18 ޖެނުއަރީ 2018
ސްކޫލުގައި ދެ ދަރިވަރެއްގެ މެދުގައި ޖެހޭ މައްސަލައެއްގެ ބަދަލުހިފަން ގޭންގްތަކަށް ނިސްބަތްވާ މީހުން ގޮވައިގެން ގޮސް ސްކޫލަށް ވަދެ ދަރިވަރުންނަށް ހަމަލާ ދޭ ހިސާބަށް ކަންކަން ދިއުމަކީ ބޮޑު ބިރެކެވެ. އެކަމަކު ވޭތުވެދިޔަ ދެ ދުވަހު ދެ ސްކޫލެއްގެ ދެ ދަރިވަރަކަށް ވަނީ ނުރައްކާތެރި ދެ ހަމަލާ ދީފަ އެވެ.
ސްކޫލުގައި ދެ ދަރިވަރެއްގެ މެދުގައި ޖެހޭ މައްސަލައެއްގެ ބަދަލުހިފަން ގޭންގްތަކަށް ނިސްބަތްވާ މީހުން ގޮވައިގެން ގޮސް ސްކޫލަށް ވަދެ ދަރިވަރުންނަށް ހަމަލާ ދޭ ހިސާބަށް ކަންކަން ދިއުމަކީ ބޮޑު ބިރެކެވެ. އެކަމަކު ވޭތުވެދިޔަ ދެ ދުވަހު ދެ ސްކޫލެއްގެ ދެ ދަރިވަރަކަށް ވަނީ ނުރައްކާތެރި ދެ ހަމަލާ ދީފަ އެވެ.
ސްކޫލްތަކުގެ މާހައުލު ވެސް ބިރުވެރި ތަނަކަށް ވަމުންދާކަމުގެ ރަނގަބީލެވެ.
"އަހަރެމެން ދަރިން މި ފޮނުވަނީ ކިޔަވައިދޭން. އެތަނުގައި މާރާމާރީ ހިންގާ، ޒަހަމްކުރަން ފެށީމަ މިއީ ހާދަ ބޮޑު މައްސަލައެކޭ. ދަރިން ކިޔަވަން ފޮނުވަން މިޖެހެނީ ބިރުން ހުރެ. މިއީ ބޮޑުވަރު،" މާލޭގެ ސެކަންޑަރީ ސްކޫލެއްގައި ކިޔަވާ ކުއްޖެއްގެ ބެލެނިވެރިޔަކު، ނަން ނުޖަހަން އެދި ވާހަކަ ދައްކަމުން، ބުންޏެވެ.
ރާއްޖޭގެ ސްކޫލުތަކުގައި ދޭތެރެ ދޭތެރެއިން މާރާމާރީތަކާއި ހަމަނުޖެހުންތައް ހިންގަ އެވެ. އެ ހުރިހާ ކަމެއް ގުޅެނީ ބައެއް ކުދިންގެ ނުބައި އަހުލާގާ އެވެ. އެއް ބަޔަކު ދެކޭ ގޮތުގައި އޭގެ ތެރެއިން ބައެއް ކުދިން ނުރައްކާތެރި ގޭންގްތަކާ އޮންނަނީ ގުޅިފަ އެވެ.
"ބައެއް ކުދިން ދެކޭ ގޭންގަކަށް ނިސްބަތް ވުމަކީ ފަހުރެކޭ. ގަދަބާރުން ކަންކަން ކުރުމަކީ މޮޅު ކަމެކޭ،" ރާއްޖޭގެ އެންމެ ދުވަސްވީ އެއް ސްކޫލުގެ ލީޑިން ޓީޗަރަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.
"ޓީޗަރު އެއްޗެކޭ ބުނީމަ ޓީޗަރާ ދިމާލަށް ވެސް އެބަ ބުނޭ އެނގޭ ހެއްޔޭ ތިމަންނަ މިއީ ކޮން ހިސާބެއްގެ މީހެއްކަން. މިހާ ހިސާބުގައި ކަންކަން އޮތީ."
