Roadha Mihaaru
ރާއްޖޭގެ ޓުއަ އޮޕަރޭޓުންނަށް ޗައިނާގައި ހަރަކާތްތެރިވެވޭ

އެފްޓީއޭއާ އެކު ރާއްޖޭގެ ޓުއާ އޮޕަރޭޓަރުންނަށް ޗައިނާގައި ހަރަކާތްތެރިވުމުގެ ހުއްދަ ލިބޭނެ

11 ޑިސެމްބަރ 2017

ރާއްޖެ އާއި ޗައިނާ އިން ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ ޓުއާ އޮޕަރޭޓަރުންނަށް އެ ގައުމުގައި ހަރަކާތްތެރިވުމުގެ ހުއްދަ ދޭން ޗައިނާ އިން އެއްބަސްވެއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ރާއްޖެ އާއި ޗައިނާ އިން ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ ޓުއާ އޮޕަރޭޓަރުންނަށް އެ ގައުމުގައި ހަރަކާތްތެރިވުމުގެ ހުއްދަ ދޭން ޗައިނާ އިން އެއްބަސްވެއްޖެ އެވެ.

ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ގައި މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ސޮއިކުރުމުގެ ކުރިން، އޭގެ މުހިންމު ކަންތައްތައް ފާހަގަކޮށް އިކޮނޮމިކް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ކަރުދާހުގައި ބުނެފައިވާ ގޮތުން، ރާއްޖެ އިން ޗައިނާގެ އިންވެސްޓަރުންނަށް ޚިދުމަތުގެ ދާއިރާގައި އިންވެސްޓް ކުރުމަށް ވަނީ ހުޅުވާލައިފަ އެވެ.

އަދި ޗައިނާ އިން ޑަބްލިއުޓީއޯ އަށް ހުޅުވާލާފައިވާ ދާއިރާތަކުގެ އިތުރުން ރާއްޖެ އިން އެދިފައިވާ ބައެއް މުހިންމު ދާއިރާތަކުން ރާއްޖޭގެ ކުންފުނިތަކާއި ފަރުދުންނަށް ޗައިނާގެ މާކެޓަށް ވަނުމަށްޓަކައި ފުރުސަތު ލިބެ އެވެ.

އެގޮތުން ފާހަގަކޮށްލެވޭ އެއް ދާއިރާ އަކީ ދިވެހި ޓްރެވެލް އެޖެންސީ އަދި ޓުއާ އޮޕަރޭޓަރުން ޗައިނާގެ ތިން ސިޓީއެއްގައި ގާއިމްވެ ތިބެ، ރާއްޖެ އަށް ޓޫރިސްޓުން ފޮނުވުމުގެ ޚިދުމަތް ދިނުމެވެ.

ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ބޮޑު މާކެޓްގައި ސީދާ ދިވެހި ކުންފުނިތަކަށް ހަރަކާތްތެރިވެވޭނީ ވެރިރަށް ބެއިޖިން އާއި ވިޔަފާރީގެ މަރުކަޒީ ރަށް ޝަންހާއި އަދި ޓިއެންޖިންގަ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައި ވަނީ ރާއްޖެ އަކީ ޗައިނާ ސަރުކާރުން އެ އިނާޔަތް ދިން ފުރަތަމަ ގައުމު ކަމަށެވެ.