Roadha Mihaaru
ސީޝެލްސްގައި ދިވެއްސަކު ތަޖުރިބާކުރި ދިރިއުޅުން

ސީޝެލްސްގައި ދިވެއްސަކު ތަޖުރިބާކުރި ދިރިއުޅުން

24 ފެބުރުއަރީ 2018

ދިވެހިންނާއި ސީޝެލްސްއާ ދެ ގޮތަކުން ގުޅެ އެވެ. ފުރަތަމަ ގޮތަކީ ރާއްޖޭގެ ސިޔާސީ ލީޑަރެއް ކަމަށްވާ ސ. ހިތަދޫ އަބްދުﷲ އަފީފް އެ ގައުމަށް އަމިއްލައަށް އަރުވާލެވިގެން އުޅުއްވުމާއި އެ ތަނުގައި އާބާދުވެފައިވާ އޭނާގެ އާއިލާ އެވެ. ދެން ރާއްޖެއާ އެއްގޮތް ސިފަތަކެއް ލިބިފައިވާ އެ ގައުމުގެ ޓޫރިޒަމެވެ. އެކަމަކު ދައްކަން މިއުޅޭ ވާހަކަ މިއިން އެއްވެސް ކަމަކާ ގުޅުމެއް ނެތެވެ. މިއީ ސީޝެލްސްގައި ފަހާ މީހެއްގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން އުޅުނު މުހައްމަދު ނަސީމުގެ ޝައުގުވެރި ވާހަކަތަކެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ދިވެހިންނާއި ސީޝެލްސްއާ ދެ ގޮތަކުން ގުޅެ އެވެ. ފުރަތަމަ ގޮތަކީ ރާއްޖޭގެ ސިޔާސީ ލީޑަރެއް ކަމަށްވާ ސ. ހިތަދޫ އަބްދުﷲ އަފީފް އެ ގައުމަށް އަމިއްލައަށް އަރުވާލެވިގެން އުޅުއްވުމާއި އެ ތަނުގައި އާބާދުވެފައިވާ އޭނާގެ އާއިލާ އެވެ. ދެން ރާއްޖެއާ އެއްގޮތް ސިފަތަކެއް ލިބިފައިވާ އެ ގައުމުގެ ޓޫރިޒަމެވެ. އެކަމަކު ދައްކަން މިއުޅޭ ވާހަކަ މިއިން އެއްވެސް ކަމަކާ ގުޅުމެއް ނެތެވެ. މިއީ ސީޝެލްސްގައި ފަހާ މީހެއްގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން އުޅުނު މުހައްމަދު ނަސީމުގެ ޝައުގުވެރި ވާހަކަތަކެވެ.

ސީޝެލްސްގައި ހޭދަކުރި 16 އަހަރުގެ ތެރޭގައި އޭނާ ވަނީ އެ ގައުމުގެ ދެ ރިސޯޓެއްގައި މަސައްކަތްކޮށްފަ އެވެ. ރިސޯޓުގެ ގިނަ ބައެއްގެ ހެދުމުގެ އިތުރުން ނަސީމް ވަނީ އެ ގައުމުގައި އޭރު ހުންނެވި ރައީސް އާއި ކެބިނެޓް ވަޒީރުންގެ ހެދުންކޮޅުތައް ވެސް ފަހައިދީފަ އެވެ. މީގެ ދެ އަހަރު ކުރިން އޭނާ އެނބުރި ރާއްޖެ އައިއިރު އޭނާ އަކީ ސީޝެލްސްގެ ވެސް ރައްވެއްސެކެވެ.

"ސީޝެލްސްގެ ފަހާ މީހާ"

ސ. ހިތަދުއަށް އުފަން، މިހާރު އުމުރުން 62 އަހަރުގެ ނަސީމަކީ އެންމެ ކުރިއްސުރެ ވެސް ފަހާ މީހެކެވެ. އޭނާ އެ މަސައްކަތް ކުރީ މާލޭގައި އަނބިމީހާއާ އެކު އަމިއްލައަަށް ފަހާ ތަނެއް ހުޅުވައިގެންނެވެ. ނުވެސް ދަންނަ، މާ ދުރު ގައުމަކަށް ދާން އޭނާއަށް ފުރުސަތު ލިބުނީ އެ މަސައްކަތުގައި ނިކަން އަވަދިނެތި އުޅެނިކޮށެވެ.

