08 ފެބުރުއަރީ 2018
ކޮންމެ "ރާޅެއް" ނެގިޔަސް، ސަރުކާރާއި ޕީޕީއެމުން ތިބީ ވިސްނައިގެން ކަމަށް އެ ޕާާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ކޮންމެ "ރާޅެއް" ނެގިޔަސް، ސަރުކާރާއި ޕީޕީއެމުން ތިބީ ވިސްނައިގެން ކަމަށް އެ ޕާާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ޖަލު ހުކުމް ތަންފީޒު ކުރަމުން ގެންދަވާ އިދިކޮޅު ސިޔާސީ ބައެއް ބޭފުޅުން ދޫކުރަން ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އަމުރު ފަހުން، ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ބާތިލް ކުރުމާ ގުޅިގެން ސަރުކާރަށް އިންޒާރު ދެއްވައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވީ ދެން ނަގާ "ރާޅު" މާ ބޮޑުވާނެ ކަަމަށެވެ.
ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އަބްދުއްރަހީމް ވިދާޅުވީ ސަރުކާރާއި ޕީޕީއެމުން ކަންކަން ކުރާނީ ރޭވުންތެރިކަމާއި ވިސްނުންތެރިކަމާއެކު ކަމަށެވެ. އަދި މަހްލޫފް ދައްކަވާހާ ވާހަކައަކަށް ރައްދު ދެއްވަން ބޭނުން ނުވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން އެކި ގަޑިތަކުގައި ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަނީ ގައުމު ހަލަބޮލި ކުރުމުގެ ބޭނުމުގަ އެވެ. ޕީޕީއެމުން ރާއްޖޭގެ ކަންކަން ހިނގާ ގޮތް މާ ގާތުން ހާމަކޮށްދޭނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
ސަރުކާރު ވައްޓާލަން އިދިކޮޅު ފަރާތްތަކުން ކުރި ކަމަށް ސަރުކާރާއި ޕީޕީއެމުން ބުނާ ބަޣާވާތާ ގުޅޭ ގޮތުން އަބްދުއްރަހީމް ވިދާޅުވީ ގައުމަށް ދިމާވާ ކޮންމެ ކަމެއްގައި ފުލުހުންނާއި ސިފައިން މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. އަދި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރާއި ބަންޑާރަ ނައިބު މުހައްމަދު އަނިލް އާއި ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފަކީ ގައުމީ ބަތޮލުން ކަމަށާއި އެބޭފުޅުންގެ ނަން، ރަން އަކުރުން ލިޔަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމުން ރޭ ބޭއްވި ޖަލްސާގައި މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު ދެއްކެވި ވާހަކަތަކާ ގުޅިގެން އަސްމާއަށް އެކި ފަރާތްތަކުން އިންޒާރު ދެމުން އަންނަ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެކަމަކު އަސްމާއަކީ ބަޔަކު ދައްކާ ބިރަކަށް ޖެހިލުންވާ ބޭފުޅެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އަބްދުއްރަހީމް އެ އިޝާރާތް ކުރައްވަނީ، ޕީޕީއެމުން ވަކިވެވަޑައިގެންނެވި މަޖިލީހުގެ މެމްބަރުން އެ ޕާޓީއާ އަލުން ގުޅިވަޑައިނުގެންފި ނަމަ، އެ މެމްބަރުންގެ ދާއިރާތަކަށް ވެސް އަރާވަޑައިނުގެންނެވޭނެ ކަމަށް ވިދާޅުވެ، ޕީޕީއެމްގެ އަންހެނުންގެ ފަރާތުން ރޭ ބޭއްވި ޖަލްސާގައި އަސްމާ ދެއްވި އިންޒާރަށެވެ.
"އަސްމާއަކީ މީހަކު ދައްކާ ވާހަކައަކަށް ބިރުގަންނަ މީހެއް ނޫން. އަސްމާ ހުންނެވީ ސާބިތުކަމާއެކު،" އަސްމާ ވެސް ބައިވެރިވެވަޑައިގެންނެވި ނިއުސް ކޮންފަރެންސްގައި އަބްދުއްރަހީމް މިއަދު ވިދާޅުވި އެވެ.
ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ބަޣާވާތް ނާކާމިޔާބުކޮށްލެވުނީ ރައީސް އަބްދުﷲ ޔާމީންގެ މަސައްކަތްޕުޅުންނެވެ. އަދި ދުނިޔޭގެ މިވަގުތު ހުންނެވި އެންމެ ވަރުގަދަ ކޮމާންޑަރަކީ ރައީސް ޔާމީން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ބާނީ މައުމޫން އަބްދުލްގައްޔޫމް ހައްޔަރުކޮށް ދޫނިދު އަށް ވަނީ ގެންގޮސްފަ އެވެ. ފުލުހުން ބުނި ގޮތުގައި އެމަނިކުފާނު ހައްޔަރު ކުރީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީ، ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުގަ އެވެ. އެކަމާ ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ ތަހުގީގު ކުރަމުންދާ ކަމަކަށް ވާތީ ކޮމެންޓެއް ކުރަން ބޭނުން ނުވާ ކަމަށެވެ.
ޕީޕީއެމުން ވަނީ މާދަމާރޭ ކާނިވާ ސަރަހައްދުގައި ބޮޑު ޖަލްސާއެއް ބާއްވަން ނިންމައިފަ އެވެ. އަދި ހޮނިހިރު ދުވަހުގެ ހަވީރު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ތަފާތު ހަރަކާތްތަކެއް ބާއްވަން ނިންމައިފަ އެވެ.
އިބޫ ވައުދުވުން ހުއްޓާލައްވާ: އަބްދުއްރަހީމް
މާލޭގެ އަމަން ނަގާލުމަށް އެމްޑީޕީން ބޭނުންވޭ: ނިހާނު
ޕީޕީއެމްގެ "ނަވަށް" އިދިކޮޅު މީހުން އަރުވަން ޖެހޭ
އިންތިހާބަށް ސަރުކާރުން ދަނީ ނުފޫޒު ފޯރުވަމުން: އަދުރޭ
ނަޝީދުގެ ފަހަތަކަށް ޕީޕީއެމް ނާރާނެ: އަބްދުއްރަހީމް
"ޔާމީން ތާއީދުކުރައްވާ ނިޒާމެއް ނަޝީދަކަށް ނޭނގޭނެ"
އިންސާފުވެރި ނަމަ ސަރުކާރު ބަލިކުރާނަން: އިދިކޮޅު
ވަހީދުގެ ކެރުންތެރިކަން އެމްޑީޕީއަށް އެނގޭނެ: އިދިކޮޅު
ރެސިޑެންސް ވިސާގެ އިސްލާހު އަނބުރާ ގެންދޭ:އިދިކޮޅު
"ތެޔޮ ވިޔަފާރީގެ ވާހަކަ ދައްކަނީ ވަހީދު ދެކެ ބިރުން"