރުކޮށް، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.