Roadha Mihaaru
ގްރޭޑް 8 ގެ އިނގިރޭސި ފޮތުގައި ޝިރުކުގެ ވާހަކަތަކެއް

ގްރޭޑް 8 ގެ އިނގިރޭސި ފޮތުގައި ޝިރުކުގެ ވާހަކަތަކެއް!

18 ޖެނުއަރީ 2018

މާލޭގެ ސްކޫލްތަކުގައި ތައުލީމް ހާސިލް ކުރަމުން އަންނަ ގްރޭޑް އަށެއްގެ ދަރިވަރުން ކިޔެވުމަށް އެޑިޔުކޭޝަން މިނިސްޓްރީން ދިން އިނގިރޭސި ޓެކްސްޓް ފޮތުގައި ޝިރުކުގެ ވާހަކަތަކެއް ހުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މާލޭގެ ސްކޫލްތަކުގައި ތައުލީމް ހާސިލް ކުރަމުން އަންނަ ގްރޭޑް އަށެއްގެ ދަރިވަރުން ކިޔެވުމަށް އެޑިޔުކޭޝަން މިނިސްޓްރީން ދިން އިނގިރޭސި ޓެކްސްޓް ފޮތުގައި ޝިރުކުގެ ވާހަކަތަކެއް ހުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ގްރޭޑް އަށެއްގެ އިނގިރޭސި ފޮތުގައި ވަނީ ގްރީކާއި ރޯމަނުން ގަބޫލުކޮށް އުޅުނު ފިރިހެން އަދި އަންހެން "ކަލާނގެތަކުގެ" ލިސްޓެއް ދިނުމަށް ފަހު، ޕްލެނެޓްތަކުގެ ނަންތަކާއި އެ ކަލާނގެތަކާ ގުޅުވައި، އޭގެ ތަފްސީލްތައް ހާމަކޮށްދޭން ބުނެފަ އެވެ. އެހެންވެ، ބައެއް ބެލެނިވެރިން ވަނީ އެ ފޮތުގައި ޝިރުކުގެ ވާހަކަ ހުރި ކަމަށް ބުނެ އެކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ. އަދި ބައެއް ބެލެނިވެރިން އަންނަނީ އެ ފޮތުގެ އެ ސޮފުހާ ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.

ފޮތުގައި ހުރި ޝިރުކުގެ ވާހަކަަތައް ކަމަށް ބެލެނިވެރިން ފާހަގަ ކުރާ ވާހަކަތައް.

ފޮތުގައި ހުރި ޝިރުކުގެ ވާހަކަަތައް ކަމަށް ބެލެނިވެރިން ފާހަގަ ކުރާ ވާހަކަތައް.

ފޮތުގެ ފުރަތަމަ ޔުނިޓްގައިވާ އެ ލިސްޓުގައި އޮންނަނީ ދަނޑުވެރިކަމާ ބެހޭ ކަލާނގެ އާއި ކަނޑުގެ ކަލާނގެ އާއި އުޑުތަކާއި ސުވަރުގޭގެ ކަލާނގެ އާއި ހުރިހާ ނުބައިކަމެއްގެ (އަންޑަވޯލްޑް) ކަލާނގެ އާއި ހަނގުރާމައިގެ ކަލާނގެ އާއި ލޯތްބާއި ފަރިކަމުގެ ކަލާނގެ އާއި ކަލާނގެތަކުގެ ރަސްގެފާނުގެ ވާހަކަ އެވެ.

ބައެއް މީހުން ބުނި ގޮތުގައި ޝިރްކުގެ ވާހަކަތައް ހިމެނޭ ފޮތަކުން ދަރިންނަށް ކިޔަވައިދިނުމަކީ އެ މީހުން ގަބޫލުކުރާ ކަމެއް ނޫނެވެ. އެހެންވެ، އެކަމާ މެދު އެޑިއުކޭޝަން މިނިސްޓްރީން އަވަސް ފިޔަވަޅެއް އަޅަން ޖެހޭނެ ކަމަށް ބުންޏެވެ. އަދި މިއީ ތުއްތު ކުދިންގެ އަގީދާ ފާސިދު ކުރާނެ ކަމެއް ކަމަށް ވެސް ބެލެނިވެރިން ބުނެ އެވެ.

