Roadha Mihaaru
130 މިލިއަނަށް ހިންމަފުށި ބިން ހިއްކަން ފަށައިފި

130 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންމަފުށި ބިން ހިއްކަން ފަށައިފި

05 ޖުލައި 2016

ކ. ހިންމަފުށީ ދެކުނު ފަރާތު ފަޅު ތެރެއިން 21.6 ހެކްޓަރުގެ ބިން ހިއްކަން އިއްޔެ ފަށައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކ. ހިންމަފުށީ ދެކުނު ފަރާތު ފަޅު ތެރެއިން 21.6 ހެކްޓަރުގެ ބިން ހިއްކަން އިއްޔެ ފަށައިފި އެވެ.

ނެދަލެންޑްސްގެ ވެންއޫޑް ޑްރެޖިން އެންޑް މެރިން ކޮންޓްރެކްޓާ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއަށް 130 މިލިއަނެއްހާ ރުފިޔާ ހަރަދުވާ ކަމަށް ހިންމަފުށީ ކައުންސިލުން ބުނެ އެވެ. އެ ކުންފުނިން މި މަސައްކަތުގައި ބޭނުން ކުރަނީ ދުނިޔޭގައި ދެވަނަ އަށް އޮތް އެންމެ ބޮޑު ޑްރެޖަރެވެ.

ހިންމަފުށި ކައުންސިލްގެ މެމްބަރު އަހުމަދު ހަމީދު މިއަދު ވިދާޅުވި ގޮތުގައި އެ ރަށު ބިން ހިއްކައި ނިމޭނެ ކަމަށް ލަފާ ކުރަނީ 19 ދުވަސް ތެރޭގަ އެވެ. ހިއްކާ ނިމުމުން، ނެދަލެންޑްސް ކުންފުނިން ބޮޑު ހިލަ ޖެހުމުގެ މަސައްކަތް ފަށައި އަހަރެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަމީދު ވިދާޅުވީ އެހާ ކުޑަ ސަރަހައްދެއް ހިއްކަން ލަސްވަނީ އއ. އަތޮޅުން ވެލި ނެގުމުގެ މަސައްކަތް ކުރާތީ ކަމަށެވެ.

"މަސައްކަތް ކުރާ ކުންފުނިން ދަނީ ވީހާ ވެސް އަވަހަށް ހިއްކާ ނިންމަން މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވި އެވެ.

ހިންމަފުށި ބިން ހިއްކުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: ހައުސިން މިނިސްޓްރީ

ހިންމަފުށި ބިން ހިއްކުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: ހައުސިން މިނިސްޓްރީ

ހަމީދު ވިދާޅުވި ގޮތުގައި ސަރުކާރުގެ ވިސްނުން ހުރީ ހިއްކާ ސަރަހައްދުގައި ފްލެޓު އަޅައި ގޯތި ދިނުމަށެވެ.

މީގެ އިތުރުން، އެ ރަށު ބޯޅަ ދަނޑު ހިއްކި ސަރަހައްދަށް ބަދަލު ކުރުމުގެ ވިސްނުން ވެސް ހިންމަފުށީ ކައުންސިލުން ގެންގުޅެ އެވެ. ބޯޅަ ދަނޑު ހިއްކި ސަރަހައްދަށް ބަދަލު ކުރަނީ، ހަމީދު ވިދާޅުވި ގޮތުގައި، މިހާރު އޮތް ދަނޑު ކުޑަވެފައި ޖާގަ ހުރި ތަނަކަށް ބަދަލުކުރާށެވެ. އަދި ބޯޅަ ދަނޑު މިހާރު އޮތް ތަނުން ގޯތި ދިނުމުގެ ވިސްނުން ހުރި ކަމަށް ހަމީދު ވިދާޅުވި އެވެ.

"ދަނޑު ހުރި ތަނުގެ ޖާގަ އަށް ބަލާއިރު 40 އަށް ވުރެ ގިނަ ގޯތި ދެވޭނެ،" އޭނާ ވިދާޅުވި އެވެ.

ހަމީދު ވިދާޅުވި ގޮތުގައި ދެކުނު ފަރާތު ފަޅު ތެރެއިން ހިއްކަނީ ހިންމަފުށީގައި މިހާރު މީހުން ދިރިއުޅޭ ސަރަހައްދަށް ވުރެ ބޮޑު ސަރަހައްދެކެވެ. ހިންމަފުށީގައި ހާހަކަށްވުރެ ގިނަ މީހުން ދިރިއުޅެ އެވެ.

ހިންމަފުށި ބިން ހިއްކުމުގެ މަސައްކަތް ނެދަލެންޑްސްގެ ކުންފުނިން ފެށީ ސ. ފޭދޫ އާއި ގދ. ތިނަދޫ ބިން ކުޑަދުވަސްކޮޅެއްގެ ތެރޭގައި ހިއްކާ ނިންމުމަށް ފަހު އެވެ.

ހިންމަފުށި ބިން ހިއްކާ ސަރަހައްދު ވީޑިއޯ އިން.