Roadha Mihaaru
ފައިނަލުގައި ފޭވަރިޓެއް ނޯންނާނެ: އޮސްކާ

ފައިނަލުގައި ފޭވަރިޓެއް ނޯންނާނެ: އޮސްކާ

15 ޑިސެމްބަރ 2017

ފައިނަލް މެޗުތަކުގައި ފޭވަރިޓެއް ނޯންނާނެ ކަމަށާއި ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުގައި މިރޭ ޓީސީ ސްޕޯޓްސް ކްލަބް އަތުން މޮޅުވާން ނިއު ރޭޑިއަންޓުން އެންމެ މޮޅު ކުޅުން ދައްކަން ޖެހޭ ކަމަށް ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ފައިނަލް މެޗުތަކުގައި ފޭވަރިޓެއް ނޯންނާނެ ކަމަށާއި ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުގައި މިރޭ ޓީސީ ސްޕޯޓްސް ކްލަބް އަތުން މޮޅުވާން ނިއު ރޭޑިއަންޓުން އެންމެ މޮޅު ކުޅުން ދައްކަން ޖެހޭ ކަމަށް ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ބުނެފި އެވެ.

ނިއު އިން ވަނީ މި ސީޒަނުގައި ޓީސީއާ ދެކޮޅަށް ކުޅުނު ހަ މެޗު ވެސް ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ކަށަވަރުކުރި މެޗާއި އެފްއޭ ކަޕުގެ ފައިނަލުގެ އިތުރުން ޕްރެޒިޑެންޓްސް ކަޕުގެ ސެމީ ފައިނަލް ހިމެނެ އެވެ. އެހެންވެ ހުރިހާ ގޮތުން ވެސް މިރޭގެ ފޭވަރިޓުންނަކީ ނިއު ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

އޮސްކާ ބުނީ ސީޒަނުގެ ފަހު މެޗާ ކުރިމަތިލާއިރު ކުރިމަތީގައި މިއޮތީ ޝަރަފްވެރި ތަށްޓެއް ކަމަށެވެ. އަދި އެ ތަށި ހާސިލްކުރަން ނުކުންނަން ޖެހެނީ ވަރަށް އުނދަގޫ ޓީމަކާ ދެކޮޅަށް ކަމަށް އޭނާ ބުންޏެވެ.

"ސީޒަނުގެ އެންމެ ފަހު ތަށި ހާސިލްކުރަން ނުކުންނަން ޖެހޭނީ އެންމެ ވަރުގަދަ ހާލަތުގައި އޮވެ،" އޮސްކާ ބުންޏެވެ. "ފައިނަލް މެޗުގައި ފޭވަރިޓެއް ނޯންނާނެ. އަހަރެމެން ސަމާލުކަން ދެނީ އަހަރެމެންގެ ކުޅުން އެއް ވަރެއްގައި ދެމެހެއްޓުމަށް. އަދި އެކަމުގެ ތެރެއިން ޓީސީ ހުއްޓުވަން މަސައްކަތްކުރާނީ،" އޮސްކާ ބުންޏެވެ.

މިއީ ނިއު ވާދަކުރާ ގައުމީ މުބާރާތުގެ 22 ވަނަ ފައިނަލެވެ. ނިއު އިން ވަނީ މި މުބާރާތް މިހާތަނަށް 11 ފަހަރު ކާމިޔާބުކޮށްފަ އެވެ. ނިއު އިން 2014 ވަނަ އަހަރު މުބާރާތުގެ ތަށި މިލްކުކޮށްފައިވާއިރު އެ ޓީމަކީ ވިކްޓަރީ ނެގުމަށް މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. މިއީ ޓީސީގެ ދެ ވަނަ ފައިނަލެވެ. މިދިޔަ އަހަރުގެ ފައިނަލުން އެ ޓީމު ބަލިވީ ކްލަބް އީގަލްސް އަތުންނެވެ.

ނިއު އާއި ޓީސީ ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ މިރޭ 9 ޖަހާއިރެވެ.