Roadha Mihaaru
އައްޑޫ އެކްސިޑެންޓްގައި ޒަހަމްވި ކުޑަކުއްޖާ މަރުވެއްޖެ

އައްޑޫ އެކްސިޑެންޓްގައި ޒަހަމްވި ކުޑަކުއްޖާ މަރުވެއްޖެ

26 ޑިސެމްބަރ 2017

އައްޑޫ ލިންކް ރޯޑްގައި މިއަދު ހެނދުނު ސައިކަލަކާއި ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އައި އުމުރުން 13 އަހަރުގެ ކުއްޖާ މަރުވެއްޖެ އެވެ.

އައްޑޫ ލިންކް ރޯޑްގައި މިއަދު ހެނދުނު ސައިކަލަކާއި ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އައި އުމުރުން 13 އަހަރުގެ ކުއްޖާ މަރުވެއްޖެ އެވެ.

މި އެކްސިޑެންޓްގައި ލިބުނު އަނިޔާގައި މަރުވީ ގދ. ވާދޫ ނެސްޓް، އަރުޝަމް އިބްރާހިމް އެވެ. އެ ކުއްޖާ މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް މިއަދު ހަވީރު 4:50 ހާއިރެވެ.

އޭނާގެ އިތުރުން މި އެކްސިޑެންޓްގައި އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދަނީ ސ. މަރަދޫ، ހިރުނދުގަސްދޮށުގޭ ހުސެއިން އަނަސް އަށެވެ.

މަންޒަރު ދުށް މީހަކު ބުނީ އެކްސިޑެންޓްވީ މަގުގެ އެއްކޮޅަކަށް ދުއްވާފައި ދިޔަ ދެ ވެހިކަލްގެ ތެރެއިން ކުރީގައި އިން ސައިކަލްގެ ފަހަތުގައި ޕިކަޕް ޖެހިގެން ކަމަށެވެ. މި ހާދިސާ ހިނގިއިރު، ސައިކަލްގައި ތިބީ މަރުވި ކުއްޖާ އާއި ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުން އަންނަ ޒުވާނާ އެވެ.

އެ އެކްސިޑެންޓްވި ޕިކަޕަކީ އެންވަޔަރުމެންޓް މިނިސްޓްރީން އައްޑޫގައި ބޭނުން ކުރާ އުޅަނދެކެވެ. މި ހާދިސާގައި އޭގެ ކުރިކޮޅަށް ގެއްލުންތަކެއްވެފައިވާ އިރު، ސައިކަލަށް ވެސް ގެއްލުންވި އެވެ. އެ އެކްސިޑެންޓްވި ސައިކަލްގައި ތިބި ދެ މީހުން ތިބީ ހެލްމެޓް ވެސް އަޅައިގެން ކަމަށް ވެ އެވެ.