Roadha Mihaaru
ޓާޓާ ފްލެޓް ބީވި މީހުންނަށް ހުޅުމާލެ އިން ފްލެޓް ދެނީ

ޓާޓާ ފްލެޓަށް ފައިސާ ނުދެއްކުނު މީހުންނަށް ހުޅުމާލެއިން ފްލެޓް ދެނީ

31 ޖެނުއަރީ 2018

ފައިސާ ނުދެއްކިގެން ޓާޓާ ފްލެޓް ނުލިބުނު މީހުންނަށް، ހުޅުމާލޭގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓް ދޭން ސަރުކާރުން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ފައިސާ ނުދެއްކިގެން ޓާޓާ ފްލެޓް ނުލިބުނު މީހުންނަށް، ހުޅުމާލޭގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓް ދޭން ސަރުކާރުން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އަރަބިއްޔާ ހުރި ބިމުގައި ހަދާފައިވާ "މާލޭ ގްރޭންޑް" އަދި ގާކޮށީގައި ހަދާފައިވާ "މާލޭ ސްކެއާ"ގެ ފްލެޓްތައް 268 މީހަކަށް ގުރުއަތުން ލިބިފައިވާ އިރު ފްލެޓްތައް ދިނީ ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ދެއްކި މީހުންނަށެވެ. ފްލެޓްތައް ހަވާލުކުރީ، ފަަސް އަހަރުގެ ތެރޭގައި ދެ މިލިއަން ރުފިޔާ ދެއްކޭނެ ކަމުގެ ޔަގީންކަން ދިން މީހުންނަށެވެ. އެއީ މަހަކު ގާތްގަނޑަކަށް 33،000ރ. އެވެ.

އޭގެތެރެއިން، ފައިސާ ނުދެއްކުނު 105 ފްލެޓް ވިއްކަން ސަރުކާރުން މިއަދު ވަނީ ހުޅުވާލައިފަ އެވެ.

ހައުސިން މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާކޮއްޓާއި އަރަބިއްޔާ ފްލެޓްތަކަށް ހޮވި، ފައިސާ ނުދެއްކުނު ފަރާތްތަކަށް ހުޅުމާލޭގައި ސަރުކާރުން ހިންގާ އަގުހެޔޮ، މަޝްރޫއަކުން ފްލެޓް ދިނުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް ތަފްސީލެއް ނުދެއްވަ އެވެ.

ޓާޓާ ފްލެޓް ލިބުނު ގިނަ އަދަދެއްގެ ބަޔަކަށް ފައިސާ ނުދެއްކުނީ، އެ މަޝްރޫއު ހުޅުވާލިއިރު ފްލެޓެއް ވިއްކަން ކަނޑައަޅާފައި އޮތް މިންވަރަށް ވުރެ އެތައް ގުނަ ބޮޑު އަދަދަކަށް ފްލެޓްތައް ވިއްކަން ނިންމުމުންނެވެ. ސަރުކާރުން 2012 ގައި ބުނެފައި އޮތީ އެ ފްލެޓްތައް ލިބޭ މީހުން، މަހަކު ދައްކަން ޖެހޭ ވަރު އުޅޭނީ 9،725ރ. ގައި ކަމަށެވެ.

ޑައުންޕޭމަންޓްގެ ގޮތުގައި ހަތަރު މަހުގެ ކުލި ދެއްކުމަށް ފަހު ބާކީ ބައި 25 އަހަރަށް ބަހާލައިގެން ދައްކާ ގޮތަށް ވެސް އޭރު އޮތީ ހަމަޖައްސައިފަ އެވެ. އެކަމަކު އެ ފްލެޓް އިމާރާތްކުރުމުގެ އެއްބަސްވުމުން، ދައުލަތަށް ބޮޑު ގެއްލުމެއް ވެފައިވާ ކަމަށް ބުނެ، މި ސަރުކާރުން ފްލެޓްތަކުގެ އަގު ބޮޑުކުރީ އެވެ.

މި ސަރުކާރުން ވަނީ ޓާޓާއަށް އެއް ފަހަރާ 200 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކައިފަ އެވެ. ފްލެޓްތައް އަގުބޮޑުވީ، އެ ދެ ބިން ހަވާލުކުރުމުގައި އެމްޑީޕީ ސަރުކާރުން ގެންގުޅުނު ސިޔާސަތުގެ ސަބަބުން ކަމަށް މިހާރުގެ ސަރުކާރުން ބުނެ އެވެ.