Roadha Mihaaru
17 އަހަރު ކުއްޖަކަށް ހާޓް އެޓޭކެއް!

17 އަހަރު ކުއްޖަކަށް ހާޓް އެޓޭކެއް! ޑޮކްޓަރުން ކަންބޮޑުވެއްޖެ

25 ޑިސެމްބަރ 2017

ވަރަށް ޒުވާން އުމުރުގައި ހާޓް އެޓޭކް ޖެހިގެން މަރުވާ މީހުންގެ އަދަދު މައްޗަށް ދާތީ ސިއްހީ ތަޖުރިބާކާރުންގެ ކަންބޮޑުވުން ވެސް ދަނީ މައްޗަށެވެ. އިންޑިޔާގައި ދާދި ފަހުން ހިނގި މިފަދަ ހާދިސާއަކާ ގުޅިގެން އެ ގައުމުގެ ޑޮކްޓަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ހާޓް އެޓޭކް އާއްމުކޮށް ޖެހެނީ އުމުރުން ދުވަސްވުމުން ކަމަށް ވިޔަސް އިންޑިޔާގައި ވެސް ވަރަށް ޒުވާން އުމުރުގެ ކުދިންނަށް ވެސް މި މައްސަލަ މިހާރު ދިމާވާލެއް ގިނަ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ވަރަށް ޒުވާން އުމުރުގައި ހާޓް އެޓޭކް ޖެހިގެން މަރުވާ މީހުންގެ އަދަދު މައްޗަށް ދާތީ ސިއްހީ ތަޖުރިބާކާރުންގެ ކަންބޮޑުވުން ވެސް ދަނީ މައްޗަށެވެ. އިންޑިޔާގައި ދާދި ފަހުން ހިނގި މިފަދަ ހާދިސާއަކާ ގުޅިގެން އެ ގައުމުގެ ޑޮކްޓަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ހާޓް އެޓޭކް އާއްމުކޮށް ޖެހެނީ އުމުރުން ދުވަސްވުމުން ކަމަށް ވިޔަސް އިންޑިޔާގައި ވެސް ވަރަށް ޒުވާން އުމުރުގެ ކުދިންނަށް ވެސް މި މައްސަލަ މިހާރު ދިމާވާލެއް ގިނަ އެވެ.

އުމުރުން އެންމެ 17 އަހަރުގެ ފުޓުބޯޅަ ކުޅުންތެރިޔަކަށް ކުއްލިއަކަށް ހާޓް އެޓޭކެއް ޖެހިގެން މުމްބައިގެ ނާނާވަތީ ހޮސްޕިޓަލަށް ގެނައި ހާދިސާއިން ޑޮކްޓަރުންގެ ސަމާލުކަން ވަރަށް ބޮޑަށް ވަނީ ހުއްޓިފަ އެވެ. އަދި މި ކުއްޖާއަށް ހާޓް އެޓޭކް ޖެހުނު ސަބަބު ވެސް ޑޮކްޓަރުންނަށް ވެފައި ވަނީ ބޮޑު އަރަތަކަށެވެ.

ހާޓް އެޓޭކެއް ޖެހެނީ އޮކްސިޖަނުން މުއްސަނދިވެފައިވާ ލޭ ހިތުގެ މަސްތަކަށް ނުލިބި އެ މަސްތައް ހާންތި ވުމުންނެވެ.

މި 17 އަހަރުގެ ކުއްޖާއާ ބެހޭ ރިޕޯޓްތައް ބުނާ ގޮތުގައި އެއީ ވަރަށް ފިޓްކޮށް ހުރި ކުޅުންތެރިއެކެވެ. ދުންފަތުގެ އިސްތިއުމާލެއް ނުކުރެ އެވެ. ރަލެއް ވެސް ނުބޮ އެވެ. މަސްތުވާތަކެއްޗެއް ބޭނުމެއް ނުކުރެ އެވެ. ކުއްޖާގެ އާއިލާގައި ވެސް ހިތުގެ މައްސަލައެއް ހުރި މީހަކު ނެތެވެ.

މި ކުއްޖާ މިދިޔަ އޮކްޓޯބަރު 21 ވަނަ ދުވަހު ހޮސްޕިޓަލަށް ގެންދިޔައީ ޕްރެކްޓިސް އަށް ފަހު މޭގައި ރިއްސައި، ދާހިއްލައި، ހޮޑުލެވި، ނޭވާލާން އުނދަގޫވާތީ އެވެ. ކުއްޖާގެ އާއިލާގެ މީހުން ހީކުރީ ހަޖަމުގެ މައްސަލައެއް ކަމަށެވެ. އެހެން ހިތާ ހަޖަމު ރަނގަޅުކުރާ ބޭހެއް ވެސް ކުއްޖާއަށް ދިން ކަމަށް ވެއެވެ.

