Roadha Mihaaru
މެންޗެސްޓާ ސިޓީ އާއި ޗެލްސީ ފަސް ވަނަ ބުރަށް

މެންޗެސްޓާ ސިޓީ އާއި ޗެލްސީ ފަސް ވަނަ ބުރަށް

29 ޖެނުއަރީ 2018

ލަންޑަން (ޖެނުއަރީ 29) - އިނގިރޭސި އެފްއޭ ކަޕްގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ ޗެލްސީ އާއި މެންޗެސްޓާ ސިޓީ މުބާރާތުގެ ފަސް ވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ޖެނުއަރީ 29) - އިނގިރޭސި އެފްއޭ ކަޕްގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ ޗެލްސީ އާއި މެންޗެސްޓާ ސިޓީ މުބާރާތުގެ ފަސް ވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.

ސިޓީ މޮޅުވީ ރަށުން ބޭރުގައި ކާޑިފް ސިޓީ އަތުން 2-0 އިންނެވެ. އަދި އަމިއްލަ ދަނޑުގައި ޗެލްސީ މޮޅުވީ ނިއުކާސަލް ޔުނައިޓެޑާ ވާދަކޮށް 3-0 އިންނެވެ.

ކާޑިފް ދަނޑުގައި ކުޅުނު މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ ރަހީމް ސްޓާލިން އާއި ކެވިން ޑިބްރޭނާ އެވެ. ކާޑިފް އިން މި މެޗު ނިންމާލީ 10 ކުޅުންތެރިންނާ އެކު އެވެ. އެއީ މެޗުގެ އިތުރު ވަގުތުގައި އެ ޓީމުގެ ޖޯއީ ބެނެޓަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ.

ރޭގެ މެޗުގައި ސިޓީގެ ލެރޯއީ ސާނޭގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ އަށް މަހެއްހާ ދުވަހު ކުޅުމާ ދުރު ހުންނަން ޖެހޭނެ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

"އަހަރެން މި ޓީމުގެ ކުޅުންތެރިންނަށް ތައުރީފް ކުރުން ނޫން އެހެން ކަމެއް ނުކުރާނަން. އެއީ އަރާމްކުރަން ފުރުސަތެއް ނުލިބި މި ކުޅުންތެރިން މި ކުރަނީ ވަރަށް ބުރަ މަސައްކަތެއް. ޗެމްޕިއަންޝިޕް ޓީމުތަކާ ދެކޮޅަށް ކުޅެން ޖެހުނަސް އަހަރެމެން އެފްއޭ ކަޕަށް އިހުތިރާމްކުރަން. އެއީ ސިޓީ އަކީ ވަކި މުބާރާތްތަކަކަށް ޓާގެޓްކުރާ ޓީމެއް ނޫން،" ގާޑިއޯލާ ބުންޏެވެ.

ޗެލްސީން ރޭގެ މެޗުގައި ޖެހި ތިން ގޯލުގެ ތެރެއިން ދެ ލަނޑު ޖެހީ ބެލްޖިއަމްގެ ފޯވާޑް މިޝީ ބަޓްޝުއާޔީ އެވެ. އަނެއް ލަނޑު ޖެހީ ސްޕެއިނުގެ ފުލްބެކް މާކޯސް އަލޮންސޯ އެވެ.

ބަޓްޝުއާޔީ އަކީ މި މަހު ޗެލްސީ ދޫކޮށްލާނެ ކަމަށް ބެލެވުނު ކުޅުންތެރިޔެކެވެ. އެހެން ނަމަވެސް ފަހަކަށް އައިސް ބަޓްޝުއާޔީ ދައްކަމުން އަންނަ ކުޅުމުގެ ސަބަބުން އޭނާ އަށް ޗެލްސީގެ ފުރަތަމަ އެގާރައިން ފުރުސަތު ލިބުން ވަނީ އިތުރުވެފަ އެވެ.

"އަހަރެމެން މި ދައްކަނީ ވަރަށް ވަރުގަދަ ހުނަރުވެރި ކުޅުންތެރިޔެއްގެ ވާހަކަ. ބަޓްޝުއާޔީ އަށް އަދިވެސް ރަނގަޅު ކުރެވޭނެ ކަންތައްތައް ރަނގަޅު،" ކޮންޓޭ ބުންޏެވެ.

އޭނާ ބުނީ އެފްއޭ ކަޕުގައި ޕްރިމިއާ ލީގު ޓީމުތަކާ ދެކޮޅަށް ކުޅެން ޖެހުމަކީ އިތުރު އުނދަގޫތަކެއް ކުރިމަތިވާ ކަމެއް ކަމަށެވެ.