ސީޝެލްސް: ނަސީމު ބުނަނީ އެއީ ވަރަށް އަމާން ތަނެއް ކަމަށް

ސީޝެލްސް: ނަސީމު ބުނަނީ އެއީ ވަރަށް އަމާން ތަނެއް ކަމަށް

ރާއްޖޭގައި ބަނިޔަން ޓްރީ ރިސޯޓު ހިންގާ ކުންފުނިން، ސީޝެލްސްގައި އަލަށް ހުޅުވި ރިސޯޓުގައި ފަހާ މީހެއްގެ ވަޒީފާއަށް އޭނާ ދިޔައީ 2000 ވަނަ އަހަރު އެވެ. އެއީ އެ ކުންފުނިން ރާއްޖޭގައި ހިންގާ އެހެން ރިސޯޓެއްގައި މަސައްކަތް ކުރާ ނަސީމްގެ ރަހުމަތްތެރިއެއްގެ ފަރާތުން އޭނާއަށް ލިބުނު ފުރުސަތެކެވެ. އެކަމަކު އާއިލާ ދޫކޮށްލާފައި ބީރައްޓެހި ގައުމެއްގައި ވަޒީފާ އަދާކުރަން ދާން ނަސީމް އެއްބަސްވީ، 12،000 ރުފިޔާއަށް ވުރެ ކުޑަ ނޫން މުސާރައަކަށް ޝަރުތުކޮށްގެންނެވެ.

ދެ އަހަރު ފަހުން ހުޅުވަން އޮތް އެ ރިސޯޓަށް ނަސީމު ދިޔައިރު އެތަނުގައި ތިނޯހެއް ވަރު ވެސް ނެތެވެ. އެހެންވެ، އޭނާއަށް ޖެހުނީ ކުންފުނީގެ ހަރަދުގައި، ސިންގަޕޫރަށް ގޮސް ފަހާފޮއްޓާ އެއްޗެހި ގަންނާށެވެ. ނަސީމު ބުނިގޮތުގައި އޭނާ އެންމެ ފުރަތަމަ ފަހަން ފެށީ، ރީތި ގޮނޑުދޮށަކާއި ފަރުބަދަތައް ހުންނަ އެ ރިސޯޓުގެ ކާއެއްޗެހި ރައްކާކުރާ ތަނުގަ އެވެ. ދެން އެއްޗެހި ދޮންނަ ބައިގައި ފެހުމުގެ މަސައްކަތް ކުރި އިރު، އޭނާއަށް ހާއްސަ ތަނެއްގައި މަސައްކަތް ފަށައިގަނެވުނީ އޭގެ ހައެއްކަ މަސް ފަހުންނެވެ.

"އެންމެ ފުރަތަމަ އަޅުގަނޑުގެ މަސައްކަތަކަށް ވީ ރިސޯޓުގެ މުވައްޒަފުންގެ ޔުނީފޯމުތައް ތައްޔާރުކުރުން. އޭރު ހުރީ ރެޑީމޭޑު ޔުނީފޯމުތަކެއް. އެ އެއްޗެހި އެކި މީހުންގެ ސައިޒަށް ހެޔޮވަރުކޮށް، ޒިބުލުން ފަދަ ކަންކަން އެންމެ ފުރަތަމަ ކުރީ،" ނަސީމް ބުންޏެވެ.

މަސައްކަތާ މެދު، ވެރިން ހިތްހަމަޖެހުމުން އެކި ކުލަކުލައިން 18 ކޮންޓޭނަރުގެ ފޮތި ގެނެސް ނަސީމުގެ މަސައްކަތް ފުޅާކުރި އެވެ. އަދި މާ ގިނަ ދުވަހެއް ނުވެ، މާލޭގައި ހުރި އަނބިމީހާ ވެސް ސީޝެލްސްއަށް ގެންދިޔަ އެވެ. އޭރު އޭނާއަށް މަހެއްގެ މައްޗަށް 600 ޑޮލަރު (9،288 ރުފިޔާ)، އަދި އަނބިމީހާއަށް 400 ޑޮލަރު (6،192 ރުފިޔާ) ލިބެ އެވެ. ދިރިއުޅުމުގެ ހުރިހާ ހަރަދެއް ރިސޯޓުން ހަމަޖައްސައިދޭތީ ދެމަފިރިން ވެސް އުޅުނީ ވަރަށް ފުދިގެން ކަމަށް ނަސީމް ބުންޏެވެ.

