ކ. ހިންމަފުށި ހިއްކަން އއ. އަތޮޅުން ވެލި ނަގާތީ އެ އަތޮޅު ކައުންސިލާއި ލޯކަލް ޓޫރިޒަމްގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
10 ޖުލައި 2016
ކ. ހިންމަފުށި ހިއްކަން އއ. އަތޮޅުން ވެލި ނަގާތީ އެ އަތޮޅު ކައުންސިލާއި ލޯކަލް ޓޫރިޒަމްގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ނެދަލެންޑްސްގެ ވެންއޫޑް ޑްރެޖިން އެންޑް މެރިން ކޮންޓްރެކްޓާ ކުންފުނިން ވެލި ނަގަނީ މަތިވެރި އާއި ބޮޑުފުޅަދުއާ ދިމާލުގައި އޮންނަ މަޝްހޫރު ޑައިވް ސްޕޮޓެއް ކަމަށްވާ ތިލަބަރިއާ 500 މީޓަރު ބޭރުން ކަމަށް އަތޮޅު ކައުންސިލުން ބުނެ އެވެ.
އޭގެ އިތުރުން ވެސް މި ސަރަހައްދުގައި ޑައިވް ކުރަން މަޝްހޫރު ތަންތަން ހުރެ އެވެ. އެގޮތުން މާޔާ ތިލަ އާއި ހަފްސާ ތިލަ ފަދަ ތިލަތައް ހުރިކަން ކައުންސިލުން ފާހަގަކުރި އެވެ.
އއ. އަތޮޅުގައި ޑައިވް ކުރަން ހާއްސަ ސަރަހައްދެއްގައި ޑައިވްކުރަނީ
އއ. އަތޮޅު ކައުންސިލްގެ މެމްބަރު މުއުމިން ރަޝީދު އަހުމަދު ވިދާޅުވީ ވެލި ނެގުމުގެ ސަބަބުން ފަރަށާއި، ޑައިވް ކުރަން ހާއްސަ ތަންތަނަށާއި މަސްވެރިކަމަށް ގެއްލުން ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި މަޝްރޫއު ފެށުމުގެ ކުރިން އީއައިއޭ ހެދިކަން ކައުންސިލަށް ނޭނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުއުމިން ވިދާޅުވީ އެއްވެސް ރަށަކާއި ފަރަކާ 500 މީޓަރު ކައިރިން ވެލި ނުނަގާނެ ކަމަށް ވެންއޫޑުން ބުނެފައިވާ ކަމަށެވެ. އަދި ތިލަބަރި ބޭރުން ދުވާލަކު ދެ ފަހަރު ވެލި ނަގާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކަމާ ބެހޭ ފަރާތްތަކުން ކައުންސިލަށް އަންގާފައިވާ ގޮތުގައި ވެލި ނެގުމުން އަތޮޅު ތެރެއަށް ކިލަނބުކަން ފެތުރޭނީ ވަކި ގަޑިތަކެއްގަ އެވެ. އަދި އޭގެ ސަބަބުން ތިމާވެއްޓަށް މާ ބޮޑެތި އަސަރުތަކެއް ނުކުރާނެ ކަމަށް ބުނެފައިވާ ކަމަށް ވެސް އަތޮޅު ކައުންސިލުން ބުނެ އެވެ.
ތިލަބަރި އޮންނަ ސަރަހައްދު ދައްކުވައިދޭ ޗާޓު. މިއީ ޑައިވް ކުރުމަށް ހާއްސަ ސަރަހައްދެއް.
މުއުމިން ވިދާޅުވި ގޮތުގައި ވެލި ނަގަނީ ފަރުމަސްވެރިކަން ވެސް ރަނގަޅު ސަރަހައްދެއްގަ އެވެ. އަދި ވެލި ނަގައިގެން އެ ސަރަހައްދު ކިލަނބުވެއްޖެ ނަމަ، މަސްވެރިކަން ވަރަށް ބޮޑަށް ދަށްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހައުސިން މިނިސްޓްރީން ވެސް ބުނެފައި އޮތީ އެ ހިސާބުގަނޑު ކިލަނބު ނުވިޔަސް، އެ ހިސާބުން ބާނާ މަހުގެ އަދަދު ވަރަށް ބޮޑު ތަން ދަށްވާނެ ކަމަށް،" މުއުމިން ވިދާޅުވި އެވެ.
