Roadha Mihaaru
އެންމެ ފަހުން ސަންޗޭޒް މެންޗެސްޓާ ޔުނައިޓެޑަށް

އެންމެ ފަހުން ސަންޗޭޒް މެންޗެސްޓާ ޔުނައިޓެޑަށް

23 ޖެނުއަރީ 2018

މެންޗެސްޓާ (ޖެނުއަރީ 23) – މެންޗެސްޓާ ޔުނައިޓެޑުން އާމީނިއާ މިޑްފީލްޑަރު ހެންރިކް މިކިތާރްޔަން އާސެނަލަށް ދިނުމަށް ފަހު، އެ ޓީމުގެ ޗިލީ ފޯވާޑް އެލެކްސިސް ސަންޗޭޒް އެންމެ ފަހުން ގެނެސްފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މެންޗެސްޓާ (ޖެނުއަރީ 23) – މެންޗެސްޓާ ޔުނައިޓެޑުން އާމީނިއާ މިޑްފީލްޑަރު ހެންރިކް މިކިތާރްޔަން އާސެނަލަށް ދިނުމަށް ފަހު، އެ ޓީމުގެ ޗިލީ ފޯވާޑް އެލެކްސިސް ސަންޗޭޒް އެންމެ ފަހުން ގެނެސްފި އެވެ.

އުމުރުން 29 އަހަރުގެ ސަންޗޭޒުގެ ކޮންޓްރެކްޓް މި ސީޒަނަށް ފަހު ހަމަވާއިރު، މި ފަހަރުގެ ޓްރާންސްފާގައި އޭނާ ވިއްކާނުލައިފި ނަމަ ސީޒަން ނިމުމުން ހިލޭ ދޫކޮށްލަން މަޖުބޫރުވީހެވެ.

އެކަމަކު ދެ ކްލަބުން މި ދެ ކުޅުންތެރިން ބަދަލުކުރީ ފައިސާގެ އެއްވެސް މުއާމަލާތެއް ނެތި ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެހެންވިޔަސް ޔުނައިޓެޑުގެ މަސްލަހަތު ހިމެނޭ އެއްބަސްވުމެއްގެ ދަށުން މިކިތާރްޔަން އެހެން ކްލަބަކަށް ދާން ޖެހޭތީ އޭނާ އަށް އެ ކްލަބުން ބަދަލެއްގައި ގޮތުގައި ފީއެއް ދިން ކަމަށްވެ އެވެ.

މި ފަހަރު ވެސް ސަންޗޭޒް ދާނެ ކަމަށް ބެލެވިފައި އޮތީ މެންޗެސްޓާ ސިޓީ އަށެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުގައި، އެ ކްލަބުން އެ މަސައްކަތް ހުއްޓާލީ ސަންޗޭޒް އެދޭ މުސާރަ ދީފި ނަމަ ކްލަބުގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާއަށް އޭނާވެ އޭގެ ސަބަބުން ޓީމުގެ ރޫހަށް އަސަރުކޮށްފާނެތީ އެވެ.

ޔުނައިޓެޑުން ސަންޗޭޒަށް ޓެކްސް އަށް ފަހު އަހަރަކު 14 މިލިއަން ޕައުންޑުގެ މުސާރައެއް ދޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެހެންވެއްޖެ ނަމަ އޭނާ ވެގެންދާނީ ޕްރިމިއާ ލީގުގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާ އަށެވެ. މި ލިސްޓުގެ ދެ ވަނަ، ތިން ވަނަ އަދި ހަތަރު ވަނައިގައި ވެސް އޮތީ ޔުނައިޓެޑުގެ ކުޅުންތެރިންނެވެ. އެއީ ޕައުލް ޕޮގްބާ އާއި ރޮމެލޫ ލުކާކޫ އަދި ޒަލަޓާން އިބްރަހިމޮވިޗެވެ.

އިޓަލީގެ އުދިނޭޒީ އިން ވިދާލައި ފަހުން ސްޕެއިނުގެ ބާސެލޯނާ އަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ސަންޗޭޒް އާސެނަލާ ގުޅުނީ 2014 ވަނަ އަހަރު 30 މިލިއަން ޕައުންޑަށެވެ. އޭނާ ވަނީ އާސެނަލަށް 80 ގޯލް ޖަހައިދީފަ އެވެ.

ސަންޗޭޒް އާ ކްލަބުގެ ޖާޒީގައި ކުޅޭ ފުރަތަމަ މެޗަށް ވާނެ ކަމަށް ލަފާކުރެވެނީ އެފްއޭ ކަޕުގެ ހަތަރު ވަނަ ބުރުގައި ހުކުރު ދުވަހު ޔެއޮވިލް ޓައުންދާ ދެކޮޅަށް ޔުނައިޓެޑް ކުޅޭ މެޗެވެ.

"ދުނިޔޭގެ އެންމެ ބޮޑު ކްލަބާ ގުޅެވޭތީ އަހަރެން މިހިރީ ވަރަށް ބޮޑަށް އުފަލުން. މި ތާރީހީ ސްޓޭޑިއަމުގައި ކުޅުމުގެ ފުރުސަތާއި ޖޯސޭ މޮރީނިއޯއާ އެކު މަސައްކަތްކުރުމުގެ ފުރުސަތަކީ އަހަންނަށް ދޫކޮށްލެވެން އޮތް ފުރުސަތެއް ނޫން،" ސަންޗޭޒް ބުންޏެވެ.

ބާސެލޯނާގައި ސަންޗޭޒަށް ކޯޗުކޮށްދިން ޕެޕް ގާޑިއޯލާގެ މެންޗެސްޓާ ސިޓީ އަށް ބަދަލުވުމާ ވަރަށް ގާތަށް ސަންޗޭޒް މިދިޔަ ޓްރާންސްފާގައި ދިޔަ އެވެ. އެކަމަކު އާސެނަލަށް ތޯމަސް ލޭމާ ގެނެވެން ނެތުމުން، 60 މިލިއަން ޕައުންޑުގެ އެ ޑީލް ޓްރާންސްފާގެ ފަހު ދުވަހު ހުއްޓުނީ އެވެ. އެއާ އެކު އޭނާގެ ކުޅުމަށް އަސަރުކުރި ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ.

ޔުނައިޓެޑުން އާސެނަލަށް ދިން މިކިތާރްޔަން އަކީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން 2016 ވަނަ އަހަރު ޔުނައިޓެޑާ ގުޅުނު ކުޅުންތެރިޔެކެވެ. އެކަމަކު އޭނާއާ މެދު ކުރެވުނު އުއްމީދާ އެއްވަރުގެ ކުޅުމެއް ނުދެއްކެ އެވެ. އޭނާ އަށް އެންމެ އެކަށީގެންވާ ފުރުސަތުތަކެއް ވެސް ނުލިބެ އެވެ. ތަޖުރިބާކާރުން ދެކޭ ގޮތުގައި އުމުރުން 29 އަހަރުގެ މިކިތާރްޔަންގެ ކުޅުމުގެ ސްޓައިލް މާބޮޑަށް ވެސް އާސެނަލާ ގުޅޭނެ އެވެ.

މިކިތާރްޔަން ބުނީ އާސެނަލަށް ކުޅުމުގެ ހުވަފެން އަބަދުވެސް ދެކޭ ކަމަށާއި އެހެންވެ މިއީ ހުވަފެނެއް ސީދާވުން ކަމަށެވެ.