Roadha Mihaaru
އޯ ލެވެލްގެ ކާމިޔާބީ ފާހަގަކުރަން ހާއްސަ ހަރަކާތްތަކެއް

އޯ ލެވެލްގެ ކާމިޔާބީ ފާހަގަކުރަން މާދަމާ ހާއްސަ ހަރަކާތްތަކެއް

31 ޖެނުއަރީ 2018

މިދިޔަ އަހަރުގެ އޯ ލެވެލް އިމްތިހާނުގައި ރާއްޖޭގެ ދަރިވަރުން ހޯދި ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން މާދަމާ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހާއްސަ ހަރަކާތްތަކެއް ހިންގަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މިދިޔަ އަހަރުގެ އޯ ލެވެލް އިމްތިހާނުގައި ރާއްޖޭގެ ދަރިވަރުން ހޯދި ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން މާދަމާ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހާއްސަ ހަރަކާތްތަކެއް ހިންގަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެ އިމްތިހާނުން ހޯދި ކާމިޔާބީ ފާހަގަކުރުމުގެ ހަރަކާތްތައް މާދަމާ ފަށާނީ ހުރިހާ ދަރިވަރުން ބައިވެރިވާ ގޮތަށް ކުރާ ފަތިސް ނަމާދުގެ ޖަމާއަތުންނެވެ. މާލޭގައި މިކަން އޮންނާނީ އިސްލާމީ މަރުކަޒުގަ އެވެ. އޭގެ އިތުރުން، ކީރިތި ގުރްއާން ހަތިމް ކުރުމާއި ދުވަހާ ގުޅޭ ހާއްސަ އެސެމްބްލީއެއް ބޭއްވުން ވެސް ހިމެނެ އެވެ. އަދި މާދަމާ ސްކޫލުތަކުގައި ކިޔެވުން ނުބާއްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

އޯ ލެވެލްގެ ނަތީޖާ އާ ގުޅޭގޮތުން މިިދިޔަ އާދިއްތަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ، ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ ނިސްބަތް 77 ޕަސެންޓަށް އަރާ ކަމަށެވެ. އަދި ތިން މާއްދާއިން 93 ޕަސެންޓު ދަރިވަރުން ފާސްވިއިރު، ވަކި ވަކި މާއްދާތަކުން ވެސް ރަނގަޅު ކުރިއެރުމެއް ހޯދާފައިވާ ކަމަށް ވިދާޅުވި އެވެ.

މާދަމާ ބާއްވާ ހަރަކާތުގައި ބައިވެރިވާ ދަރިވަރުންގެ ހާޒިރީ ބަލާނެ ކަމަށް ވެސް ބައެއް ސްކޫލުތަކުން ވަނީ ދަރިވަރުންނަށް އަންގައިފަ އެވެ.

އޯ ލެވެލްގައި ދަރިވަރުން ހޯދި ނަތީޖާ މަތިވެފައިވާ ކަމަށް މިނިސްޓްރީން ބުނި ކަމުގައި ވިއަސް އެއީ އޮޅުވާލުމެއް ކަމަށް އިދިކޮޅު އެމްޑީޕީން ވަނީ ތުހުމަތުކޮށްފަ އެވެ.

އެ ޕާޓިން ނެރުނު ބަޔާނުގައި ބުނީ އޯލެވެލް އިމްތިހާނުގައި ދަރިވަރުން ބައިވެރި ކޮށްފައިވާ ގޮތް ސާފުކޮށްދޭން ޖެހޭ ކަމަށާއި އެކަން ކޮށްފައިވަނީ އިމްތިހާނުގެ ނަތީޖާ އެންމެ ރަނގަޅަށް ވަޒަންކުރެވޭނެ ގޮތަކަށް ނޫން ކަމަށެވެ.