Roadha Mihaaru
ފްލެޓް ލިސްޓު ކެމްޕޭން އޮފީހަށް ނުފޮނުވަން: މިނިސްޓަރު

ފްލެޓް ލިސްޓް ކެމްޕޭން އޮފީހަށް ނުފޮނުވަން: މިނިސްޓަރު

18 ސެޕްޓެމްބަރ 2017

ގެދޮރުވެރިކަމުގެ މަޝްރޫއުން ފްލެޓަށް ކުރިމަތިލީ މީހުންގެ ލިސްޓު، ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމް ހިންގަވާ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭނަށް އޮފީހަށް ފޮނުވާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ދޮގުކުރައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ގެދޮރުވެރިކަމުގެ މަޝްރޫއުން ފްލެޓަށް ކުރިމަތިލީ މީހުންގެ ލިސްޓު، ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމް ހިންގަވާ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭނަށް އޮފީހަށް ފޮނުވާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ދޮގުކުރައްވައިފި އެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުން ފްލެޓް ލިބުނު 661 މީހުން ހޮވީ ރައީސް އަބްދުﷲ ޔާމީން ކެމްޕޭން އޮފީހުން ބައެއް މީހުންނަށް ގުޅައި މައުލޫމާތު އެއްކުރުމަށް ފަހު ކަމަށް ދަނީ ތުހުމަތު ކުރަމުންނެވެ.

ހައުސިން މިނިސްޓްރީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި މި ތުހުމަތާ ގުޅޭގޮތުން ނޫސްވެރިން ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވީ އެއީ ބަޔަކު ފަތުރާ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. ފްލެޓާ ގުޅޭ ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދިޔައީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުން، ވަރަށް މިނިވަންކޮށް ކަމަށް ވިދާޅުވި އެވެ.

ފްލެޓަށް ހައްގުވާ މީހުން ހޮވާފައި ވަނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ބަޔަކަށް އެކަން ކުރެވޭނެ އެންމެ ރަނގަޅަކަށެވެ.

"މި މިނިސްޓްރީގެ މަސައްކަތެއް އަދި ސަރުކާރުގެ އެހެން އެއްވެސް މިނިސްޓްރީއެއްގެ މަސައްކަތެއް، އެތަންތަނުގެ ބޭރުން އެހެން އެއްވެސް ތާކުން ކުރާނެ ކަމަށް ފުރަތަމަ ގަބޫލުކުރުމަކީ ވެސް ދެކޮޅު ނުޖެހޭ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ހައުސިން މިނިސްޓަރު ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މުއިއްޒު ވިދާޅުވީ ހައުސިން މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށް ގެންދަނީ އެ މިނިސްޓްރީގެ މެންޑޭޓުގެ ތެރޭގައި ކަމަށެވެ. އޭގެބޭރުން، ވަކި ގޮތަކަށް ކަންކަން ނުކުރާއިރު، ފްލެޓް ލިސްޓާ ގުޅިގެން ތުހުމަތުތަކެއް ކުރަންވީ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިކުރާ މަސައްކަތާ ފަސްޓް ލޭޑީ ކުރައްވާ މަސައްކަތާ ގުޅުވަންވީ އެއްވެސް ސަބަބެއް ނުވިސްނޭ. އެކަމަނާ އެ ކުރައްވާ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ވެރިކަމަށް ވަޑައިގަތުމުގެ މާކުރީއްސުރެން ވެސް ކުރައްވާ މަސައްކަތެއް ރައީސް ޔާމީން ސިޔާސީ ގޮތުންނާއި އިޖުތިމާއީ ގޮތުން ވެސް ކުރައްވާ. އެކަމަނާ އެ ކުރައްވާ މަސައްކަތާ މެދު ފަޚުރުވެރިވަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެކަމަނާ ކުރައްވަނީ ރާއްޖޭގެ އެއްވެސް ފަސްޓް ލޭޑީއަކު މިހާތަނަށް ނުކުރައްވާ ފަދަ ބުރަ، އަގު ބޮޑު މަސައްކަތެކެވެ.

މިފަހަރު ފްލެޓަށް ޝަރުތު ހަމަވީ 661 މީހުންގެ ލިސްޓު އާއްމުކުރީ، އެއީ ކޮން ބައެއް ކަން ސިއްރުކޮށްފަ އެވެ. މީގެ ކުރިން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ ހުރިހާ މަޝްރޫއުތަކެއްގައި ވެސް ފްލެޓް ލިބުނީ ކޮން ބަޔަކަށް ކަން އާއްމުކުރި އެވެ.

ފްލެޓް ދިން ގޮތާ މެދު ހިތްހަމަނުޖެހިފައި ތިބި މީހުން ބުނި ގޮތުގައި ލިސްޓް އާއްމު ނުކުރީ، ސަރުކާރުން ބޭނުން ބަޔަކަށް ފްލެޓް ދީފައި އޮތުމުންނެވެ. އެކަމަކު ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހަމައެކަނި ފޯމު ނަމްބަރާ އެކު ލިސްޓު އާއްމުކުރީ ފްލެޓް ލިބުނު މީހުންގެ ހައްގުތައް ރައްކާތެރިކޮށް ދިނުމަށް ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ވެސް އެ މައުލޫމާތާ އެކު ލިސްޓް އާއްމުނުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.