ނަސީމާއި އޭނާގެ އަންހެނުން ސީޝެލްސްގައި: ހިތްހަމަޖެހޭ ދިރިއުޅުމެއް ހޭދަކުރި

ނަސީމާއި އޭނާގެ އަންހެނުން ސީޝެލްސްގައި: ހިތްހަމަޖެހޭ ދިރިއުޅުމެއް ހޭދަކުރި

ސީޝެލްސްއަށް ނަސީމްގެ ދެމަފިރިން ބަދަލުވި އިރު، އެ މީހުންގެ އެންމެ ހަގު ދަރިފުޅަށް 19 އަހަރު ފުރިއްޖެ އެވެ. އެހެންވެ ބޭރު ގައުމުތަކުގައި ކިޔަވަން ތިބި ތިން ދަރިންނާ މެދު މާ ބޮޑު ފިކުރެއް އެ މީހުންގެ ނެތެވެ.

ބަނިޔަންޓްރީގައި ދެ އަހަރު މަސައްކަތް ކުރުމަށް ފަހު، ނަސީމްމެން ދެން ބަދަލުވީ ސީޝެލްސްގެ ސިލްހޫޓު ކިޔާ ރަށެއްގައި ހިންގަން ފެށި ރިސޯޓަކަށެވެ. ރާއްޖޭގެ ޔުނިވާސަލް އެންޓަޕްރައިސްއިން ހިންގާ ހިލްޓަން ސީޝެލްސް ލެބްރީޒް ރިސޯޓަށް އެ މީހުން ބަދަލުވީ، އެ ކުންފުނީގެ އިސް ވެރިއެއްގެ އެދުމަކަށެވެ. ނަސީމް އެކަނި ވެސް އެ ރިސޯޓުން 1،100 ޑޮލަރުގެ މުސާރައެއް ދިން ކަމަށް އޭނާ ބުންޏެވެ.

"ވަރަށް ހިތްހަމަ ޖެހިގެން، އަމިއްލަ ތަނެއްގެ ގޮތުގައި ދެކިގެން އަޅުގަނޑުމެން އެ ރިސޯޓުގައި މަސައްކަތް ކުރީ. އަޅުގަނޑުމެން ދެމަފިރިން ދިރިއުޅެން ވަކި ތަނެއް އެ ރިސޯޓުގައި ހުންނައިރު، މެނޭޖްމެންޓުން ވެސް ވަރަށް ހެޔޮ،" ނަސީމް ބުންޏެވެ.

ސިލްހޫޓުގައި ރިސޯޓު ހިންގަނީ އެ ރަށުގެ އެއް ބައިގަ އެވެ. އަނެއް ބައިގައި ދިރިއުޅެނީ އެ ރަށުގެ މީހުންނެވެ. ރިސޯޓުގެ ރަސްމީ ވަޒީފާ ނިމުމުން، އޭނާ އެ ރަށުގެ މީހުންނަށް ހެދުން ފަހައި ދެ އެވެ. އަދި އެ ރަށުގެ ސްކޫލުގައި ކިޔަވާ 40 ކުދިންގެ ޔުނީފޯމު ވެސް ފަހައިދެނީ ނަސީމްގެ ދެމަފިރިންނެވެ. ނަސީމް ބުނިގޮތުގައި އެއީ އޭނާ ރިސޯޓުގެ މެނޭޖްމެންޓުގެ އެދުމަކަށް ކޮށްދިން ކަމެކެވެ.

ރިސޯޓުގައި އޭރު އެކަށީގެންވާ ވަރަށް މުވައްޒަފުން ނެތުމުގެ ސަބަބުން އޭނާ ވަނީ ލޯންޑްރީ މެނޭޖަރު ކަމާއި ރޫމް ޑިވިޒަން މެނޭޖަރުކަން ވެސް ކޮށްފަ އެވެ.

