Roadha Mihaaru
ސްކޫލުތަކުން މިއަދު ފެނުނު ރީތި މަންޒަރު

ސްކޫލުތަކުން މިއަދު ފެނުނު ރީތި މަންޒަރު

01 ފެބުރުއަރީ 2018

މިއަދު ސޯޝަލް މީޑިއާގައި އެންމެ ގިނައިން ދައުރުވީ އެކި ސްކޫލުތަކުގެ ދަރިވަރުން ޔުނީފޯމުގައި ގުރުއާން ކިޔަވަން ތިބި ފޮޓޯތަކެވެ. ކްލާސްރޫމުގައި ބިންމަތީގައި އިށީނދެލައިގެން ކިޔަވަން ތިބިއިރު، ސްކޫލުގެ ގޯތި ތެރޭގައި ވެސް ގޮނޑި އަތުރާލައިގެން ބައިބަޔަށް ގުރުއާން ކިޔަވަން ތިބި މަންޒަރު ފެނުނެވެ. އަދި މިއަދު ފަތިހު ކޮންމެ ރަށެއްގެ ވެސް މިސްކިތް ފުރާލާފައި އޮތީ ސްކޫލު ޔުނީފޯމުގައި ތިބި ދަރިވަރުންނެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މިއީ މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުން ހޯދި މޮޅު ނަތީޖާ ފާހަގަކުރުމަށް ސްކޫލުތަކުގައި ހިންގި ހަރަކާތްތަކެވެ. އެކަމަކު އެންމެ ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ، މީގެ ކުރިން ރާއްޖޭގެ ސްކޫލުތަކުގައި ފާހަގަ ނުކުރާ ދުވަހެއް ފާހަގަ ކުރުމަށް ހިންގި ތަފާތު ހަރަކާތްތަކެވެ.

އޯލެވެލްގެ ކާމިޔާބީ ފާހަގަ ކުރުމަށް ސ. ހިތަދޫ ސްކޫލުގެ ތުއްތު ކުދިންތަކެއް ގުރުއާން ކިޔަވަނީ

އޯލެވެލްގެ ކާމިޔާބީ ފާހަގަ ކުރުމަށް ސ. ހިތަދޫ ސްކޫލުގެ ތުއްތު ކުދިންތަކެއް ގުރުއާން ކިޔަވަނީ

"ހުރިހާ ކުދިން އެކުގައި ނަމާދަށް ހުއްޓި ހުރިތަން ފެނުމުން ވަރަށް އުފާވި. ވަރަށް ފުރިިހަމަ މަންޒަރެއް މިއީ. ބަލާލުމުން ވެސް ހިތްހަމަޖެހޭ،" ރ. ކިނޮޅަސް ސްކޫލުގެ ޕްރިންސިޕަލް ފަޒީލާ އަބްދުލްޣަފޫރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކިނޮޅޮހު ސްކޫލުގައި ބައެއް ދުވަސް ދުވަހު، ގިނަ ކުދިންތަކެއް އެކުގައި ގުރުއާން ކިޔެވި ނަމަވެސް އެހާ ގިނަ ކުދިން އެއްފަހަރާ ގުރުއާން ކިޔެވި މިއީ ފުރަތަމަ ފަހަރު ކަމަށެވެ. އިރު އަރައިގެން އައި އިރު، މުޅި ސްކޫލުގައި އެއް އަޑަކަށް އޮތީ ކުދިން ގުރުއާން ކިޔަވާ އަޑު ކަމަށް ފަޒީލާ ވިދާޅުވި އެވެ.

"ވަރަށް ހަމަޖެހިލައިގެން ހުރިހާ ކުދިން ވެސް ތިބީ. އެކަކަށް ވުރެ އަނެކަކު ބާރަށް ކިޔެވޭތޯ ބަލަން ހަދައިގެން އެއް އަޑަކަށް އޮތީ ގުރުއާން ކިޔަވާ އަޑު. ހުރިހާ ކުދިން ވެސް ވަރަށް އެކްސައިޓްވެފައި ތިބީ،" އޭނާ ވިދާޅުވި އެވެ.

