Roadha Mihaaru
ތޮއްޓާއެކު ކާލަން ހާއްސަ ދޮންކޭލެއް

ތޮއްޓާއެކު ކާލަން ހާއްސަ ދޮންކޭލެއް

05 ފެބުރުއަރީ 2018

ތޮއްޓާ އެކު ދޮންކެޔޮ ކެއުމަކީ މިހާރުވެސް ކުރާ ކަމެކެވެ. އެކަމަކު ޖަޕާނުން މިކަމަށް ހާއްސަ ދޮންކޭލެއް ހައްދަން ފަށައިފި އެވެ. މި ދޮންކެޔޮ ވިއްކަނީ ޚާއްސަ ފިހާރައެއްގަ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ތޮއްޓާ އެކު ދޮންކެޔޮ ކެއުމަކީ މިހާރުވެސް ކުރާ ކަމެކެވެ. އެކަމަކު ޖަޕާނުން މިކަމަށް ހާއްސަ ދޮންކޭލެއް ހައްދަން ފަށައިފި އެވެ. މި ދޮންކެޔޮ ވިއްކަނީ ޚާއްސަ ފިހާރައެއްގަ އެވެ.

އާދައިގެ ދޮންކޭލާ ޚިލާފަށް މި ދޮންކޭލަކީ މާ މަޑު އަދި ފޮނި އެއްޗެއް ކަމަށްވެ އެވެ. އަދި މީގެ ތޮއްޓަކީ ކެވޭ އެއްޗެކެވެ. ޖަޕާނު މީހުން މި ވައްތަރު ދޮންކޭލަށް ކިޔަނީ "މޮންގީ" އެވެ. މާނަ އަކީ "ސުޕަ ބަނާނާ" އެވެ.

މީގެ ދޮންކެޔޮވަކެއްގެ އަގު ހަ ޑޮލަރަށް އެރިޔަސް މި ވައްތަރުގެ ދޮންކެޔޮ ގަންނަން ބޭނުންވާ މީހުން މަދެއް ނޫނެވެ. އެގޮތުން އޮކަޔާމާގައި ހުންނަ ޓެންމާޔާ ސްޓޯރަށް މި ދޮންކެޔޮ ގަންނަން ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ޒިޔާރަތް ކުރެ އެވެ.

މި ދޮންކެޔޮ ހައްދާ ކުންފުނިން ސީއެންއެން އަށް ކިޔައިދިން ގޮތުގައި ޑިމާންޑާ އެއްވަރަށް ދޮންކެޔޮ ހައްދަން އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ދޮންކޭލަކީ ޖަޕާނުގައި އެންމެ މަގުބޫލު މޭވާތަކުގެ ތެރޭގައި ހިމެނޭ މޭވާ އެކެވެ. ނަމަވެސް އެ ގައުމުގައި ދޮންކެޔޮ ހައްދަން އުނދަގޫކަމުން އެ ގައުމުގައި ގިނައިން ހުންނަނީ ފިލިޕީންސުން އިމްޕޯޓްކުރާ ދޮންކޭލެވެ.

ނަމަވެސް "ސުޕަ ބާނާނާސް" ހައްދާ ކުންފުނި ކަމަށްވާ ޑީއެންޑްޓީ ފާމުން އުންމީދުކުރަނީ ދަނޑުވެރިކަން ކުރާ މެތަޑަކަށް ބަދަލު ގެނެސްގެން މި ގޮތަށް ދޮންކެޔޮ ހެއްދުން އިތުރު ކުރެވޭނެ ކަމަށެވެ.

އާއްމުކޮށް ދޮންކެޔޮ ހެދެނީ 30 ޑިގްރީ ސެލްސިއަސްގަ އެވެ. ނަމަވެސް ޑީއެންޑްޓީ ފާމުން ބުނަނީ ޚާއްސަ ގްރީންހައުސް އެއްގެ ތެރޭގައި މިއަށް ވުރެ މާ ފިނި ޓެމްޕްރޭޗަރެއްގައި ދޮންކެޔޮ ހެއްދޭނެ ގޮތެއް އެމީހުން ހޯދާފައިވާ ކަމަށެވެ.

މިގޮތަށް ދޮންކެޔޮ ހެއްދުމުގައި އެންމެ ފުރަތަމަ މަރުހަލާގައި ދޮންކޭލުގެ ސެލްތައް ގަނޑުކޮށްލަނީ އެވެ. މިކަމުގެ ސަބަބުން ދޮންކޭލުގެ ތޮށިގަނޑު ވެސް ކެވޭ އެއްޗަކަށްވެ އެއިން ސިއްހަތަށް ލިބޭ ފައިދާތައް ވެސް އިތުރުވެ އެވެ.

ރިސާާޗަރުން ބުނަނީ ދޮންކެޔޮ ނޫނަސް ހޫނު ހިސާބުގައި ހެދޭ ފަޅޮލާއި އަލަނާސި ފަދަ ތަކެތި ވެސް މިގޮތަށް ހެއްދޭނެ ކަމަށެވެ.

ސުޕަ ބާނާނާގައި ލަނީ ކޮން ރަހައެއް ބާއެވެ؟ ސޯރާނިއުސް24 ކިޔާ ވެބްސައިޓަކުން ބުނަނީ މި ދޮންކޭލުގައި ހުންނަނީ އަލަނާސީގައި ލާ ކަހަލަ ރަހައެއް ކަމަށެވެ. ތޮށިގަނޑުގައި ވަކި ރަހައެއް ނުލާ ކަމަށް ވެސް ބުނެފައިވެ އެވެ.

މި ކުންފުނީގެ ސީއީއޯ ޓަނަކާ ބުނި ގޮތުގައި މިގޮތަށް ދޮންކެޔޮ ހެއްދުމުގެ ޚިޔާލު އައީ ދޮންކެޔޮ ވަރަށް މީރުވެގެން އުޅޭ އޭނާގެ ވަރަށް މުއްސަނދި ބޮޑުބޭބެއެއްގެ ޚިޔާލަށެވެ. ބޮޑުބޭބެ ބޭނުންވީ ޖަޕާނުގައި ދޮންކެޔޮ ހެދޭނެ ގޮތެއް ހޯދަން ކަމަށް އޭނާ ބުންޏެވެ.

ޓަނަކާ ބުނާ ގޮތުގައި މި ޕްރޮޖެކްޓް ކާމިޔާބުކުރުމަށް އޭނާގެ ބޮޑުބޭބެ ވަނީ 40 އަހަރު ތެރޭގައި 4.6 މިލިއަން ޑޮލަރު ޚަަރަދު ކޮށްފަ އެވެ.