ނަސީމް ސީޝެލްސްގެ ރައީސްއާ ހަމައަށް

ނަސީމަކީ، މީގެ 63 އަހަރު ކުރިން "އެކުވެރި ސުވާދީބު ޖުމްހޫރިއްޔާ"ގެ ނަމުގައި ދެކުނުގެ ތިން އަތޮޅުގައި ވަކި ދައުލަތެއް ގާއިމްކުރެއްވި އަދި ފަހުން ސީޝެލްސްއަށް ދިރިއުޅުން ބަދަލުކުރެއްވި އަފީފްގެ ތިމާގެ މީހެކެވެ. އަފީފްގެ ބައެއް ބޭފުޅުން ތިއްބެވީ ސީޝެލްސްގެ މަތީ މަގާމުތަކުގަ އެވެ. އެ ގައުމުގައި 2004 އިން ފެށިގެން 2016 އާ ހަމައަށް ވެރިކަން ކުރެއްވި ޖޭމްސް މިޝޭލްއާ ނަސީމްއާ ދިމާވީ ވެސް އެ ގުޅުމުގެ ތެރެއިންނެވެ.

ސީޝެލްސްގެ ރިސޯޓެއް: ނަސީމު ވަނީ ބައެއް ރިސޯޓްތަކުގައި މަސައްކަތްކޮށްފައި

ސީޝެލްސްގެ ރިސޯޓެއް: ނަސީމު ވަނީ ބައެއް ރިސޯޓްތަކުގައި މަސައްކަތްކޮށްފައި

"އަފީފްގެ ބޭފުޅެއް ކަމަށްވާ އިބްރާހީމު އެއް ދުވަހު ތުރުކުރައްވައިގެން ހުންނެވި ފަޓުލޫނު މިޝޭލްއަށް ކަމުގޮސްގެން، އެހީ ކާކު ފެހި ފަޓުލޫނެއް ހެއްޔޭ. ދެން އޭނާ ތިމަންނަގެ ކޮއްކޮއެކޭ ބުނީމައި ރައީސް ވެސް ބޭނުންފުޅުވީ އަޅުގަނޑު އެމަނިކުފާނުގެ ފަޓުލޫނު ފަހަން،" ނަސީމް ކިޔައިދިނެވެ.

އޭނާ ބުނީ ފަޓުލޫނުކޮޅު ފަހަން ރައީސް އެދިވަޑައިގެންނެވި ނަމަވެސް އޭނާއަށް ކަމުދާ ފޮއްޗެއް ސީޝެލްސްއަކުން ނުލިބުނެވެ. އެހެންވެ، ފަޓުލޫނުކޮޅު ފަހަން އޭނާ 12 ގަނޑު ފޮތި މާލޭން ގަނެގެން ގެންދިޔައީ އެވެ.

"ދެން ރައީސަށް ވަރަށް ކަމުދިޔަ. ވިދާޅުވި ދެން ތިމަންނަގެ ފަޓުލޫނު ފަހަން ޖެހޭނީ ނަސީމޭ،" އޭނާ ކިޔައިދިނެވެ.

ކެބިނެޓް މިނިސްޓަރުންގެ ފަޓުލޫނުކޮޅުތައް ވެސް އޭނާ ފަހައިދިނީ ހަމަ އެގޮތަށެވެ. ކޮންމެ ފަޓުލޫނަކަށް އޭނާއަށް 1،000 ރުފިޔާގެ އަގެއް ދެއްވި އެވެ.

"އެހާ އަމާން ތަނެއްގައި އުޅެފައި އައުމުން ހީވީ ބޮލުގައި ބެލްޓެއް އަޅައި ބާރުކޮށްލާފައި ހުރިހެން. މަގުމައްޗަށް ނިކުތީމައި ވާހަކައަކަށް އިވެނީ ވަޅި ޖަހައި މީހުން މަރާ އަޑު"

ފަޓުލޫނުކޮޅު ފަހައިދޭން ފެށި ހިސާބުން ނަސީމާއި ރައީސް މިޝޭލްއާ ދެމެދު އޮތީ ވަރަށް ގާތް ގުޅުމެކެވެ. ރައީސް ހުންނަވާ ގެކޮޅަށް ނަސީމް ގިނައިން ދެ އެވެ. އަދި މާލެ އައުމުން ވެސް ގުޅައި ހާލު އަހުވާލު ބަލަ އެވެ. މާލޭގައި ހުރެގެން ވެސް ފަޓުލޫނުކޮޅު ފަހައިދޭން މިޝޭލް އެދިވަޑައިގަންނަވާ ކަމަށް ނަސީމް ބުންޏެވެ.

