Roadha Mihaaru

އިންޒާރު ދިނަސް ގައުމުގެ ދިފާއުގައި ނުކުންނާނަން: އަބްދުއްރަހީމް

މުޒާހަރާ ނުކުރަން އިންޒާރު ދިނަސް ގައުމުގެ ހައްގުގައި ތެދުވެ ކުރަން ޖެހުނު ކަމެއް ކުރައްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގައި އިސްކޮށް ހުންނެވި ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އިންޒާރު ދިނަސް ދިފާއުގައި ނުކުންނާނަން: އަބްދުއްރަހީމް
ލަމްޔާ އަބްދުﷲ
ލަމްޔާ އަބްދުﷲ

28 އޯގަސްޓް 2020

މުޒާހަރާ ނުކުރަން އިންޒާރު ދިނަސް ގައުމުގެ ހައްގުގައި ތެދުވެ ކުރަން ޖެހުނު ކަމެއް ކުރައްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގައި އިސްކޮށް ހުންނެވި ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

"ރާއްޖެ ވިއްކާލުމާ" ދެކޮޅަށް އިދިކޮޅުން މާލެ އާއި ރަށްރަށުގައި ކުރި މުޒާހަރާގައި ގިނަ ބަޔަކު ބައިވެރިވި އިރު، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ އިރުޝާދުތަކަށް އަޅައެއް ނުލަ އެވެ. މާލޭގެ މަގުތަކުގައި ބޭއްވި ސައިކަލު ބުރުގައި ގިނަ ބަޔަކު ބައިވެރިވީ މާސްކު ނާޅަ އެވެ. މި މައްސަލަ ބެލުމަށް ފަހު އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އަބްދުއްރަހީމް ޓްވިޓާ މެދުވެރިކޮށް ވިދާޅުވީ އެ މީހުންނަށް އިންޒާރު ދިނަސް ގައުމާއި ދީނުގެ ދިފާއުގައި ނުކުންނާނެ ކަމަށެވެ.

"ކިތަންމެ އިންޒާރެއް ދިނަސް ދިވެހިން ދިވެހި ގައުމުގެ ހައްގުގައި ތެދުވާނެ. ދީން ދިފާއު ކުރާނެ. މިނިވަންކަން ދަމަހައްޓާނެ. ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ސަރުކާރުން ކުރަމުން އަންނަ ކަންތައްތައް ބަލަން ރައްޔިތުން ނުތިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 ފެތުރޭ މިންވަރު އަލުން އިތުރުވާން ފެށުމުން އެޗްޕީއޭ އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަލުން ހަރުކަށިކޮށްފަ އެވެ. ފުލުހުން އަންނަނީ މާސްކު ނާޅާއި އަދި ދުއްވުން މަނާ ވަގުތުތަކުގައި ވެހިކަލްތަކުގައި އުޅޭ މީހުން ޖޫރިމަނާ ކުރަމުންނެވެ. ކޮވިޑް ފެތުރޭވަރު އިތުރުވަމުންދާ ނަމަ އަނެއްކާ ވެސް މާލެ ސަރަހައްދު ލޮކްޑައުންކުރަން ޖެހިދާނެ ކަމަށް އެޗްއީއޯސީ އިން ވަނީ ބުނެފަ އެވެ.

މިހާތަނަށް 7،469 މީހުން ވަނީ ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 28 މީހަކު މަރުވެ 4،873 މީހަކު ރަނގަޅުވެފައި ވުމުން މިހާރު ކޮވިޑަށް ފަރުވާ ހޯދަމުން ދަނީ 2،568 މީހުންނެވެ.