14 ޖެނުއަރީ 2018
ހދ. ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަން އުފެއްދި ކުންފުނި، ނޫރުލް އިސްލާމް އިންޓަނޭޝަނަލް (އެންއައިއައި)ގެ ހިއްސާދާރުންގެ މެދުގައި ޖެހުނު މައްސަލަ ހައްލުކުރަން، އެ ކުންފުނީގެ ބޯޑަށް ބަދަލުތަކެއް ގެނެސް މައްސަލަ ހައްލުވެއްޖެ ކަމަށް ހެލްތު މިނިސްޓްރީ އަށް އަންގައިފި އެވެ.
ހދ. ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަން އުފެއްދި ކުންފުނި، ނޫރުލް އިސްލާމް އިންޓަނޭޝަނަލް (އެންއައިއައި)ގެ ހިއްސާދާރުންގެ މެދުގައި ޖެހުނު މައްސަލަ ހައްލުކުރަން، އެ ކުންފުނީގެ ބޯޑަށް ބަދަލުތަކެއް ގެނެސް މައްސަލަ ހައްލުވެއްޖެ ކަމަށް ހެލްތު މިނިސްޓްރީ އަށް އަންގައިފި އެވެ.
އިންޑިއާގެ ނިމްސް ހޮސްޕިޓަލް ވެސް ހިންގާ ނޫރުލް އިސްލާމް އެޑިއުކޭޝަނަލް ޓްރަސްޓްގެ 80 ޕަސެންޓް ހިއްސާ އޮންނަ (އެންއައިއައި)އާ ކުޅުދުއްފުށީ ހޮސްޕިޓަލް ހަވާލުކުރީ 50 އަހަރަށެވެ. އެކަމަކު އެ ކުންފުނީގެ ދެ ހިއްސާދާރުން ކަމަށްވާ ފައިޒަލް ޚާން އާއި އަލީ އުސައިދާ ދެމެދު ބޮޑެތި މައްސަލަތަކެއް އުފެދި، އެއްބަސްވުމާ އެއްގޮތަށް ހޮސްޕިޓަލް ނުހިންގުނެވެ.
މި މައްސަލަތަކުގައި، ހޮސްޕިޓަލުގެ ފެންވަރު ދަށްވެ ޚިދުމަތް ހުއްޓޭ ހިސާބަށް ދިއުމުން، ރާއްޖޭގެ ހެލްތު މިނިސްޓްރީން އަލުން އެ ތަނާ ހަވާލުވެ، ހިއްސާދާރުންގެ މެދުގައި އުފެދިފައިވާ މައްސަލަތައް ހައްލުކުރަން މިދިޔަ ހަފުތާގައި ވަނީ 10 ދުވަސް ދީފަ އެވެ.
އެންއައިއައި އިން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ، ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަން ދިމާވި ދަތިތައް ހައްލުކުރަން އެ ކުންފުނީގެ ބޯޑަށް މިހާރު ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެ ގޮތުން އަލަށް ތިން ޑައިރެކްޓަރުން ކުންފުންޏަށް ހަމަޖައްސާފައިވާ ކަމަށް އެ ސިޓީގައިވެ އެވެ.
އެ ކުންފުނީގެ 20 ޕަސެންޓް ހިއްސާ އޮންނަ އުސައިދުގެ އިތުރުން އަލަށް ހަމަޖެއްސި ތިން ޑައިރެކްޓަރުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ދެ މީހަކާއި އިނގިރޭސި ވިލާތު މީހެކެވެ. އަލަށް ހަމަޖެއްސި ޑައިރެކްޓަރުންނާ އެކު ބައްދަލުވުމެއް ބާއްވާފައިވާ އިރު، އެ ބައްދަލުވުމުގައި އުސައިދު ބައިވެރިއެއް ނުވެ އެވެ.
އެ ސިޓީގައި ބުނެފައިވާ ގޮތުގައި މިދިޔަ ދުވަސްތަކުގައި ކުންފުނީގެ ބޯޑުގެ ބައްދަލުވުމެއް ނުބޭއްވި އޮތީ އުސައިދުގެ އެއްބާރުލުން ނުލިބިގެންނެވެ.
