Roadha Mihaaru
"ގާސިމަށް އެއްވެސް އަގެއްގައި މެމްބަރުން ނުގެންދެވޭނެ"

އެއްވެސް އަގެއް ދީފައި، ގާސިމަށް މެމްބަރުންނެއް ނުގެންދެވޭނެ: ޕީޕީއެމް

04 މާޗް 2018

އެއްވެސް އަގެއް ދީފައި، ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ މެމްބަރަކު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ނުގެންދެވޭނެ ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އެއްވެސް އަގެއް ދީފައި، ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ މެމްބަރަކު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ނުގެންދެވޭނެ ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.

ރާއްޖެ ޓީވީއަށް ރޭ ދެއްވި އިންޓަވިއުއެއްގައި ގާސިމް ވަނީ އަބްދުއްރަހީމާއި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނާއި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލާއި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމަށް ވަރަށް ބޮޑަށް ބޭނުންވެގެން އުޅުއްވި ކަމަށް ވިދާޅުވެފަ އެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ނައިބު ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ގާސިމްގެ "މުޅި މިލްކިއްޔާތު ވިއްކާލިޔަސް، އެ ހަތަަރު މެމްބަރުން ޖޭޕީ އަށް ނުގެންދެވޭނެ" ކަމަށެވެ.

އޭގެ ބަދަލުގައި ގާސިމް އާދޭސް ކުރެއްވީ، އޭނާއާ ބައިވެރިވެގެން މެމްބަރުން ނިކުންނަވަން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ގާސިމްގެ އެސްއެމްއެސްތައް ދައްކަވަން ތައްޔާރަށް ހުންނެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު މި ދަންނަވަނީ ވަރަށް ކެރިގެން ސާބިތުކަމާ އެކީގައި ގާސިމްގެ މިލްކިއްޔާތުގައި ހުރި ހުރިހާ އެއްޗެއް ހުސްކޮށްލިޔަސް، އަޅުގަނޑެއް ގާސިމަކަށް ނުގަނެވޭނެ. އަޅުގަނޑުމެންގެ ތެރެއިން އެކަކު ވެސް ނުގަނެވޭނެ. އަޅުގަނޑުމެން ގެންދިއުމަށް ވުރެ، އެހެން ކޮންމެވެސް ކަމެއް ކުރައްވަން އުޅުއްވިއްޔާ މާ ރަނގަޅުވާނެ،" ނިހާނާއި އަލީ އާރިފް ވެސް ބައިވެރިވެވަޑައިގެންނެވި ޕްރެސްގައި އަބްދުއްރަހީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ތާއީދުކުރާ އެއްވެސް މީހަކު ގަބޫލެއްނުކުރާނެ، ޕީޕީއެމް ދޫކޮށްފައި، ރައީސް ޔާމީން ދޫކޮށްފައި، ސަރުކާރު ދޫކޮށްފައި ޖޭޕީއާ ގުޅިގެން ހިނގައިދާނެ ކަމަށް. އަޅުގަނޑުމެންނާ ދޭތެރޭގައި ތިކަހަލަ ވާހަކަ ދައްކާނެ ކަމެއް ނެތް."

ގާސިމަކީ، އޭނާގެ "ހަޔާތް ފެށުނީއްސުރެ،" ވެރިކަން ވައްޓާލަން މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ވިދާޅުވެ، އަބްދުއްރަހީމް ވަނީ ގާސިމަށް ވަރަށް ބޮޑަށް ފާޑު ވެސް ވިދާޅުވެފަ އެވެ. މިއީ އާންމުކޮށް ޕީޕީއެމްގެ ޕްރެސްތަކުގައި އޭނާ ކުރައްވާ ކަމެކެވެ.

މި މަހުގެ 16 ވަނަ ދުވަހު ބޮޑު މުޒާހަރާއެއް ކުރަން އިދިކޮޅު ފަރާތްތަކުން ނިންމާފައިވާތީ އަބްދުއްރަހީމް ވަނީ އެކަމަށް ވެސް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މުޒާހަރާއަށް ހަރަދު ކުރައްވާނެ ކަމަށް ގާސިމް ވިދާޅުވުމަކީ ގާނޫނީ ގޮތުން ވެރިކަން ވައްޓާލަން ވެވުނު އިއުތިރާފެކެވެ.

އޭނާ ވިދާޅުވި ގޮތުގައި ގާސިމަށް ސިޔާސީ މައިދާނުގައި ޖާގައެއް ނެތެވެ. ގާސިމަށް އޮތް ހަމައެކަނި ތަނަކީ ޖަލު ކަމަށް ވެސް ވިދާޅުވި އެވެ. އޭނާ އެ އިޝާރާތް ކުރެއްވީ، ރިޝްވަތުގެ މައްސަލައެއްގައި ކްރިމިނަލް ކޯޓުން ގާސިމްގެ މައްޗަށް އިއްވި ތިން އަހަރުގެ ޖަލު ހުކުމަށެވެ.