Roadha Mihaaru
ފްލެޓް ދޭނީ އިންސާފުން، ހައްގުވެރިންނަށް: މުއިއްޒު

ފްލެޓް ދޭނީ އިންސާފުން، ހައްގުވެރިންނަށް: މުއިއްޒު

06 މެއި 2018

ބޯހިޔާވަހިކަން ފޯރުކޮށްދޭން މި ސަރުކާރުން މިއަދު ފުރުސަތު ހުޅުވައިލި 7،000 ފްލެޓް ދޭނީ ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު އެންމެ ހައްގުވެރިންނަށް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ބޯހިޔާވަހިކަން ފޯރުކޮށްދޭން މި ސަރުކާރުން މިއަދު ފުރުސަތު ހުޅުވައިލި 7،000 ފްލެޓް ދޭނީ ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު އެންމެ ހައްގުވެރިންނަށް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުގެ ފުރަތަމަ މަޝްރޫއުން ފްލެޓް ދޫކުރީ ވަކި ބަޔަކަށް، ބޭއިންސާފުން ކަމަށް ކުރާ ޝަކުވާތަކަށް ރައްދު ދެއްވައި މިނިސްޓަރު ވިދާޅުވީ އޭރު ވެސް ފްލެޓް ދޫކުރީ އިންސާފުން ހައްގުވެރިންނަށް ކަމަށެވެ. ހަމަ އެގޮތަށް، މި ފަހަރުގެ މަޝްރޫއުން ވެސް ފްލެޓް ދޭނީ އެންމެ ނިކަމެތިންނަށް އިސްކަންދޭ އުސޫލުން ކަމަށް ވިދާޅުވި އެވެ.

HIYAA 2018

HIYAA 2018

Hiyaa

ފްލެޓަށް އެދޭ ފޯމު މި ލިންކުން ޑައުންލޯޑް ކުރެވޭނެ.

މުއިއްޒު ވިދާޅުވި ގޮތުގައި ފްލެޓް ދޫކުރުމާއި އެހެން ކަމެއްގައި ވެސް ރައީސް އަބްދުﷲ ޔާމީން ބޭއިންސާފުން އެއްވެސް ކަމެއް ނުކުރައްވާނެ އެވެ. ފްލެޓް ދޭނީ އިންސާފުވެރިކަމާއި ހަމަހަމަކަމާ އެކު ކަމުގެ 100 ޕަސެންޓް ޔަގީންކަން ދެއްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ފްލެޓަށް އެދޭ ފޯމް ހޯދުމަށްޓަކައި ދަރުބާރުގޭގައި މިއަދު މީހުން ތޮއްޖެހިފައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

ފްލެޓަށް އެދޭ ފޯމް ހޯދުމަށްޓަކައި ދަރުބާރުގޭގައި މިއަދު މީހުން ތޮއްޖެހިފައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

"އިސްކަންދޭނީ އެންމެ ނިކަމެތި މީހާ އަށް. މި ފަހަރުގެ ފޯމުތަކުގައި އަޅުގަނޑުމެން، އެބަ ދެން ފޯމުގައި އެ މީހާގެ ހާލަތު ބަޔާންކޮށްދޭން، ތަފްސީލްކޮށް ލިޔެވޭނެ ފުރުސަތު ދީފައި އޮންނާނެ،" މުއިއްޒު ވިދާޅުވި އެވެ.

ފޯމު ދޫކުރުމަށް ދަރުބާރުގޭގައި ބަހައްޓާފައިވާ މޭޒެއްގެ ކައިރީގައި މިނިސްޓަރު މަޑުކޮށްލައްވައިގެން. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ފޯމު ދޫކުރުމަށް ދަރުބާރުގޭގައި ބަހައްޓާފައިވާ މޭޒެއްގެ ކައިރީގައި މިނިސްޓަރު މަޑުކޮށްލައްވައިގެން. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މިނިސްޓަރު ވިދާޅުވީ ތެދުވެރިކަމާ އެކު އެ މީހެއްގެ ހާލަތު ބަޔާންކޮށްދީ ތަފްސީލް ކުރި މިންވަރަކުން، ފްލެޓަށް ޕޮއިންޓް ދޭން ފަސޭހަވާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި މީގެ ކުރިން ހުޅުވާލި ކެޓަގަރީގައި ފްލެޓަށް އެދި ކުރިމަތިލީ 15،000 މީހުންގެ ހައްގު ވެސް ހިމާޔަތް ވާނީ، 7،000 ފްލެޓް ކެޓަގަރީތަކަކަށް ބަހާލައި އެންމެ ނިކަމެތި މީހުންނަށް ފްލެޓް ދޫކޮށްގެންނެވެ. އެ މީހުން އަލުން ފޯމު ހުށަހަޅާ ގޮތަށް ހަމަޖެއްސީ، ދިރިއުޅުމަށް އައި ބަދަލާއި ހާލަތު ދެނެގަންނަން ކަމަށް ވެސް ވިދާޅުވި އެވެ.

"ކުރިން ފްލެޓަށް ލީ 15،000 މީހުންގެ ތެރޭގައި ވެސް ހިމެނޭނެ، ޒުވާނުންނާއި ފުލުހުންނާއި ސިފައިންނާއި ނަރުހުންނާއި ޑޮކްޓަރުންނާއި އެކަނިވެރި މައިން ފަދަ މިހާރު ހުޅުވާލާފައިވާ ހުރިހާ ކެޓަގަރީއެއް ވެސް. އެ މީހުންގެ ހައްގު ވެސް ހިމާޔަތް ވާނީ މި ކެޓަގަރީގައި ހިމަނައިގެން،" މިނިސްޓަރު ވިދާޅުވި އެވެ.

"ކުރީގެ [ސްކީމުން] ހުޅުވާލީ އެންމެ ދެ ދޮރާށި މިސާލަކަށް. އެކަމަކު މި ފަހަރު މި ހުޅުވާލީ 17 ދޮރާށި، މާނައަކީ ހައްގުތައް ބޮޑަށް ހިމާޔަތްކޮށްދެވޭ ގޮތަށޭ މި ފަހަރު މިއޮތީ."