އއ. އަތޮޅުގެ ލޯކަލް ޓޫރިޒަމްގައި މަސައްކަތް ކުރާ ބައެއް މީހުން ބުނީ އަތޮޅުގެ މަޝްހޫރު ޑައިވް ސްޕޮޓްތައް ހިމެނޭ ސަރަހައްދުގެ މޫދު ކިލަނބުވެ، ފަރުމައްޗަށް ކިސަޑު އެޅިއްޖެ ނަމަ ފަރުތަކާއި މުރަކަތައް މަރުވާނެ ކަމަށެވެ. އަދި އެކަމުގެ ޝަކުވާ ކަމާ ބެހޭ އިދާރާތަކާ ހިއްސާކުރި ކަމަށް ވެސް އެމީހުން ބުންޏެވެ.
"އެއްވެސް މަޝްވަރާއެއް ނުކޮށް ސަރުކާރުން ކަންކަން ކުރަމުން މިދަނީ. އަޅުގަނޑުމެންގެ ވިޔަފާރިއަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ފުރުސަތު އެބަ އޮތް،" ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މީހަކު، ނަން ނުޖަހާ ގޮތަށް، ބުންޏެވެ.
މުއުމިން ވިދާޅުވީ ކައުންސިލްތަކުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ތަންތަނަށް ބާރު ހިންގުމުގެ ފުރުސަތު ލާމަރުކަޒީ ގާނޫނުގައި އޮތަސް އެ ގާނޫނުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި ކައުންސިލްތަކާ އެކު ބޭއްވި ބައްދަލުވުމުގައި ތިމާވެއްޓަށް ކުރާނެ އަސަރުތަކާ މެދު ވާހަކަ ނުދައްކާ ކަމަށާއި ވާހަކަ ދެއްކީ ހަމައެކަނި އިންޖީނިއަރިންއާ ބެހޭ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.
ހިންމަފުށީ ދެކުނު ފަރާތު ފަޅު ތެރެއިން 21.6 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއަށް 130 މިލިއަނެއްހާ ރުފިޔާ ހަރަދުވެ އެވެ. ނެދަލެންޑްސް ކުންފުނިން މި މަސައްކަތުގައި ބޭނުން ކުރަނީ ދުނިޔޭގައި ދެވަނަ އަށް އޮތް އެންމެ ބޮޑު ޑްރެޖަރެވެ.
ހިންމަފުށި ބިން ހިއްކުމުގެ މަސައްކަތް ނެދަލެންޑްސްގެ ކުންފުނިން ފެށީ ސ. ފޭދު އާއި ގދ. ތިނަދޫ ބިމުގެ އިތުރުން މާލޭގެ އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދު ވެސް ހިއްކުމަށް ފަަހު އެވެ.
ހިންމަފުށި ބިން ހިއްކުމުގެ މަސައްކަތް ކުރަނީ. މި މަސައްކަތް މި މަހު ފަހުކޮޅު ނިމޭނެ.
ދެ އަތޮޅެއްގެ މަގުބައްތިތަކާ ސްޓެލްކޯ އިން ހަވާލުވެއްޖެ
ހަތަރު ރަށެއްގެ މަޝްރޫއުތައް އެމްޓީސީސީއާ ހަވާލުކޮށްފި
ރައީސް އއ. އަށް
މި ރަށްރަށުގައި ކުޑަ ބަޖެޓަކުން އީދު ޗުއްޓީ ހެދިދާނެ
މަތިވެރީގެ ބޮޑު ގެސްޓްހައުސެއް 50 އަހަރަށް ޖާބިރަށް
ބޮޑުފޮޅުދޫ ބިން ހިއްކައި ގޯތި ދޫކުރާނަން: އިބޫ
ހިންމަފުށި ބިން ހިއްކުމުގެ މަސައްކަތް ނިމުމަކާ ގާތަށް
130 މިލިއަނަށް ހިންމަފުށި ބިން ހިއްކަން ފަށައިފި
ހާތިމް މި ނުކުތީ ރިނބުދޫ ފަޅުވިޔަނުދީ ދިރުން ގެންނަން
ހއ. އަތޮޅަށް ބީއެމްއެލްގެ ގެސްޓް ހައުސް ފައިނޭންސިން