Roadha Mihaaru

މުޒާހަރާކޮށް، ސިއްހީ ރައްކާތެރިކަން ނަގާނުލަން އިމްރާން ގޮވާލައްވައިފި

ކޮވިޑް-19 ފެތުރެމުންދަނިކޮށް، އެޗްޕީއޭގެ މިންގަނޑުތަކާ ޚިލާފަށް މުޒާހަރާކޮށް ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ނަގާނުލުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ގޮވާލައްވައިފި އެވެ.

މުޒާހަރާކޮށް ސިއްހީ ރައްކާތެރިކަން ނަގާނުލަން ގޮވާލައިފި
އާމިނަތު ޝިފްލީން
އާމިނަތު ޝިފްލީން

28 އޯގަސްޓް 2020

ކޮވިޑް-19 ފެތުރެމުންދަނިކޮށް، އެޗްޕީއޭގެ މިންގަނޑުތަކާ ޚިލާފަށް މުޒާހަރާކޮށް ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ނަގާނުލުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ގޮވާލައްވައިފި އެވެ.

"ރާއްޖެ ވިއްކާލުމާ" ދެކޮޅަށް ނަމުގައި އިދިކޮޅު ކޯލިޝަނުން މިއަދު މާލެ އާއި ރަށްރަށުގައި މުޒާހަރާކޮށްފައި ވަނިކޮށް އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ނަގާލުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ދެމެދު ވަރަށް ބޮޑު ފަރަގެއް އެބަހުރި ކަމަށެވެ. އޭނާ ގޮވާލެއްވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން އެޗްޕީއޭން ކަނޑައަޅާފައިވާ މިިންގަނޑުތަކަށް ހުރިހާ ފަރާތްތަކުން ތަބާވުމަށެވެ.

މާސްކް އެޅުމާއި ގައިދުރުކަން ބެހެއްޓުމުގެ މުހިއްމުކަން ޓްވީޓްގައި ހޭޝްޓެގުން އިމްރާން ފާހަގަކުރެއްވި އެވެ.

އިދިކޮޅުން މިއަދު މުޒާހަރާކުރީ، ކޮވިޑް-19އިން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށެވެ. މުޒާހަރާގައި ބައިވެރިވި ބައެއް މީހުން މާސްކް ނާޅާއިރު، މީހުންގެ މެދުގައި އެއްވެސް ގައިދުރުކަމެއް ނެތެވެ.

މިއަދު މާލޭގައި ކުރި މުޒާހަރާގައި، ގައިދުރުކަން ނުބަހައްޓައި ބައެއް މީހުން މާސްކް ނާޅާ ބައިވެރިވި މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ. ފުލުހުން މިއަދު ބުނީ އެކަމާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ބަލައި، މިންގަނޑުތަކާ ހިލާފުވި މައްސަލައިގައި ފިޔަވަޅު އަޅާނެ ކަމަށެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެންމެ ފުރަތަމަ ނިންމީ، މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްރަށުގައި މުޒާހަރާ ކުރާށެވެ. އެކަން އިއުލާންކޮށް، މިދިޔަ ހަފުތާގައި އެ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގައި ސަރަހައްދުގައި މުޒާހަރާ ނުކުރާނެ ކަމަށެވެ. އެކަމަކު، މިއަދު މާލޭގެ މަގުތަކުގައި ބޭއްވި ސައިކަލު ބުރުގައި ގިނަ ބަޔަކު ބައިވެރިވި އެވެ. އިދިކޮޅު ކޯލިޝަނުން މުޒާހަރާތައް ބާއްވަން އިއުލާން ކުރުމާއެކު ފުލުހުން ވަނީ މިއީ އެއްވުންތައް ބާއްވަން އެންމެ އެކަށޭނެ ވަގުތު ނޫން ކަމާއި އެހެންކަމުން އެފަދަ ހަރަކާތްތައް ނުބާއްވަން އިލްތިމާސްކޮށްފަ އެވެ.

ޕީއެންސީ ކޯލިޝަނުން މީގެ ދުވަސްކޮޅެއް ކުރިން ވެސް ވަނީ، ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ބާއްވާފަ އެވެ. އެކަމަކު އޭރު އެ މުޒާހަރާތައް މެދުކަނޑާލީ، ކޮވިޑް-19 މާލެ ތެރޭގައި ވަރަށް ބޮޑަށް ފެތުރެމުން ދާތީ ރައްޔިތުންގެ ސަލާމަތަށްޓަކައި ކަަމަށް އިއުލާންކޮށެވެ.