ތަޖުރިބާކާރު ޓީޗަރުންގެ ފަރާތުން އެނގިފައިވާ ގޮތުގައި ސްކޫލުތަކުގެ ތެރޭގައި ނުކުރާ ކުށެއް މިހާރު މަދެވެ. މަސްތުވާތަކެތީގެ މައްސަލަތަކާއި މާރާމާރީތަކާއި ބަދުއަހުލާގީ މައްސަލަތަކާއި ބިރުދައްކައިގެން ކަންކަން ކުރުން ފަދަ ކުށްތަކެވެ.
"އަޅުގަނޑުގެ ދަރިފުޅު ގްރޭޑް ހަތެއްގައި ކިޔެވިއިރު އަޅުގަނޑަށް އެބަ ކިޔައިދޭ މަސްތުވާތަކެތީގެ އެކިއެކި ނަންތައް. އަޅުގަނޑު ހަމަ ކޮސްވޭ. ކިހިނެއްހޭ އެނގެނީ އެހީމަ ބުނަނީ ކުލާސް ކުދިން ކިޔައިދެނީއޭ،" ކުރިން ފުލުހުންގެ ތެރޭގައި މަސައްކަތް ކުރި ބެލެނިވެރިއަކު ބުންޏެވެ.
ބޮޑެތި އެތައް ކުށެއްގެ ތަހުގީގުގައި ބައިވެރިވެފައިވާ ފުލުހުންގެ އިސް ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވީ މާލޭގެ ކޮންމެ ގޭންގެއްގައި ވެސް ކުޑަކުދިން ހިމެނޭ ކަމަށެވެ. ގޭންގްތަކާ އެ ކުދިން އާންމުކޮށް ގުޅެނީ އުމުރުން އެންމެ 12 ވަރަކަށް އަހަރުގައި ކަމަށާއި އެއީ ނުރައްކާތެރި ބައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިކުޑަ ގުރޫޕް މާ ވައިލެންޓް ވާނެ ބޮޑެތި މީހުންނަށް ވުރެ. މި ފަހުން ހިނގި މާރާމާރީތަކަށް ވިސްނަވާ. މަދުވާނެ 16 އަހަރުން ދަށުގެ ކުދިން ނުހިމެނި ހިނގާފައިވާ މާރާމާރީއެއް،" އޭނާ ވިދާޅުވި އެވެ.
އެފަދަ ކުދިން ސްކޫލްގައި އުޅޭލެއް ވެސް ވަކި ތަފާތެއް ނޫނެވެ. ފުލުހުންގެ އޮފިސަރު ވިދާޅުވި ގޮތުގައި ގޭންގްތަކަށް ނިސްބަތްވާ ކުދިން އެމީހުންގެ ބާރުވެރިކަން ދައްކައިގެން ސްކޫލުތަކުގައި ކުދިން ބްލީކުރުމާއި އަނިޔާކުރުން ފަދަ ކަންކަން ހިންގަ އެވެ. އަދި އެފަދަ ބައެއް ކަންކަމުގައި ފިޔަވަޅު އަޅާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ތާޖުއްދީން ސްކޫލަށް ވަދެ ދިން ހަމަލާ އާއި ދަރުމަވަންތަ ސްކޫލްގެ ދަރިވަރަކު ސްކޫލް ނިންމާފައި ގެޔަށް ދަނިކޮށް ގްރޫޕަކުން ދިން ހަމަލާގެ ސަބަބުން ގިނަ ބަޔަކު ވަނީ ކަންބޮޑުވެފަ އެވެ. ތާޖުއްދީންގައި ދަރިވަރަކަށް ހަމަލާދިނީ އެ ސްކޫލްގެ އެހެން ދަރިވަރެކެވެ. އެކަމަކު ދަރުމަވަންތަ ސްކޫލްގެ ދަރިވަރަށް ވަޅިން ހަމަލާދިނީ، އާއިލާ އިން ލަފާކުރާ ގޮތުގައި، ސްކޫލް ކުދިންތަކެއް ނޫނެވެ. އެކަމަކު އެ ހަމަލާއާ، ސްކޫލް ތެރޭގައި އެހެން ދަރިވަރަކާ ދެމެދު ޖެހުނު މައްސަލައަކާ ގުޅުން ހުރެދާނެ ކަމަށް ބެލެވެ އެވެ.