ސީޝެލްސްގައި ނަސީމުގެ ދިރިއުޅުން

ނަސީމާ ވާހަކަ ދައްކާލަން އިން ދޮޅު ގަޑިއިރުގެ ތެރޭގައި އޭނާއަށް ގިނައިން ދެއްކުނީ ސީޝެލްސްގެ ރީތި ވާހަކަ އާއި މީހުން ހެޔޮ ވާހަކަ އެވެ. ވެރިންގެ އާދައިގެ ދިރިއުޅުމާއި އެ މީހުންގެ އަދުލުވެރިކަމެވެ. އަދި އެ ގައުމުގައި ކުށްކުރާ މިންވަރު މަދުވުމާއި ދިރިއުޅެން ފަސޭހަ ވާހަކަ އެވެ. ނަސީމު ދެކޭ ގޮތުގައި އެއީ ދިރިއުޅެން އެންމެ ރަނގަޅު އެއް ގައުމެވެ.

"މަހުން ލަފާއިރު ގޮނޑުދޮށުގައި މީހަކު ހުރިއްޔާ އެ މީހަކަށް ހިލޭ މަހެއް ލިބޭނެ. ގޭގެ އިންފާރެއް ނުހުންނާނެ. އެހެންވެ، ދޮންކޭލާއި ލުނބޮލާއި މިރުސް ފަދަ ގަސްތަކަކީ ހުރިހާ އެންމެންގެ އެއްޗެހި. އެ އެއްޗެހި ބޭނުން ކުރުމުގައި އެއްވެސް މީހެއްގެ ހުއްދަ ހޯދާކަށް ނުޖެހޭނެ،" ސީޝެލްސްގެ ދިރިއުޅުން ކުޑަކޮށް ކިޔާލަދޭން އެދުމުން ނަސީމު ބުންޏެވެ.

ރާއްޖޭން ބޭރުގައި ދިރިއުޅުނު ނަމަވެސް އޭނާ ގިނައިން ކެއީ ގަރުދިޔަ އާއި ބަތެވެ. އެކަމަކު ސީޝެލްސްއަށް އޭނާ ހިތްޖެހުނުލެއް ބޮޑުކަމުން އެ ގައުމުގެ ރައްވެއްސަކަށް ވެސް އެންމެ ފަހުން ވީ އެވެ.

ރާއްޖެ އެނބުރި އަންނަން ހިތުގައި ނެތް ނަމަވެސް، އުމުރުން 60 އަހަރު ވުމާ އެކު ރިޓަޔާ ކުރަން ނަސީމަށް ޖެހުނެވެ. އަދި ކާފަ ދަރިން ކައިރީ ހުންނަން ބޭނުންވާތީ އެންމެ ފަހުން، 2016 ގައި އޭނާ ރާއްޖެ ބަދަލުވީ އެވެ.

"އެކަމަކު އެހާ އަމާން ތަނެއްގައި އުޅެފައި އައުމުން ހީވީ ބޮލުގައި ބެލްޓެއް އަޅައި ބާރުކޮށްލާފައި ހުރިހެން. މަގުމައްޗަށް ނިކުތީމައި ވާހަކައަކަށް އިވެނީ ވަޅި ޖަހައި މީހުން މަރާ އަޑު،" ނަސީމް ބުންޏެވެ.

މާލެ އައި ފުރަތަމަ ދުވަސްކޮޅު އޭނާ ތިން މަސް ދުވަސް ވަންދެން ގެއިން ނުނިކުމެ ހުއްޓެވެ. އެކަމަކު މާލޭގެ ދިރިއުޅުމަށް މަޑުމަޑުން ހޭނި، މިހާރު އޭނާ ހުޅުމާލޭގައި ދިރިއުޅެނީ، އަމިއްލަ ހިތްހަމަޖެހުމަށް ކުޑަ ފަހާ ތަނެއް ވެސް ހުޅުވައިގެންނެވެ.