އޯލެވެލްގެ ކާމިޔާބީ ފާހަގަ ކުރުމަށް ޝަރަފުއްދީންގެ ދަރިވަރުންތަކެއް ގުރުއާން ކިޔަވަނީ

އޯލެވެލްގެ ކާމިޔާބީ ފާހަގަ ކުރުމަށް ޝަރަފުއްދީންގެ ދަރިވަރުންތަކެއް ގުރުއާން ކިޔަވަނީ

ރާއްޖޭގެ އެހެން ރަށްރަށެކޭ އެއްގޮތަށް ބ. އޭދަފުށީގައި ވެސް މިއަދު ފަތިސް ނަމާދު ކުރީ ސްކޫލުގެ ހުރިހާ ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުން އެކުގަ އެވެ. ކުރިން އާއްމުކޮށް މިސްކިތުން ނުފެންނަ ދަރިވަރުން ވެސް، ބެލެނިވެރިންނާއެކު ނަމާދު ކުރާތަން ފެނުންވީ ޓީޗަރުންނަށް ވަރަށް އުފާވެރި މަންޒަރަކަށެވެ.

"ހުރިހާ ކުދިންހެން ވެސް މިސްކިތަށް ދިޔަ. އަމިއްލައަށް ފެނިގެން ހުރިހާ ކުދިން އެހެން ނަމާދަށް ދިޔުންވީ އަޅުގަނޑުމެން އަދި ބެލެނިވެރިން ވެސް ވަރަށް ހިތްހަމަ ޖެހުނު ކަމަކަށް،" އެ ރަށުގައި ހުންނަ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ލީޑިން ޓީޗަރު އައިޝަތު ހަލީމް ވިދާޅުވި އެވެ.

އޯލެވެލް އިމްތިހާނުގައި ފަސް މާއްދާއިން ފާސްވި ނިސްބަތް ކަމަށްވާ 77 ޕަސެންޓު ސިފަވާ ގޮތަށް، ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން އެތުރިލައިގެން

އޯލެވެލް އިމްތިހާނުގައި ފަސް މާއްދާއިން ފާސްވި ނިސްބަތް ކަމަށްވާ 77 ޕަސެންޓު ސިފަވާ ގޮތަށް، ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން އެތުރިލައިގެން

މާލޭގެ ބައެއް ސްކޫލުތަކުގެ ދަރިވަރުން އިސްލާމީ މަރުކަޒުގައި ފަތިސް ނަމާދު ކުރި އިރު، ބައެއް ރަށްރަށުގައި ސްކޫލު ގޯތި ތެރޭގައި ވެސް ވަނީ ނަމާދުކޮށްފަ އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ވަނީ، އޯލެވެލްގައި މިދިޔަ އަހަރު ފަސް މާއްދާއިން ދަރިވަރުން ފާސްވި ނިސްބަތް ކަމަށްވާ 77 ޕަސެންޓް ވަރަށް ހާއްސަ ގޮތެއްގައި ފާހަގަކޮށްފަ އެވެ. އެގޮތުން 77 ޕަސެންޓް ސިފަވާ ގޮތަށް ހުރިހާ ދަރިވަރުން އެތުރިގެން މަތިން ފޮޓޯ ނެގި އިރު، މިއީ ވެސް ބަލައިލަން ރީތި ތަފާތު މަންޒަރެކެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކަނޑައެޅި ޝެޑިއުލްގެ ތެރޭގައި ނުހިމެނޭ ކަމަކަށް ވިޔަސް، މިއީ އޯލެވެލްގެ ކާމިޔާބީ ފާހަގަކޮށް، އެކަމުގައި ދަރިވަރުން ބައިވެރިކުރުމަށް ސްކޫލުން ހިންގި ހަރަކާތެކެވެ.

ށ. މާއުނގޫދޫ ސްކޫލުގެ ދަރިވަރުންތަކެއް ގުރުއާން ކިޔަވަނީ

ށ. މާއުނގޫދޫ ސްކޫލުގެ ދަރިވަރުންތަކެއް ގުރުއާން ކިޔަވަނީ

އޯލެވެލްގެ ކާމިޔާބީ ފާހަގަކުރުމަށް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވަނީ އެކަމަށް ހާއްސަ ދުއާއެއްކޮށް، ބޮޑު އެސެމްބްލީއެއް ވެސް ބާއްވާފަ އެވެ.

އޯ ލެވެލްގެ ނަތީޖާއާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ، ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ ނިސްބަތް 77 ޕަސެންޓަށް އަރާއިރު ތިން މާއްދާއިން 93 ޕަސެންޓު ދަރިވަރުން ފާސްވެފައިވާ ކަމަށެވެ. އަދި މިއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އޭނާ ވިދާޅުވި އެވެ.