ކުންފުންޏަށް މިހާރު ގެނެސްފައިވާ ބަދަލާ އެކު، ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަން އެ ކުންފުނިން ތައްޔާރަށް އޮތް ކަން ވެސް ސިޓީގައި އެންއައިއައި އިން ވަނީ ފާހަގަކޮށްފަ އެވެ.
މައްސަލަ ހައްލުވެފައިވާ ކަމަށް އެންއައިއައި އިން ބުންޏަސް އުސައިދު އެކަން ދޮގު ކުރައްވަ އެވެ.
އޭނާ ބުރާސްފަތި ދުވަހު ވިދާޅުވީ، ހިއްސާދާރުންގެ މެދުގައި އުފެދިފައިވާ މައްސަލަ ހައްލުކުރަން ފައިޒަލް ޚާން މަސައްކަތް ނުކުރައްވާ ކަމަށެވެ. އޭނާއާ ނުލައި ބާއްވާ ބައްދަލުވުންތަކަކުން މައްސަލަތައް ހައްލު ނުވާނެ ކަމަށް ވެސް އުސައިދު ވިދާޅުވި އެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގުމާ ނޫރުލް އިސްލާމް ކުންފުނިން ހަވާލުވުމުން، އެ ހޮސްޕިޓަލްގެ ފެންވަރު ދަށްވެ ހިދުމަތްތަކަށް ބުރޫ އެރިކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ހެލްތު މިނިސްޓްރީން ހޮސްޕިޓަލާ ހަވާލުވެ އަށް މެޑިކަލް އޮފިސަރުންނާއި 15 ސްޕެޝަލިސްޓު ޑޮކްޓަރުން ވަނީ ހަމަޖައްސައިފަ އެވެ.
މީގެ އިތުރުން ހެލްތު މިނިސްޓްރީން ހަވާލުވި އިރު، ލެބޯޓްރީގައި ހުސްވެފައިވާ ކެމިކަލް އާއި އެހެން ވެސް ސާމާނު މިހާރު ހޯދާފައިވާ ކަމަށް މިނިސްޓަރު މިދިޔަ ހަފުތާގައި ވަނީ ވިދާޅުވި އެވެ.
މައްސަލަ ހައްލު ނުވެއްޖެ ނަމަ ދެން އޮންނާނެ ގޮތަކީ އެއްބަސްވުން ބާތިލްކުރުން ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ "ނިމްސް ދިއުމަކީ، ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ހަދަން ހުރި ހުރިހާ ދޮރުތަކެއް ބަންދުވުމެއް ނޫން" ކަމަށެވެ.
ކޭއާރުއެޗްގެ މައްސަލަ ހައްލުކުރަން 10 ދުވަސް ދީފި
ކުޅުދުއްފުށީ ހޮސްޕިޓަލާ ގުޅޭ ބޮޑެތި ތުހުމަތުތަކެއް!
ކުޅުދުއްފުށީ ހޮސްޕިޓަލް ނިމްސްއާ ހަވާލު ކުރަނީ
ކުޅުދުއްފުށީ ހޮސްޕިޓަލުގެ އެއްބަސްވުން އުވާލަނީ
ކުޅުދުއްފުށީހޮސްޕިޓަލް އެއްބަސްވުން އުވާލުމުގެ އިޝާރާތެއް
ކޭއާރްއެޗް ސީރިއަސް ހާލަތުގައި، ބޭނުމީ އަވަސް ފަރުވާ!
އުސައިދުގެ ބޮޑެތި ތުހުމަތުތަކެއް ނޫރުލް އިސްލާމަށް
ދަތިތައް ހައްލުކޮށް، ހޮސްޕިޓަލް ހިންގާނަން: ނިމްސް
ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެނައި ކުރިއެރުމަކީ ކޮބާ؟
އެއްބަސްވުން އުވާލުމުގެ ބަދަލަށް 29 މިލިއަން!