Roadha Mihaaru

ނިއު، އޮޑި އަދި ޓީސީ ލީގު ކަޕުގެ ސެމީ އަށް

އެފްއޭއެމް ލީގު ކަޕުގެ ސެމީ ފައިނަލުގެ ފަހު ތިން ޖާގަ ނިއު ރޭޑިއަންޓް، ޓީސީ ސްޕޯޓްސް، އަދި އޮޑި ސްޕޯޓްސް ހޯދައިފި އެވެ.

ނިއު، އޮޑި އަދި ޓީސީ ލީގު ކަޕުގެ ސެމީ އަށް

އެފްއޭއެމް ލީގު ކަޕުގެ ސެމީ ފައިނަލުގެ ފަހު ތިން ޖާގަ ނިއު ރޭޑިއަންޓް، ޓީސީ ސްޕޯޓްސް، އަދި އޮޑި ސްޕޯޓްސް ހޯދައިފި އެވެ.

ސެމީގެ ފަހު ޖާގަތައް ކަށަވަރުވީ އިއްޔެ ހަވީރު މަހިބަދޫ އަތުން 2-1 އިން ޓީސީ މޮޅުވި މެޗާއި، ރޭ އޮޑި އަތުން 2-0 އިން ނިއު މޮޅުުވި މެޗުގެ ނަތީޖާތަކާ އެކު އެވެ.

ފަސް ޓީމު ވާދަކުރާ މުބާރާތުގެ ސެމީ ފައިނަލުން މާޒިޔާ ވަނީ މާ ކުރިން ޖާގަ ޔަގީންކޮށްފަ އެވެ. ސެމީން ފުރުސަތު ނުލިބި ކެޓީ މަހިބަދޫ ޒުވާނުންގެ ޖަމިއްޔާ އެވެ.

ލީގު ބުރުގެ އެއް ވަނައިގައި މާޒިޔާ ނުވަ ޕޮއިންޓާ އެކު އޮތްއިރު، ދެ ވަނައިގައި ހަ ޕޮއިންޓާ އެކު އޮތީ ނިއު އެވެ. އޮޑި އާއި، ޓީސީ އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު މަހިބަދޫ އަށް ޕޮއިންޓެއް ނުލިބެ އެވެ.

ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ލީގު ބުރުގެ އެއް ވަނަ އާއި ހަތަރު ވަނަ އެވެ. އަދި ދެ ވަނަ ސެމީގައި ބައްދަލުކުރާނީ ދެ ވަނަ އާއި ތިން ވަނަ އެވެ.

ވަނަތައް ކަށަވަރުވާނީ ލީގު ބުރުގެ ފަހު މެޗުތަކަށް ފަހު އެވެ. އެއީ ބުދަ ދުވަހު ހަވީރު އޮޑި އާއި މާޒިޔާ ކުޅޭ މެޗާއި، އެރޭ ނިއު އާއި މަހިބަދޫ ކުޅޭ މެޗުތަކެވެ.

އިއްޔެ ހަވީރު މަހިބަދޫ އަތުން ޓީސީ އަށް މޮޅުވެވުނީ ފަހު ވަގުތު އެވެ. އެ ޓީމުގެ މާޒިޔު ޒަހީދު މެޗުގެ 10 ވަނަ މިނެޓުގައި ކުރި ހޯދައިދީފައިވަނިކޮށް މަހިބަދޫގެ އަސަދުﷲ އަބްދުﷲ ވަނީ 82 ވަނަ މިނެޓުގައި އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ. މިއީ ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަހަރުތަކަށް ފަހު ކުޅޭ ފުރަތަމަ މުބާރާތެވެ. މި މެޗުން ޓީސީ މޮޅުވި ގޯލު 90 ވަނަ މިނެޓުގައި ޖެހީ އަބްދުﷲ ރިޒާން އެވެ.

ރޭ އޮޑި އަތުން ނިއު މޮޅުވި މެޗުގައި އެ ޓީމަށް ގޯލް ޖަހައިދިނީ ތޯރިގް އިބްރާހީމާއި، އިބްރާހިމް ރިޒުހާން އެވެ.

ނިއު އިން މި މުބާރާތުގައި ވާދަކުރަނީ މި އަހަރު އޮންނަ ދެ ވަނަ ޑިވިޝަނަށް ތައްޔާރުވުމަށެވެ. މިދިޔަ ދެ ފަހަރު ވެސް ދެ ވަނަ ޑިވިޝަނުގައި ވާދަކޮށް ނާކާމިޔާބުވި ނިއުގެ އަމާޒަކީ، އަލުން އެއް ވަނަ ޑިވިޝަނަށް އެރުމެވެ.

ލީގު ކަޕަކީ، އެފްއޭއެމްގެ އަސާސީ ގަވާއިދު އިސްލާހުކުރުމުގެ މަސައްކަތާއި، އިންތިހާބު ބޭއްވުމުގެ މަސައްކަތް ކުރަމުން އަންނާތީ މިވަގުތު ދިވެހި ޕްރިމިއާ ލީގު ބޭއްވެން ނެތުމުން، ކްލަބްތަކަށް މެޗުތަކެއް ހޯދައިދޭން ބާއްވާ ނުރަސްމީ މުބާރާތެކެވެ.