18 މެއި 2023
އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނަނީ ގޯލްތަކެއް ޖަހަން ކަމަށް ޓީސީގެ ކޯޗު އަހުސަން ރަޝީދު (ޗޭ) ބުނެފި އެވެ.
އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނަނީ ގޯލްތަކެއް ޖަހަން ކަމަށް ޓީސީގެ ކޯޗު އަހުސަން ރަޝީދު (ޗޭ) ބުނެފި އެވެ.
ޓީސީ އިން މި ސީޒަންގައި މިހާތަނަށް ހަތަރު މެޗު ކުޅެފައި ވާއިރު ގޯލް ޖަހާނެ ގިނަ ފުރުސަތުތަކެއް އެ ޓީމުން ވަނީ ހޯދައިފަ އެވެ. ނަމަވެސް ޖެހުނީ ތިން ގޯލެވެ.
ލީގުގެ ކުރިން ކުޅުނު ޕްރެޒިޑެންޓްސް ކަޕްގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން 2-0 އިން ބަލިވި ނަމަވެސް ދެވަނަ މެޗުގައި ހަނި ގޮތަކަށް ވަނީ 1-0 އިން ބުރު ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. ލީގުގެ ފުރަތަމަ މެޗުގައި ކްލަބް ވެލެންސިއާ އަތުން 2-0 އިން މޮޅެއް ހޯދި ނަމަވެސް ދެވަނަ މެޗުގައި ވަނީ ފަހު ސިކުންތުކޮޅުގައި ވަން ގޯލަކުން 1-0 އިން ބުރު އަތްދަށުވެފަ އެވެ.
މެޗުގެ ކުރިން އިއްޔެ ގަލޮޅު ދަނޑުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އަހުސަން ބުނީ، ޓީސީ އަށް ގޯލު ޖަހަން ލިބޭ ފުރުސަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ނުހިފޭ ކަމަށާއި ނަމަވެސް އީގަލްސް އާ ދެކޮޅަށް ނުކުންނަ މެޗަކީ، ލީގުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ލަނޑު ޖެހޭނެ މެޗު ކަމަށް އުންމީދު ކުރާ ކަމަށެވެ.
"ގޯލު ޖަހަން ނުކުންނާނީ. ބޮޑަށް ރެޑީ ވަނީ ގޯލު ޖަހަން. ބަލަނީ މި ބުރުގައި އެންމެ ގިނައިން ގޯލު ޖަހާނެ އެއް މެޗު ކަމަށް،" ޓީސީ އަށް ލިބޭ ފުރުސަތުތަކުގައި ގޯލު ޖެހުމުގައި ދިމާވެފައިވާ މައްސަލައާ ގުޅޭގޮތުން އަހުސަން ބުންޏެވެ.
މާޒިޔާ ނަގައިފައި ލީގަށް އެންމެ ބޮޑަށް ތައްޔާރު ވެފައިވާ ޓީމަކީ އީގަލްސް އެވެ. މާޒިޔާއާ ދެކޮޅަށް ވެސް ޓީސީ އިން މި ސީޒަންގައި ކުޅެފައި ވާއިރު، އަހުސަން ބުނީ އީގަލްސް އަކީ ރަނގަޅު ޓީމެއް ކަމަށާއި ނަމަވެސް މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗަށް ވުރެ އީގަލްސް މެޗު އުނދަގޫ ވާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
އީގަލްސް ރަނގަޅުވާނެ ކަމަށް މި ބަލަނީ، މި ލީގުގައި ޖެހޭނެ އެންމެ ރަނގަޅު މީހުންނާ [މާޒިޔާ] ވެސް އަހަރެމެން ކުޅެފިން. އެހެންވީމަ، އެ މީހުންނަށް ވުރެ އުނދަގޫވާނެހެން ހިއެއްނުވޭ،" އަހުސަން ބުންޏެވެ.
އަހުސަން ބުނީ ޓީސީއަށް އަނިޔާގެ މައްސަލަތައް ދިވާވެފައި ވާކަމަށާއި ނަމަވެސް އެކަން މާ ބޮޑަށް ނުދައްކަނީ އެއް ފެންވަރެއްގައި ކުޅޭ ޒުވާން ގިނަ ކުޅުންތެރިން ޓީމުގައި ތިބުމާއި މެޗުގައި ފަސް ބަދަލު ކުރެވޭގޮތަށް އުސޫލު އޮތުމުން ކަމަށެވެ.
"އެބަ އުޅޭ ގާތްގަނޑަކަށް ފަސްވަރަކަށް ޕްލޭޔާސް އިންޖަރީގައި. ސްކޮޑް ފުދޭވަރަކަށް ރަނގަޅު ވީމަ އެތަން އެހާ ބޮޑަށް ނުދައްކަނީ. ބުންވަރުގެ މައްސަލަ އުޅޭ. އެކަމު ފަސް ބަދަލު އޮންނާތީ ޓީސީން އެކަން ނުދައްކަނީ،" އަހުސަން ބުންޏެވެ.