ނާނާވަތީ ހޮސްޕިޓަލަށް ކުއްޖާ ގެންދިއުމުން އޭނާއަށް ވަރަށް ވަރުގަދަ ހާޓް އެޓޭކެއް ޖެހިފައިވާކަން އާއިލާގެ މީހުންނަށް އެނގުނެވެ. ފަހުން އީސީޖީ ހަދައިގެން ބެލިއިރު ކުއްޖާގެ ހިތަށް ލޭ ފޮނުވައިދޭ މައި އާޓްރީ ނުވަތަ ލެފްޓް އެންޓީރިއާ ޑިސެންޑިން އާޓްރީ އިނީ 100 ޕަސެންޓް ބްލޮކް ވެފަ އެވެ. އެހެންވެ ވަގުތުން ވެންޓިލޭޓާ އަށް ލާން ޖެހުނު ކަމަށް ނާނާވަތީ ހޮސްޕިޓަލްގެ އިންޓަވެންޝަނަލް ކާޑިއޮލޮޖިސްޓް ޑރ. ސަލީލް ޝިރޯދްކަރް ވިދާޅުވި އެވެ.

މި ކުއްޖާއަށް ފަރުވާ ދޭ ޑޮކްޓަރުންނަށް އަދިވެސް ނުހޯދެނީ އޭނާއަށް ހާޓް އެޓޭކެއް ޖެހެން މެދުވެރިވި ސަބަބެކެވެ. ކުއްޖާގެ ރިޕޯޓު މިހާރު ވެސް ގެންދަނީ ދިރާސާކުރަމުންނެވެ.

ކޮންމެ އުމުރެއްގައި ވެސް ހާޓް އެޓޭކެއް ޖެހިދާނެ އެވެ. ނަމަވެސް ފުރާވަރު އުމުރުގައި ހާޓް އެޓޭކް ޖެހުމަކީ ވަރަށް މަދުން ނޫނީ ދިމާނުވާ ކަމެކެވެ. މި ކުއްޖާއަށް ދިމާވި ހާދިސާއިން އިބްރަތް ލިބި ހަށިގަނޑަށް އާދަޔާޚިލާފު ބަދަލެއް އަންނަ ނަމަ ސަމާލުވާން ޑޮކްޓަރުން ވަނީ އިރުޝާދު ދީފަ އެވެ. ޚާއްސަކޮށް އިންޒާރުގެ ސިގްނަލެއް ލިބިއްޖެ ނަމަ ވަގުތުން ޑޮކްޓަރަށް ދައްކައިގެން ދިމާވި މައްސަލައެއް ދެނެގަތުން މުހިއްމެވެ.

ހާޓް އެޓޭކެއްގެ އަލާމާތްތަކުގެ ތެރޭގައި މެޔަށް ތަދުވުން، މެޔަށް އުނދަގޫވުން، އެއް އަތް ނުވަތަ ދެ އަތް، ބުރަކަށި، ކަރު، ކަނދުރާ، ބަނޑު ފަދަ ތަނެއްގައި ރިއްސުން ނުވަތަ އުނދަގުލެއް ހުރުން، ނޭވާ ކުރުވުން، ހާޓްބީޓް ކުރިން ހުންނަ ގޮތާ ތަފާތު ވުން، ކެއްސުން، ކެއްސާއިރު ނޭވާއިން އަޑުކިއުން، ބޯ އެނބުރުން، ދާހިތްލުން،، މޭނުބައިކުރުން، ހަޖަމުނުބައިވުން މޭ އެންދުން ނުވަތަ ބަނޑުގައި ރިއްސުން، ވަރުދޫވުން، ބުނަން ނޭނގޭ ކަހަލަ ހިތް ނުތަނަވަސްކަމެއް ހުރުން ހިމެނެ އެވެ.

މި އަލާމާތްތައް އެކި މީހުންނަށް ފެންނަ ގޮތް ތަފާތެވެ. އަދި ހާޓް އެޓޭކް ޖެހޭ ބޮޑު ކުޑަމިނަކުން ވެސް އަލާމާތްތަކަށް ބަދަލު އާދެ އެވެ. ބައެއް ހާޓް އެޓޭކްތައް އަންނަނީ ކުއްލިއަކަށް ވަރަށް ގަދަޔަށެވެ. ގިނަ ފަހަރަށް ހާޓް އެޓޭކް އަންނަނީ ލަސްލަހުން ކުޑަކުޑަކޮށް ތަދުވެ އުނދަގޫވާ ކަހަލަ ނިޝާންތައް ފެންނަމުންނެވެ. އެހެންކަމުން ކިތަންމެ ކުޑަ ނިޝާނަކަށް ވެސް ސަމާލުވުން މުހިއްމެވެ.