ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީ ކުރުމަށް ބޭރުގެ ފަރާތަކާ ހަވާލު ކުރި ނަމަވެސް އެތަނުގައި ޑޮކްޓަރުން މަދުވެ، ޚިދުމަތް މެދުކެނޑިފައިވާ ކަމުގެ ޝަކުވާ ގިނަވެފައިވާތީ އެ ހޮސްޕިޓަލަށް އިތުރު ޑޮކްޓަރުން ފޮނުވުމަށް ހެލްތު މިނިސްޓްރީން ނިންމައިފި އެވެ.
13 ޑިސެމްބަރ 2017
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީ ކުރުމަށް ބޭރުގެ ފަރާތަކާ ހަވާލު ކުރި ނަމަވެސް އެތަނުގައި ޑޮކްޓަރުން މަދުވެ، ޚިދުމަތް މެދުކެނޑިފައިވާ ކަމުގެ ޝަކުވާ ގިނަވެފައިވާތީ އެ ހޮސްޕިޓަލަށް އިތުރު ޑޮކްޓަރުން ފޮނުވުމަށް ހެލްތު މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް، މުހައްމަދު މާހިރު މިއަދު ވިދާޅުވީ ކުޅުދުއްފުށީ ހޮސްޕިޓަލްގައި ޑޮކްޓަރުން މަދުވުމުގެ ސަބަބުން، އިތުރު ދެ މެޑިކަލް އޮފިސަރުން އެތަނަށް ފޮނުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެކަން މިހާތަނަށް ލަސްވެފައި ވަނީ މަތިންދާބޯޓުން ޖާގަ ނުލިބިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
މި ދެ ޑޮކްޓަރުންނާއެކު، ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާ ދޭ މެޑިކަލް އޮފިސަރުންގެ އަދަދު ފަހަކަށް އަރާނެ އެވެ.
މާހިރު ވިދާޅުވީ ކުޅުދުއްފުށީ ހޮސްޕިޓަލުގައި ރޭޑިއޮލޮޖިސްޓެއް ފިޔަވައި، އެހެން ހުރިހާ ސްޕެޝަލިސްޓު ޑޮކްޓަރުން މިހާރު ތިބޭނެ ކަމަށެވެ. އަދި ކުޑަކުދިންގެ ޑޮކްޓަރު ވެސް ޗުއްޓީގައި ހުރުމަށް ފަހު މިއަދު މަސައްކަތަށް ނުކުމެފައިވާ ކަމަށް ވިދާޅުވި އެވެ.
"ރޭޑިއޮލޮޖިސްޓުން ހޯދުން ދަތިވީމާ، އަދި ޑޮކްޓަރެއް ލިބިފައި ނުވަނީ. އެކަމަކު އަޅުގަނޑުމެން މިދަނީ އެ ހޮސްޕިޓަލަށް ދިމާވެފައިވާ ކްރައިސިސް މެނޭޖް ކުރަމުން،" މާހިރު ވިދާޅުވި އެވެެ.
ކުޅުދުއްފުށީ ހޮސްޕިޓަލް މިހާރު ހިންގަނީ އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލުންނެވެ.
މިދިޔަ ޖޫން މަހު އެ ކުންފުންޏާ ދިވެހި ސަރުކާރުން ހޮސްޕިޓަލް ހަވާލުކޮށްފައިވަނީ އެތަނަށް ބޮޑެތި ތަރައްގީތަކެއް ގެންނަން ޝަރުތުކޮށް 50 އަހަރުގެ މުއްދަތަކަށެވެ. އެ އެއްބަސްވުމުގައި ވާ ގޮތުން އެއް އަހަރާއި ހަތަރު މަހުގެ ތެރޭގައި އެތަން މަލްޓި ސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރަން ޖެހެ އެވެ.
އެކަމަކު އެއްވެސް ހިދުމަތެއް މިހާތަނަށް ނުފެށޭ އިރު، ކުރިން ތިބި ޑޮކްޓަރުންގެ އަދަދު މަދުވެ، ހިދުމަތްތައް މެދުކެނޑިގެން ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ. މިކަމާ ގުޅޭ ގޮތުން ބައެއް މީޑިއާތަކާ ވާހަކަ ދައްކަމުން ނޫރުލް އިސްލާމް އިންޓަނޭޝަނަލް އިން ބުނީ ހޮސްޕިޓަލަށް ތަރައްގީ ގެނައުމުގައި މާލީ ގޮތުން ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން އެ ކުންފުންޏާއެކު ޖޮއިންޓް ވެންޗާ އުސޫލުން ހިންގަމުން އަންނަ، އިންޑިއާގެ ނޫރުލް އިސްލާމިކް އެޑިއުކޭޝަން ޓްރަސްޓުން ހޮސްޕިޓަލް ތަރައްގީ ކުރުމަށް މާ ބޮޑު އެހީތެރިކަމެއް ނުލިބޭ ކަމަށް އެ ކުންފުނިން ބުނެފައި ވެ އެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލަށް ޑޮކްޓަރުންގެ ދަތިކަން އެހާ ބޮޑަށް ކުރިމަތިވެފައި ވަނީ ވެސް، ބައެއް ޑޮކްޓަރުން ޗުއްޓީ އަށް ދިޔުމުން ދުރާލައި އިތުރު ޑޮކްޓަރުން ހޯދަން ނޫޅެވުމުން ކަމަށް ވެސް އެ ކުންފުނިން ބުނެފައި ވެ އެވެ.
ކަނޑައަޅާފައިވާ މުއްދަތާ އެއްގޮތަށް، މަސައްކަތްތައް ހިނގަމުން ނުދާ ކަމަށް ހެލްތު މިނިސްޓްރީން ވެސް އެއްބަސް ވެ އެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ހަބީބު ވިދާޅުވެފައި ވަނީ ކަނޑައަޅާފައިވާ ވަގުތާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާތީ، އެކަން ހައްލު ކުރުމަށް، ނިމްސް އާއި ކަމާ ބެހޭ އެހެން ފަރާތްތަކާއެކު މިހާރު ވެސް މަަޝްވަރާތައް ކުރިއަށް ދާ ކަމަށެވެ.
އިންޑިއާއިން ދިވެހި ޑޮކްޓަރުންނަށް ވޯކްޝޮޕެއް ހިންގައިފި
ކުޅުދުއްފުށީ ހޮސްޕިޓަލުގެ އެއްބަސްވުން އުވާލަނީ
މައްސަލަ ހައްލުވެއްޖެ ކަމަށް އެންއައިއައިއިން އަންގައިފި
ކޭއާރުއެޗްގެ މައްސަލަ ހައްލުކުރަން 10 ދުވަސް ދީފި
ކޭއާރްއެޗް ސީރިއަސް ހާލަތުގައި، ބޭނުމީ އަވަސް ފަރުވާ!
ކުޅުދުއްފުށީ ހޮސްޕިޓަލާ ގުޅޭ ބޮޑެތި ތުހުމަތުތަކެއް!
ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެނައި ކުރިއެރުމަކީ ކޮބާ؟
ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަން ނިމްސްއާ ހަވާލުކޮށްފި
ކުޅުދުއްފުށީ ހޮސްޕިޓަލް ނިމްސްއާ ހަވާލު ކުރަނީ
ފައިލޭރިއާ ޖެހިފައިވާ ބިދޭސީއަކު ހުޅުމާލެ އިން ފެނިއްޖެ