"ސުކޫލަކީ ގޭންގް ވައިލަންސަށް މަގުފަހިކުރާ ތަންތަނެއް ނޫން، އެ ފުރުސަތެއް ނޯންނާނެ." އެޑިޔުކޭޝަން
ކޮންމެ ސަބަބެއް އޮތަސް މި ދެ ހަމަލާއިން ދައްކައިދެނީ ބައެއް ދަރިވަރުން ރުޅިއައިސް ކޮންމެ ފަދަ ކަމަކަށް ވެސް އަރައިގެންފާނެ ދަރަޖައަކަށް އަހުލާގު ގޯސްވެފައިވާ ކަމެވެ. އަދި އެ ދަރިވަރުން ސީދާ ބައިވެރިނުވިޔަސް އެ މީހުން ނިސްބަތްވާ ގޭންގެއްގެ ބަޔަކު ލައްވާ ވެސް ނުރައްކާތެރި އަމަލެއް ހިންގާފާނެ ކަމެވެ.
އިޖުތިމާއީ މި ބޮޑު މައްސަލައާ މެދު ވިސްނާ ތަޖުރިބާކާރުން ބުނާ ގޮތުގައި މިއީ ކުދިންގެ ތަރުބިއްޔަތު ގޯސްވުމުގެ ނަތީޖާ އެވެ.
ލިލީމަގުން ހިނގާފަައި ދަނިކޮށް އިއްޔެ ވަޅި ހެރުމުން ޒަޚަމްވި ދަރުމަވަންތަ ސްކޫލްގެ ދަރިވަރަށް ފުލުހުންގެ މީހަކު އެހީތެރިވެދެނީ.--- ފޮޓޯ ސޯޝަލް މީޑިއާ
"ސްކޫލު ކުދިން ބޭނުން ގަޑިއެއްގައި ބޭރަށް އެބަ ދެވޭ. އެންމެ އަގު ބޮޑެތި ފޯނުތައް އެބަ ގެންގުޅޭ. އިންތިހާއަށް ފައިސާ އެބަ ގެންގުޅޭ. އެކަމަކު ބެލެނިވެރިޔާ ބަލާނުލާ މިއީ ކިހިނެއް ހިނގާ ކަމެއްތޯ. މިހާ ހިސާބަށް ކަންކަން ދިޔައިމަ އެކުއްޖާ މިވަނީ މުޖުރިމަކަށް،" ފުލުސް އޮފިސަރު ވިދާޅުވި އެވެ.
ތަޖުރިބާކާރު ޓީޗަރަކު ވިދާޅުވި ގޮތުގައި ސްކޫލްތަކުގައި ހިންގާ ކުށްތައް ނުހުއްޓުވުމުގެ އެއް ސަބަބަކަށް ސްކޫލްތަކުގެ މެނޭޖްމަންޓުން ގެންގުޅޭ ވިސްނުން ވެސް ހިމެނިދާނެ އެވެ. އެގޮތުން އެފަދަ ކުށްތަކުގެ ވާހަކަ އާންމުންނާ ހަމައަށް ހިނގައްޖެ ނަމަ ސްކޫލުގެ އަގު ވެއްޓިދާނެ ކަމުގެ ބިރަށް އެކަންކަން ސިއްރުކުރުން އާދައަކަށް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މަސްތުވާތަކެތި ވިއްކާ ކުއްޖާ އެކަން ކުރީމަ މި ސިއްރު ކުރަނީ އެކަން މީޑިއާއަށް އެނގިދާނެތީ. ސްކޫލުގެ އަގު ވެއްޓިދާނެތީ ކަމާ ބެހޭ ފަރާތްތަކަށް އެކަން އޮންނަނީ ހުށަނާޅާ،" އެ ޓީޗަރު ވިދާޅުވި އެވެ.
"އެހެންވީމާ މިވާ ގޮތަކީ ކުށްކުރާ ކުއްޖާ މި އިންނަނީ ކުލާހުގެ ތެރޭގައި. އޭނާ ކުށެއްކުރީމަ އަދަބެއް ނުލިބޭ."
