Roadha Mihaaru
ރޯ ހައުސްއެއް ގަތީ ހަލާލު ފައިސާ އިން: މިނިސްޓަރު

ރޯ ހައުސްއެއް ގަތީ ހަލާލު ފައިސާ އިން: މިނިސްޓަރު

18 ސެޕްޓެމްބަރ 2017

ހުޅުމާލެ އިން ގޯއްޗެއް ބައްލަވައިގަތީ ހަލާލު ފައިސާ އިން ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހުޅުމާލެ އިން ގޯއްޗެއް ބައްލަވައިގަތީ ހަލާލު ފައިސާ އިން ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު ބައްލަވައިގަތީ 3،388 އަކަފޫޓްގެ ރޯ ހައުސް އެކެވެ. ދާދި ފަހުން ތަރައްގީ ކުރި ރޯ ހައުސްތަކުގެ ތެރޭގައި ހިމެނޭ އެ ރޯ ހައުސް މުއިއްޒު ބައްލަވައިގަތީ 5.9 މިލިއަން ރުފިޔާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ދެއްކެވުމަށް ފަހު އެވެ. އެ މުއާމަލާތް ސައްހަ ކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.

ގެދޮރުވެރިކަމުގެ މަޝްރޫއާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި މި ގޯއްޗާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލު ދެންނެވުމުން މިނިސްޓަރު ވިދާޅުވީ އެ މީހަކަށް ލިބިފައިވާ އާމްދަނީގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަކީ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިގެންވާ ހައްގެއް ކަމަށެވެ. ހުޅުމާލެ އިން ރޯ ހައުސްއެއް ބައްލަވައިގަތީ އެ ގާބިލްކަން ހުރުމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުގެ އަތުގައި ހުރީ ހަލާލު ފައިސާ. ކޮންމެ އިސްލާމަކަށް ދީނުގައި އޮންނަ ހަމަތަކުގެ ތެރެއިން ލިބޭ މުދާ ހުރޭ، ތަރިކަ މުދާ ވެސް ހުރޭ. އަދި އެހެން ގޮތްގޮތުން ލިބޭ މުދާ ވެސް ހުރޭ. އެހެންވީމަ އެ އޮންނަ ނިޒާމުގެ ތެރެއިން އަޅުގަނޑަށް ވެސް ލިބިފައިވާ މުދަލެއްގެ ބޭނުން ހިފުމަކީ އަޅުގަނޑުގެ ހައްގެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ގާނޫނުތަކާއި އޮންނަ އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ.

މިނިސްޓަރަކަށް ހުންނަވައި ގޯއްޗެއް ބައްލަވައިގަތުން ގާނޫނު އަސާސީއާ ޚިލާފު ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވެފައިވާތީ އެ ކަމަށް ރައްދު ދެއްވައި ވިދާޅުވީ "ފުންނާބު އުސް ލޯޔަރަކު އެހެން ވިދާޅުވުމުން އަޖައިބުވެވަޑައިގަންނަވާ" ކަމަށެވެ.

"އެ ބޭފުޅަކީ ގާނޫނުއަސާސީގެ އަލިފު އެނގޭ ބޭފުޅަކަށް ވާނަމަ އެނގޭނެ ކަނޑައެޅިގެން ތާކުންތާކު ނުޖެހޭ ވާހަކައެއް ކަން އެ ވިދާޅުވެވުނީ،" މުއިއްޒު ވިދާޅުވި އެވެ.

ހުސްނުއްސުއޫދު ވިދާޅުވެފައި ވަނީ މިނިސްޓަރު މުއިއްޒު ރޯ ހައުސް ބައްލަވައިގަތުމަކީ ގާނޫނުއަސާސީގެ 136 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށެވެ.

ވަޒީރުން ކުރުން މަނާ ކަންކަން ބަޔާންކުރާ އެ މާއްދާގައި ބުނަނީ ދައުލަތުގެ މުދަލާއި ބިން ގަނެ، ނުވަތަ ކުއްޔަށް ހިފައިގެން ނުވާނެ ކަމަށެވެ. އަދި ދައުލަތާ އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވޭ މުއާމަލާތެއްގައި ވަޒީރުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު، އެ މެމްބަރެއްގެ މާލީ އެއްވެސް މަސްލަހަތެއް ބާއްވައިގެން ނުވާނެ ކަމަށް ވެސް ބުނެ އެވެ.