އީގަލްސްގެ އެސިސްޓެންޓް ކޯޗު މުއާވިޔަތު އިލްހާމް: ހެޑް ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބަލިވެ އުޅޭތީ، ލީގު ފެށިގެން މިހާތަނަށް ހުރިހާ މެޗެއްގައި ވެސް ޓީމަށް އިރުޝާދު ދެނީ އިލްހާމް--- ފޮޓޯ: ނިޝާން އަލީ | މިހާރު
އީގަލްސްގެ އެސިސްޓެންޓް ކޯޗު މުއާވިޔަތު އިލްހާމް (އިއްލެ) ވެސް އީގަލްސް އަށް ގޯލު ޖެހުމުގައި މައްސަލަތަކެއް ހުރި ކަން ފާހަގަކުރި އެވެ.
"ގޯލް ސްކޯރިން ގައި މައްސަލަ ހުރި ކަން ހަމަ ވަރަށް ބޮޑަށް ފާހަގަކުރެވޭ. އެ ވަރަށް މަސައްކަތް ނުކުރެވެނީ ކަން ނޭނގޭ. އަޅުގަނޑުމެން މި މެޗުގައި އެކަން ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރާނަން. އުންމީދު ކުރަނީ ރަނގަޅު ވާނެ ކަމަށް،" ލަނޑު ޖެހުމުގައި އީގަލްސް އަށް ދިމާވެފައިވާ މައްސަލައާ ގުޅޭގޮތުން ކޯޗު އިލްހާމް ބުންޏެވެ.
"އީގަލްސް އެއްވެސް މެޗެއް ފަސޭހަކޮށް ނުގަނާނެ. ހާއްސަކޮށް ޓީސީ މެޗަށް ވިސްނާއިރު ފަސޭހަ ނުވާނެ އަޅުގަނޑުމެންނަށް. އެކަމު މަސައްކަތް ކުރަނީ މެޗު ކާމިޔާބު ކުރާނެ ފޯމިއުލާއެއް ނެރެން."
އިލްހާމް ބުނީ، އީގަލްސްގައި އަނިޔާގެ މައްސަލަތައް އެބަ ހުރި ކަމަށާއި، ގާތްގާތުގައި މެޗުތަކެއް ކުޅެން ޖެހުމުން އަނިޔާގެ މައްސަލަތަކުން އަދިވެސް އަރައި ނުގަނެވޭ ކަމަށެވެ. އީގަލްސްގެ ކޮންމެ ގޯލެއްގައި ހެން މި ސީޒަންގައި ހިއްސާވާ ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ) ކުޅެމުން އަންނަނީ އަނިޔާގައި ހުރެ ކަން ކޯޗު ވަނީ މީގެ ކުރީ ޕްރެސްތަކުގައި ވެސް ފާހަގަ ކޮށްފަ އެވެ.
"ރިޒޭ އަކީ މުޅި އީގަލްސްއޭ ބުންޏަސް ދޮގަކަށް ނުވާނެ. ހުރިހާ ގޯލެއްގައި ވެސް ރިޒޭގެ އެހީތެރިކަން ލިބޭ، ރިޒޭ އަކީ އީގަލްސް އަށް ވަރަށް މުހިންމު ކުޅުންތެރިއެއް. ކުރިއަށް ޗޭންޖެއް ގެންނަން ވެއްޖިއްޔާ އެބަހުރި އޮޕްޝަންތައް. އެކަމަކު، މެދުތެރެއާ ފަހަތާ، މީގަ އޮޕްޝަންތައް ވަރަށް މަދު،" އިލްހާމް ބުންޏެވެ.
އީގަލްސް އާއި ޓީސީ ބައްދަލުކުރާ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރެވެ.
ބުރު ބަލިކޮށް ޓީސީ ސެމީގެ އުންމީދު ހޯދައިފި
"ގަދަކަމުން" ތައްޔާރު ވިއަސް އުންމީދަކީ މޮޅުވުން
ޓީސީ ކުޅުނީ ފުޓްބޯޅައެއް ނޫން: މާޒިޔާ ކޯޗު
އެހެން ޓީމުތަކާ މެދު މާޒިޔާގެ ކޯޗުގެ ވިސްނުމެއް ނެތް
ޕްރެޒިޑެންޓްސް ކަޕުގެ ފެށުން މާދަމާރޭ
ގްރާންޑޭ ބަލިކޮށް ޓީސީ އަށް ހަމަނޭވާއެއް
ފުރަތަމަ ހާފުގެ ލަނޑުތަކުން މާޒިޔާއިން ޓީސީ ބަލިކޮށްފި
ޕްރެޒިޑެންޓްސް ކަޕުގެ ގަދަ ފަހެއް ހޮވައިފި
އޮއްޕޮގެ ދެ ލަނޑުން ނިއު އިން ގައުމީ ތަށި ހޯދައިފި
"90 މިނެޓުގެ ތެރޭ ނަތީޖާ ނެރެން މަސައްކަތްކުރާނަން"