އޭނާ ގަބޫލުކުރައްވާ ގޮތުގައި އަހުލާގު ދަށް ކުދިންނާ މެދު ސްކޫލްތަކަށް އެޅޭނެ ފިޔަވަޅުތައް ވެސް މަދެވެ.
"ހަގީގަތުގައި ޕްރިންސިޕަލުންނަށް މިވަނީ ގޮތްހުސްވެފައި. ކުއްޖަކާ މެދު ފިޔަވަޅެއް އަޅައިފި ނަމަ ކުޑަކުދިންނާ ބެހޭ ޔުނިޓުން އެކަން އެބަ ހުއްޓުވާ. ނޫނީ ކޮންމެވެސް އެހެން ގޮތަކުން އެކަން އެބަ ހުއްޓުވާ. އެހެންވެ ނޯވެ އެކުއްޖާ އެކުރީ ކުށެއްކަން އެކުއްޖާއަށް އިހުސާސްވާނެ ފަދަ ފިޔަވަޅެއް ވެސް އެޅޭކަށް،" ޓީޗަރު ވިދާޅުވި އެވެ.
ފުލުހުންގެ ތެރޭގައި 19 އަހަރަށް ވުރެ ގިނަ ދުވަހު އުޅުއްވާފައިވާ ކްރައިމް އިންވެސްޓިގޭޝަންގެ ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި ޅައުމުރުގައި ކުށްކުރާ ކުދިން ހުއްޓުވޭނީ ދިގު މުއްދަތަކަށް ވިސްނައިގެން އަޅާ ފިޔަވަޅުތަކުންނެވެ. އެފަދަ ކުދިންނަށް އަމާޒުކޮށްގެން ރިހިބިލިޓޭޝަން ޕުރޮގްރާމްތައް ހިންގުމުގެ އިތުރުން އެ ކުދިން ލައްވާ ކުށްކުރުވުމުގެ އަޑީގައި ތިބި މީހުންގެ މައްޗަށް ގާނޫނު ތަންފީޒު ވާން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިންތިހާއަށް ފައިސާ އެބަ ގެންގުޅޭ. އެކަމަކު ބެލެނިވެރިޔާ ބަލާނުލާ މިއީ ކިހިނެއް ހިނގާ ކަމެއްތޯ. މިހާ ހިސާބަށް ކަންކަން ދިޔައިމަ އެކުއްޖާ މިވަނީ މުޖުރިމަކަށް،"
ތައުލީމީ ދާއިރާގައި އުޅުއްވާތާ 20 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ބޭފުޅަކު ވިދާޅުވީ ކުށުގެ ވެށީގައި އުޅޭ ކުދިންނާއި ރަނގަޅު ދަރިވަރުން ވަކިކުރަން ޖެހޭ ކަމަށެވެ. އޭގެ އިތުރުން ގޯސް ކުދިންނަށް ހާއްސަ ކުލާސްތަކެއް ހިންގަން ޖެހޭ ކަމަށް ވެސް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"ނޯމަލް ކުދިންނާއި ކުށްކުރަން މިއުޅޭ ކުދިންނާ އެކުގައި ގެންގުޅެގެން ނަތީޖާއެއް ނުނެރެވޭނެ،" އޭނާ ވިދާޅުވި އެވެ.
"އެކުއްޖަކު ރަނގަޅު ވަންދެން އެބަ ޖެހޭ ވަކި ކުލާސްތަކެއް ނަގައިދޭން. ކަންކަން ކުރަންވާނީ ގަދަ ބާރުން ނޫންކަން އެބަ ޖެހޭ އަންގައިދޭން. ކުށުގެ ވެއްޓަކީ ރަނގަޅު ވެށި ނޫންކަން އެބަ ޖެހޭ ބުނެދީ ވިސްނައިދޭން."
ކުށުގެ ވެށިން ކުޑަކުދިން ސަލާމަތް ކުރަން އަމާޒުކޮށްގެން މިހާރު ވެސް ޕްރޮގްރާމްތަކެއް ހިންގަ އެވެ. ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވީ އެފަދަ ކުދިންނަށް އަމާޒުކޮށްގެން އިތުރު ޕުރޮގުރާމްތަކެއް ކުރިއަށް އޮތް ތަނުގައި ވެސް ހިންގާނެ ކަމަށެވެ.
