03 އެޕްރީލް 2018
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީކޮށް ހިންގަން، އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް (އެންއައިއައިއާ) އެކު ވެފައިވާ އެއްބަސްވުން އުވާލުމަށް ގާނޫނީ ގޮތުން ކުރަން ޖެހޭ ކަންކަމުގެ މަސައްކަތް ފަށައިފި އެވެ.
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީކޮށް ހިންގަން، އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް (އެންއައިއައިއާ) އެކު ވެފައިވާ އެއްބަސްވުން އުވާލުމަށް ގާނޫނީ ގޮތުން ކުރަން ޖެހޭ ކަންކަމުގެ މަސައްކަތް ފަށައިފި އެވެ.
އިންޑިއާގެ ނިމްސް ހޮސްޕިޓަލް ވެސް ހިންގާ ނޫރުލް އިސްލާމް އެޑިއުކޭޝަނަލް ޓްރަސްޓްގެ 80 ޕަސެންޓް ހިއްސާ އޮންނަ އެންއައިއައިއާ ކުޅުދުއްފުށީ ހޮސްޕިޓަލް ހަވާލުކުރީ 50 އަހަރަށެވެ. އެކަމަކު އެ އެއްބަސްވުމާ އެއްގޮތަށް ހޮސްޕިޓަލް ނުހިންގުނީ، އެ ކުންފުނީގެ ދެ ހިއްސާދާރުން ކަމަށްވާ ފައިޒަލް ޚާން އާއި އަލީ އުސައިދާ ދެމެދު އުފެދުނު މައްސަލަތަކަކާ ހެދި އެވެ. އެ މައްސަލަތައް ހައްލުކުރަން ދިވެހި ސަރުކާރުން 10 ދުވަހުގެ މުއްދަތެއް ވެސް ދިނެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލް.-- ފޮޓޯ: ކުޅުދުއްފުށީ އޮންލައިން
އެއްބަސްވުން އުވާލުމުގެ މަސައްކަތް ފެށީ، މި މައްސަލަތަކަށް އެދެވޭ ހައްލެއް ނުހޯދުމުންނެވެ. އެއްބަސްވުން އުވާލުމާ ގުޅޭ ގޮތުން މިނިސްޓްރީން އަދި ވާހަކައެއް ނުދައްކަ އެވެ.
އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި، އެއްބަސްވުން އުވާލުމުގެ މަސައްކަތް ފެށީ، މުއްދަތެއް ދީގެން ވެސް މައްސަލަ ހައްލު ނުވުމުން، އެޓާނީ ޖެނެރަލްގެ ލަފާ ވެސް ހޯދައިގެންނެވެ.
ހެލްތު މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ އެއްބަސްވުން އުވާލަން ނިންމި ކަމެއް، އެ މިނިސްޓްރީ އަށް އަދި އެނގިފައި ނުވާ ކަމަށެވެ. އެ މައްސަލަ މިހާރު އޮތީ، ރައީސް އޮފީހުގައި ކަމަށާއި ގޮތެއް ނިންމާނީ ރައީސް އޮފީހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް މިއަދު ވިދާޅުވީ ދައުރު ނިމުމުގެ ކުރިން، ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަކީ، ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދަކަށްވި ނަމަވެސް، އެ ވައުދު ނުފުދި، ހޮސްޕިޓަލުގެ ހާލަތު ދަށްވަމުންދާތީ، ރައްޔިތުންގެ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. ހޮސްޕިޓަލާ މެދު ސަރުކާރުން ގެންގުޅޭ ވިސްނުން ކައުންސިލާ ހިއްސާކޮށްފައި ނުވިއަސް އުއްމީދަކީ، އެތަން ވީހާވެސް އަވަހަކަށް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުވުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންގެ ޝަކުވާތަކެއް އެބަހުރި. ދައުރު ނިމޭއިރު ހޮސްޕިޓަލުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ނުވުމަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލައެއް،" އަބްދުއްލަތީފް ވިދާޅުވި އެވެ.
އެއްބަސްވުން އުވާލަން ސަރުކާރުން ނިންމިއިރު، ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަން ނިމްސްއާ އެކު ވެފައިވާ އެއްބަސްވުން ނިމޭ ހިސާބުން، އެ ތަން ތަރައްގީކުރަން ސަރުކާރުން ރާވާފައިވާ ޕްލޭންތައް ކުރިއަށް ގެންދާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވަނީ ވިދާޅުވެފަ އެވެ. އެތަނުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރަން ސަރުކާރުން ޕްލޭންތަކެއް ކަނޑައަަޅާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ހިއްސާދާރުންގެ މެދުގައި ބޮޑު މައްސަލަގަނޑެއް އުފެދިފައިވާއިރު، ހޮސްޕިޓަލް ހިންގުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމުގެ ތުހުމަތު އެއް ބޭފުޅަކު ގެންދަވަނީ އަނެއް ބޭފުޅެއްގެ އިސްތަށިފުޅުގައި އަޅުވަމުންނެވެ. ކޮރަޕްޝަންގެ މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންނަނީ ބަލަމުންނެވެ.
މައްސަލަ ހައްލުވެއްޖެ ކަމަށް އެންއައިއައިއިން އަންގައިފި
ކޭއާރުއެޗްގެ މައްސަލަ ހައްލުކުރަން 10 ދުވަސް ދީފި
ކުޅުދުއްފުށީ ހޮސްޕިޓަލާ ގުޅޭ ބޮޑެތި ތުހުމަތުތަކެއް!
ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެނައި ކުރިއެރުމަކީ ކޮބާ؟
ކުޅުދުއްފުށީ ހޮސްޕިޓަލް ނިމްސްއާ ހަވާލު ކުރަނީ
އެއްބަސްވުން އުވާލުމުގެ ބަދަލަށް 29 މިލިއަން!
"ކުޅުދުއްފުށީ ހޮސްޕިޓަލްގެ އެގްރިމަންޓް ނިންމަން ޖެހޭ"
ކުޅުދުއްފުށީހޮސްޕިޓަލް އެއްބަސްވުން އުވާލުމުގެ އިޝާރާތެއް
ކޭއާރްއެޗް ސީރިއަސް ހާލަތުގައި، ބޭނުމީ އަވަސް ފަރުވާ!
އުސައިދުގެ ބޮޑެތި ތުހުމަތުތަކެއް ނޫރުލް އިސްލާމަށް