Roadha Mihaaru
ޒަކާތު ފަންޑުން ތައުލީމީ ދާއިރާ އަށް ސްކޮލަޝިޕް ދެނީ

ޒަކާތު ފަންޑުން ތައުލީމީ ދާއިރާ އަށް ސްކޮލަޝިޕް ދެނީ

15 ޖެނުއަރީ 2018

ޒަކާތު ފަންޑުން، ތައުލީމީ ދާއިރާ އަށް ހާއްސަކޮށްގެން ސްކޮލަޝިޕް ދޭން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޒަކާތު ފަންޑުން، ތައުލީމީ ދާއިރާ އަށް ހާއްސަކޮށްގެން ސްކޮލަޝިޕް ދޭން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

ބޯންމެރޯ ޓްރާންސްޕްލާންޓް ހަދާ ކުދިންނަށް އެކަމުގެ ލިޔުން ހަވާލުކުރަން އިސްލާމީ މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ ޒަކާތު ފަންޑުން އާއްމުންނަށް ފައިދާ ހުރި ގިނަ ކަންތައްތައް ކޮށްދެމުން އަންނަ ކަމަށެވެ. އެ ގޮތުން ބޯންމެރޯ ހަދަން ފުރުސަތު ދިނުމުގެ އިތުރުން ތައުލީމީ ދާއިރާ އަށް ހާއްސަކޮށްގެން ސްކޮލަޝިޕް ދޭން ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހަދައިދޭ ކުދިންނަށް ލިޔުން ހަވާލުކުރަން މިއަދު ބޭއްވި ރަސްމިއްޔާތުަގައި، މިނިސްޓަރު ޒިޔާދު ވާހަކަދައްކަވަނީ: އެ ފަންޑުން ތައުލީމީ ސްކޮލަޝިޕް ދޭން ވަނީ ނިންމާފައި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ޒަކާތު ފަންޑުގެ ސްކޮލަޝިޕަށް ހުޅުވާލާނެ ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ.

"ޒަކާތުގެ ސްކޮލަޝިޕްގެ މަސައްކަތްތައް މިހާރު މި ވަނީ ގާތްގަނޑަކަށް ނިމިފައި. އިރާދަ ކުރެއްވިއްޔާ ޒަކާތު ކޮމެޓީގެ އެހީތެރިކަމާ އެކު، ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި މަސައްކަތް ފެށެނެ. މާނައަކީ ޒަކާތުގެ ސްކޮލަޝިޕް، ކިޔަވަން ބޭނުންވާ ކުދިންނަށް އެ ފުރުސަތު އަޅުގަނޑުމެން ހުޅުވާލާނެ ކަމުގެ އުފާވެރި ހަބަރު ރައްޔިތުންނަށް ހާމަކޮށްދެން،" މިނިސްޓަ ޑރ. ޒިޔާދު ވިދާޅުވި އެވެ.

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހަދަން ފުރުސަތު ލިބުނު ކުއްޖަކު ލިޔުމާ ހަވާލުވުމަށްފަހު ދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހަދަން ފުރުސަތު ލިބުނު ކުއްޖަކު ލިޔުމާ ހަވާލުވުމަށްފަހު ދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިސްލާމިކް މިނިސްޓްރީން ބުނީ އެ ސްކޮލަޝިޕްގެ ތެރެއިން ހިތުގެ ބަލިތަކަށް ހާއްސަވާން ސުޕަ ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީނުވުމަށާއި ދީނީ ދާއިރާތަކަށް ފުރުސަތު ދޭނެ ކަމަށެވެ. އެކަމަކު އިތުރު ތަފުސީލެއް އަދި ނުދެ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޒިޔާދު ވިދާޅުވީ ޒަކާތު ފަންޑުގެ ފައިދާ ގިނަ ބަޔަކަށް ލިބޭ ކަމަށެވެ. އެހެންވެ ފުދުންތެރިކަން ހުރި ފަރާތްތަކުން ޒިންމާ އަދާކޮށް ޒަކާތް ދެއްކެވުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ.

ޒަކާތު ފަންޑުން މިހާރު ވެސް އަންނަނީ ބޯންމެރޯ ހަދަން ކޮންމެ އަހަރަކު ވެސް ކުދިންނަށް ފުރުސަތު ދެމުންނެވެ. އެ ގޮތުން 2015 ވަނަ އަހަރުން ފެށިގެން މި އަހަރާ ހަމަ އަށް 55 ކުދިންނަށް ޓްރާންސްޕްލާންޓް ހެދުމަށް ވަނީ އެހީ ދީފަ އެވެ.