މި ކަމާ ގުޅޭ ގޮތުން އެޑިޔުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޝަފީއު ވިދާޅުވީ އެއީ އައު ކަމެއް ނޫން މި ދިޔަ އަހަރު ވެސް އެ މައްސަލަ ދިމާވި ކަމަށެވެ. އަދި އެ ފިލާވަޅުގެ ފެށުމުގައި ވެސް، ޕްލެނެޓްތަކަށް ނަން ދީފައިވަނީ ގްރީކާއި ރޯމަނުން ގެންގުޅޭ ފުލޯކު ޚިޔާލީ ކަލާނގެތަކެއްގެ ނަންތަކުން ކަން ބުނެދީފައިވާނެ އެވެ.

"އެ ގޮތަށް އެ ވާހަކަ އޮތުމަކުން އެއީ މައްސަލައެއް ކަމަކަށް ނުދެކެން. ކުދިންގެ މެދުގައި އެކަމާ މެދުގައި ވާހަކަ ދައްކާ މަޝްވަރާ ކޮށްފަ ޖަވާބު ދޭން ޖެހޭ ފިލާވަޅެއް އެއީ. ޕްލެނެޓްތަކަށް ނަން ދީފައި މި ހުންނަނީ ގްރީކް އަދި ރޯމަން މިތޮލިޖިކަލް ގޯޑްތަކަށް ނިސްބަތް ކޮށޭ. އެހެންވީމާ އެފަދަ ވާހަކަތަކަކީ ހަގީގަތެއް ނެތް ފުލޯކު ވާހަކަތަކެއް ކަމަށް ކުދިންގެ މެދުގައި މަޝްވަރާ ކުރެވި ﷲގެ އެއްކައުވަންތަކަން އެ ކުދިންގެ ހިތްތަކުގައި އަށަގަންނުވަން ފުރުސަތު ފަހިިވެގެންދާނެ،" ޝަފީއު ވިދާޅުވި އެވެ.

"މި ފިލާވަޅު ކުރިއަށް ގެންދާ އިރު އަޅުގަނޑުމެން ގަބޫލުކުރާ ގޮތްތައް ވެސް ވިސްނައިދޭންޖެހޭނެ. މިތޮލޮޖީގެ މާނައަކީ ހަގީގަތެއް ނޫނޭ އެއީ ޚިޔާލީ ވާހަކައެކޭ. އެއީ އެ ފިލާވަޅު އޮތް ގޮތަކީ. ދީނާ ފުށުއަރާ ގޮތަކަށް ނޫން ގެނެސްފައި އޮތީކީ ވެސް. އެ ކަލާނގެތައް ގަބޫލުކޮށް އީމާންވާންޖެހޭނޭ ކިޔައިގެނެއް ވެސް ނޫން ގެނެސްފައި އޮތީކީ. އެއީ އެ ޕްލެނެޓްތަކަށް ނަން ދީފައި އޮންނަނީ ކޮން ގޮތަކަށް ކަން އެނގުމަކީ މުހިންމު ކަމެއް. އެހެންވީމާ އެއީކީ މައްސަލައެއް ނޫން،" ޝަފީއު ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ސްކޫލްތަކުގެ ބައެއް ޕްރިންސިޕަލުންނާ ގުޅުމުން އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވާކަށް ބޭނުމެއް ނޫނެވެ. ނމަވެސް އެއް ޕްރިންސިޕަލަކު ވިދާޅުވި ގޮތުގައި އެ ފޮތުގައި ހުރީ ކުރީގައި މީހުން އަޅުކަން ކުރި ގޮތާއި އެއްޗެއްސާ ގުޅޭ މައުލޫމާތެވެ. އަދި އެހެން ދީންތަކާ ގުޅޭ މައުލޫމާތުތައް ހުރުމަކީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށް އެ ޕްރިންސިޕަލް ވިދާޅުވި އެވެ.

"ސްކޫލްތަކުގައި އެހެން ދީންތަކާ ގުޅޭ އެއްޗެހި ކިޔަވައި ނުދިނަސް، އަމިއްލަ އަށް ވެސް ކަންތައްތައް ދަސްކުރެވޭނެ ގޮތްތައް އެބަހުރި އިންޓަނެޓްގެ ޒަރީއާ އިން. އަޅުގަނޑުމެން ދަސްކޮށްދޭންވީ އިސްލާމް ދީނުގެ އަގީދާ ވަރުގަދަ ކުރަން. އެހެންވެ، މިއީ މައްސަލައެއް ކަމަކަށް ނުދެކެން،" ސްކޫލެއްގެ ޕްރިންސިޕަލަކު ވިދާޅުވި އެވެ.