Roadha Mihaaru
ނަޖީބުގެ އަނބިކަނބަލުން ފިޔަވައްޗަށް ވަޑައިގެންފި

ނަޖީބުގެ އަނބިކަނބަލުން ފިޔަވައްޗަށް ޒިޔާރަތް ކުރައްވައިފި

20 ޑިސެމްބަރ 2017

ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުންގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވި މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ އަނބިކަނބަލުން ޕަޑުކާ ސެރީ ރޮސްމާހް މަންސޫރު، ހުޅުމާލޭގައި ހުންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒަށް މިއަދު ޒިޔާރަތް ކުރައްވައިފި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުންގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވި މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ އަނބިކަނބަލުން ޕަޑުކާ ސެރީ ރޮސްމާހް މަންސޫރު، ހުޅުމާލޭގައި ހުންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒަށް މިއަދު ޒިޔާރަތް ކުރައްވައިފި އެވެ.

ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްއާ އެކު ފިޔަވައްޗަށް ވަޑައިގެން، ޕަޑުކާ ސެރީ ވަނީ އެތަނުގައި ތިބި ކުދިންނާ ބައްދަލުކުރައްވައި އެ ކުދިންގެ ކުރެހުންތައް ބައްލަވާލައްވައިފަ އެވެ. އަދި، ރާއްޖޭގެ ސަގާފަތް ދައްކުވައިދޭ ގޮތަށް ތައްޔާރުކޮށްފައިވާ ތަކެއްޗާއި މަރުކަޒާ ގުޅޭ ވީޑިއޯ ރިޕޯޓެއް ވެސް ބައްލަވާލެއްވި އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި ނަޖީބުގެ އަނބިކަނބަލުންގެ މި ޒިޔާރަތުގައި، މެލޭޝިއާގެ އިންޓަނޭޝަނަލް ޔޫތު ސެންޓަރުގެ ފަރާތުން ފިޔަވަތި އަށް ދިން އެހީ ވެސް ވަނީ ހަވާލު ކުރައްވައިފަ އެވެ. އެ އެހީ ހަވާލުކޮށްދެއްވީ، އިންޓަނޭޝަނަލް ޔޫތު ސެންޓަރުގެ ޑިރެކްޓަރ ޑރ. މުޙައްމަދު މާލިކީ ބިން މުޙައްމަދު ރަޕިއީ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބުގެ ދެކަނބަލުން ރާއްޖެ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ރަސްމީ ވާހަކަތައް ބޭއްވެވުމުގެ އިތުރުން ހަތަރު އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވައިފި އެވެ. އޭގެތެރޭގައި ހިމެނެނީ މެލޭޝިއާގައި ކަލްޗަރަލް ސެންޓަރެއް ގާއިމުކުރުމާއި ސިއްހީ ދާއިރާ އިން މީހުން ތަމްރީން ކުރުމާއި ވަސީލަތްތައް ހޯދައި ދިނުމާއި މަތީ ތައުލީމުގެ ފުރުސަތުތައް ހޯދައި ދިނުމާއި އަލިފާން ނިއްވުމާ ބެހޭ ތަމްރީން ދިނުމާ ގުޅޭ އެއްބަސްވުމެކެވެ.