Roadha Mihaaru
ރައީސް ޔާމީން "ސާސްކަފުގެ 17" ނެރެދެއްވައިފި

ރައީސް ޔާމީން "ސާސްކަފުގެ 17" ނެރެދެއްވައިފި

31 ޑިސެމްބަރ 2017

ވޭތުވެދިޔަ 17 އަހަރު ރާއްޖޭގައި ހިނގާފައިވާ މުހިއްމު ހާދިސާތައް ހިމަނައިގެން ސަރުކާރުން ތައްޔާރުކުރި ފޮތް، "ސާސްކަފުގެ 17" ރައީސް އަބްދުﷲ ޔާމީން މިރޭ ނެރެދެއްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ވޭތުވެދިޔަ 17 އަހަރު ރާއްޖޭގައި ހިނގާފައިވާ މުހިއްމު ހާދިސާތައް ހިމަނައިގެން ސަރުކާރުން ތައްޔާރުކުރި ފޮތް، "ސާސްކަފުގެ 17" ރައީސް އަބްދުﷲ ޔާމީން މިރޭ ނެރެދެއްވައިފި އެވެ.

ރައީސް ޔާމީންގެ އިސް ނެންގެވުމަށް ލިއުނު ފޮތް އެމަނިކުފާނު ނެރެދެއްވީ އާ އަހަރު ފެށުން ފާހަގަކުރަން އަލިމަސްކާނިވަލުގައި މިހާރު ކުރިއަށްދާ ޝޯގަ އެވެ. މި ފޮތުގައި ހިމަނާފައި ވަނީ، ވޭތުވެދިޔަ 17 އަހަރުގެ ތެރޭގައި ރާއްޖެ އަށް އަންނަމުން ދިޔަ ބަދަލުތަކާއި ހިނގާފައިވާ އެކި ހާދިސާތަކެވެ.

އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ހއ. ހޯރަފުށީގައި ވަޅިން ދިން ހަމަލާ އާއި ކުރީގެ ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމާއި ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުނު ހާދިސާ ހިމެނެ އެވެ.

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އެއް އަހަރުން ތައްޔާރުކޮށްފައިވާ އެ ފޮތުން ކިއުންތެރިންނަށް ފަސޭހަކަމާ އެކު މައުލޫމާތު ލިބިގެންދާނެ ކަމަށެވެ. އެގޮތުން، ރާއްޖެ އަށް އައި ބަދަލުތަކާއި ވެރިވަމުން ދިޔަ ކުލަތައް ލިއުމާއި ފޮޓޯ އިން ސިފަކޮށްދީފައިވާނެ ކަމަށް ވިދާޅުވި އެވެ.

މި ފޮތް މައިގަނޑު ހަ ދާއިރާ އަކަށް ވަނީ ބަހާލައިފަ އެވެ. އެއީ، ވެރިކަމާއި އިދާރީ ހިންގުމާއި މާލިއްޔަތާއި އިގްތިސާދާއި ކާރިސާތަކާއި ބޮޑެތި ހާދިސާތަކާއި ދާހިލީ ހަރަކާތްތަކާއި އަމާންކަމާއި ތައުލީމާއި ސިއްހަތުގެ އިތުރުން ގައުމިއްޔަތާއި އިޖުތިމާއިއްޔަތު އަދި މީޑިއާ އާއި ޓެކްނޮލޮޖީ އެވެ.

މި ފޮތް އެކުލަވާލީ ފަސް މެމްބަރުންގެ ކޮމެޓީއަކުންނެވެ. އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރާއި ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ އާއި ގައުމީ އަރުޝީފްގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ޝާތިރުގެ އިތުރުން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީގެ ޕްރޮޖެކްޓް ޑައިރެކްޓަރު މުހައްމަދު އިސްމާއިލްފުޅެވެ.