ދަރިވަރުންނާ ގުޅޭ ނުރައްކާތެރި ދެ ހާދިސާގެ ސަބަބުން ބެލެނިވެރިންގެ ކަންބޮޑުވުންތައް ގިނަ އެވެ. އެކަމަކު އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ ސްކޫލު ވެއްޓަކީ ކުދިންނަށް ރައްކާތެރި ތަނެއް ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
"ސުކޫލަކީ ގޭންގް ވައިލަންސަށް މަގުފަހިކުރާ ތަންތަނެއް ނޫން، އެ ފުރުސަތެއް ނޯންނާނެ." ޝަފީއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އާދަޔާ ހިލާފަށް އަހުލާގު ގޯސް ކުދިންނާއި ކުށަށް އަރައިގަންނާނެ ކަމަށް ބެލެވޭ ކުދިން ސްކޫލު މާހައުލުގެ ތެރެއިން ދެނެގަނެ ކަމާ ގުޅޭ އިދާރާތައް މެދުވެރިކޮށް އިސްލާހުކުރުމުގެ ފިޔަވަޅުތައް އަންނަނީ އަޅަމުންނެވެ.
ޝަފީއު ވަނީ ބައެއް ފިޔަވަޅުތަކުގެ ތަފްސީލު ވެސް ދެއްވައިފަ އެވެ. އެގޮތުން ސްކޫލަށް ނައިސް ބޭރުތެރެއަށް ގިނަވެގެން އުޅޭ ކުދިން ދެނެގަންނަ ކަމަށާއި އެކުދިން ސްކޫލަށް ނާންނަ ނަމަ ބެލެނިވެރިޔާއަށް ގުޅައިގެން ސަބަބު އޮޅުންފިލުވާ ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން، އޭނާ ވިދާޅުވީ، ބެލެނިވެރިޔަކާ ނުގުޅޭ ހާލަތްތަކުގައި އެކުދިންގެ ގޭގެއަށް ގޮސްގެން ވެސް ސަބަބު އޮޅުންފިލުވާ ކަމަށެވެ.
އެކަމަކު ފަހުގެ ދެ ހަމަލާ އިން އަންގައިދެނީ، އެ ހުރިހާ ފިޔަވަޅުތަކާ އެކު ވެސް، ބައެއް ދަރިވަރުންގެ ނުރައްކާތެރިކަން ބޮޑުކަމެވެ. ހައްލު އޮތީ އެންމެ ފަރާތެއްގެ އަތަކު ނޫނެވެ. ބެލެނިވެރިންގެ ޒިންމާ ބެލެނިވެރިން ނަގަން ޖެހެ އެވެ. ކަމާ ގުޅުން ހުރި ދައުލަތުގެ އިދާރާތަކުން އެތަންތަނުގެ މަސްއޫލިއްޔަތު ވެސް އަދާކުރަން ޖެހެ އެވެ.
ތައުލީމީ ނިޒާމުގައި ވެސް ބާރުގަދައީ ގޭންގު؟
ޒަހަމްވި ކުއްޖާ އަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައި
ދަރިވަރަށް ހަމަލާދިނީ ގޭންގަކަށް ނިސްބަތްވެއޭ ބުނެފައި!
ސްކޫލު ގައިޑް - ބައެއް ދަރިވަރުންގެ ދުލުން
މާލޭ ސްކޫލުތައް: ކިޔަވައިދޭން ފަށާނީ 9 އިން މައްޗަށް
ދަރުމަވަންތަ ސްކޫލުގެ ކްލާސްރޫމުތައް އޭސީކޮށްފި
ކުދިންގެ އަހުލާގު ގޯހުން ގޯހަށް، ހައްލެއް ބޭނުން
ތާޖުއްދީން ސްކޫލު: ތަފާތު ދައްކަމުން ބަދަލަކަށް
ބިރު ދައްކާތީ ޓީޗަރު ފުރައިފި
ދަރިވަރަށް ހަމަލާދިން މައްސަލާގައި މީހަކު ހައްޔަރުނުކުރޭ