Roadha Mihaaru
މާޒިޔާ ބަލިކޮށް ޓީސީ ގައުމީ ފައިނަލަށް

މާޒިޔާ ބަލިކޮށް ޓީސީ ގައުމީ ފައިނަލަށް

12 ޑިސެމްބަރ 2017

މާޒިޔާ 2-0 އިން ބަލިކޮށް ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ޓީސީ ސްޕޯޓްސް ކްލަބް މިރޭ ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މާޒިޔާ 2-0 އިން ބަލިކޮށް ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ޓީސީ ސްޕޯޓްސް ކްލަބް މިރޭ ހޯދައިފި އެވެ.

އަންނަ ހުކުރު ދުވަހުގެރޭ ކުޅޭ ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށީގެ ފައިނަލުގައި ޓީސީ ބައްދަލުކުރާނީ، އެފްއޭ ކަޕުގެ ފައިނަލާއި ޕްރެޒިޑެންޓްސް ކަޕުގެ ފުރަތަމަ ސެމީގައި އެ ޓީމު އަތުން މޮޅުވި ނިއު ރޭޑިއަންޓާ އެވެ. މިއީ ދެ އަހަރު ތެރޭ ޓީސީ ކުޅޭ ފަސް ވަނަ ފައިނަލެވެ. މިދިޔަ އަހަރުގެ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް އަދި މި އަހަރުގެ އެފްއޭ ކަޕް ފައިނަލުން ބަލިވެފައިވާއިރު މި އަހަރު ބަންގަލްދޭޝްގައި ބޭއްވި ޝެއިޚް ކަމާލް ގޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދި އެވެ.

މިރޭގެ މެޗާ އެކު މާޒިޔާ އަށް ސީޒަން ނިމިފައިވާއިރު މިއީ އެ ޓީމަށް ނިސްބަތުން ނާކާމިޔާބު އަހަރެކެވެ. އޭއެފްސީ ކަޕުގައި ރަނގަޅު ނަތީޖާތަކެއް ނެރެ އެސްޓީއޯ މާލޭ ލީގު ކާމިޔާބުކުރި ނަމަވެސް އުރީދޫ ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕުގައި ތަށްޓާ ހަމަޔަށް ނުދެވުނެވެ. އެއާ އެކު އެ ޓީމަށް ވަނީ އަންނަ އަހަރު އޭއެފްސީ ކަޕުން ވެސް ފުރުސަތު ގެއްލިފަ އެވެ.

ޓީސީން 11 ދުވަހުގެ ތެރޭގައި ކުޅުނު ހަތަރު ވަނަ މެޗަށް މިރޭ ނުކުންނައިރު ކެޕްޓަން އަބްދުﷲ ހަނީފް (ބެންޖޯ) އާއި ފޯވާޑް ކޮނޭލިއަސް ސްޓެވާޓް ފިޔަވައި މުހިއްމު ކުޅުންތެރިން ފުރަތަމަ އެގާރައިގައި ވަނީ ހިމަނައިފަ އެވެ. އެ ޓީމުން ވަނީ މެޗުގެ 12 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ލީޑު ނަގައިފަ އެވެ. މާޒިޔާގެ ސަމޫހު އަލީ (ސަމުއްޓެ) އަތުގައި އޭރިއާ ތެރެއިން ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީ ވައްދާލީ ސެންޓްރަލް ޑިފެންޑަރު އަލާ ނާސިރެވެ.

އެ ޓީމުގެ ދެ ވަނަ ލަނޑު 37 ވަނަ މިނެޓުގައި ޖެހީ ހަލީލް ޖަމާލެވެ. މުހައްމަދު ސާމިރު ކޯނަރަކުން ހުރަސްކުރި ބޯޅަ އޭނާ ގޯލުގެ މަތީ ކަނަށް ވައްދާލީ ބޮލުން ޖަހަ އެވެ.

ދެ ވަނަ ހާފުގައި މާޒިޔާ އިން ވަނީ ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ހޯދައިފަ އެވެ. އެގޮތުން 59 ވަނަ މިނެޓުގައި އޭރިއާ ތެރެއިން އަސްހަދު އަލީ (އަޑުބަރޭ) އަށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ޓީސީގެ ގޯލްކީޕަރު ކިރަން ކުމާރު މަތަކުރި އެވެ. އޭގެ ފަހުން 64 ވަނަ މިނެޓުގައި ޓީސީގެ ސާމިރު ފޮނުވާލި ނުރައްކާތެރި ބޯޅައެއް މާޒިޔާގެ ގޯލްކީޕަރު މުހައްމަދު އަލް ޔޫސުފް ސަލާމަތްކުރި އެވެ.

މެޗުގެ ފަހުބައިގައި، 72 ވަނަ މިނެޓުގައި މާޒިޔާގެ މޫސާ ޔާމީނަށް ވެސް ރަނގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު ޓީސީގެ ކީޕަރުގެ ހުށިޔާރުކަމާ އެކު އެ ބޯޅަ ގޯލަށް ވައްދާނުލެވުނެވެ. އަދި 83 ވަނަ މިނެޓުގައި އޭރިއާ ރޮނގު މަތިން މާޒިޔާގެ ބަދަލު ކުޅުންތެރިޔާ މުހައްމަދު އުމެއިރު ފޮނުވާލި ނުރައްކާތެރި ހިލޭ ޖެހުން ޓީސީގެ ކީޕަރު ކިރަން މަތަކުރި އެވެ. ޓީސީގެ މުހައްމަދު އައްޒާމް ވެސް ވަނީ މެޗުގެ ފަހުކޮޅު ހިލޭ ޖެހުމަކުން ނުރައްކާކޮށްފަ އެވެ. އެ ބޯޅައިގެ ހުރަހަކަށްވީ މާޒިޔާ ކީޕަރެވެ.

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ ގާތްގާތުގައި މެޗުތައް ކުޅެން ޖެހުމުން ކުޅުންތެރިންނަށް ބުރަބޮޑުވެ އަނިޔާގެ މައްސަލަތައް ކުރިމަތިވެފައިވާ ކަމަށާއި އެކަމަކު ވެސް ކުޅުންތެރިން ދެއްކީ ވަރަށް ރަނގަޅު ކުޅުމެއް ކަމަށެވެ.

"ގާތްގާތުގައި މެޗުތައް ކުޅެން ޖެހޭއިރު މިއީ ކަމާބެހޭ ފަރާތްތަކުން ވިސްނަން ޖެހޭ ކަމެއް. ހަތަރު މެޗު މި ކުޅުނީ ވަރަށް ކައިރިކައިރީގައި. އަނެއްކާ ހުސް ޕްރެޝަރު މެޗުތައް. ސެމީ ފައިނަލަކަށް ފަހު ފައިނަލެއް. އަނެއްކާ ސެމީ ފައިނަލަކަށް ފަހު ފައިނަލެއް. މީގެ ސަބަބުން ބޭކާރު އެތައް އަނިޔާތަކެއް އެބަވޭ ކުޅުންތެރިންނަށް. މި ހުރިހާ ކަމަކާ އެކު ވެސް ކުޅުންތެރިން ދެއްކި ޕާފޯމަންސާ މެދު ހިތްހަމަޖެހޭ،" ނިޒާމްބެ ބުންޏެވެ.

މާޒިޔާގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ މެޗުން ބަލިވުމުން އެ މާޔޫސްކަން އެބަހުރި ކަމަށާއި އެކަމަކު ކުޅުންތެރިންނާ މެދު އެއްވެސް ޝަކުވާއެއް ނެތް ކަމަށެވެ.

"ޕްލެޔަރުން ދަނޑުމަތީގައި އެ ދެއްކި ކުޅުން ވަރަށް ރަނގަޅު. ޓީސީގެ ތަފާތަކަށްވީ އެ ޓީމުން ނަތީޖާ ނެރުން. އަޅުގަނޑުގެ ނެތް ކުޅުންތެރިންނާ މެދު އެއްވެސް ޝަކުވާއެއް. ވަރުބަލިކަމާ އެކު ވެސް ވަރަށް ރަނގަޅަށް ކުޅުނު ހުރިހާ ކުޅުންތެރިން ވެސް،" އިންމަ ބުންޏެވެ.

ދިވެހި ލީގުގެ ވަކި ހިސާބަކުން ޓީމާ ހަވާލުވި އިންމަ ބުނީ މި ހިސާބުން މި ސީޒަން ހަނދާން ނައްތާލާނެ ކަމަށާއި މާޒިޔާ ކުރިއަށް އޮތްތަނުގައި ވެސް އެ ޓީމުގެ ގޮތުގައި ފެންނާނެ ކަމަށެވެ.