Roadha Mihaaru
ޓްރަމްޕުގެ ނިންމުން އަނބުރާ ގެންދޭ: އަރަބި ލީގް

ޓްރަމްޕުގެ ނިންމުން އަނބުރާ ގެންދޭ: އަރަބި ލީގް

11 ޑިސެމްބަރ 2017

ގާހިރާ، މިސްރު: އިޒްރޭލުގެ ވެރިރަށަކީ ފަލަސްތީނުގެ ގުދުސްކަމުގައި އެމެރިކާ އިން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އަަރަބި ގައުމުތަކުގެ ޚާރިޖީ ވަޒީރުން ގޮވާލައްވައިފި އެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

ގާހިރާ، މިސްރު: އިޒްރޭލުގެ ވެރިރަށަކީ ފަލަސްތީނުގެ ގުދުސްކަމުގައި އެމެރިކާ އިން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އަަރަބި ގައުމުތަކުގެ ޚާރިޖީ ވަޒީރުން ގޮވާލައްވައިފި އެވެ.

މިސްރުގެ ވެރިރަށް ގާހިރާގައި ބޭއްވި އަރަބި ލީގްގެ ކުއްލި ބައްދަލުވުމުގައި ޚާރިޖީ ވަޒީރުން ވިދާޅުވީ އެމެރިކާގެ ނިންމުމުގެ ސަބަބުން، މެދުއިރުމަތީގެ މައްސަލަ އިތުރަށް ގޯސްވެ އަނިޔާވެރި އަމަލުތަކަށް އިތުރު ދޮރުތައް ހުޅުވިގެންދާނެ ކަމަށެވެ.

ޚާރިޖީ ވަޒީރުންގެ މަޝްވަރާތަކަށް ފަހު ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފައިވަނީ، އިޒްރޭލުގެ ވެރިރަށަކީ ފަލަސްތީނުގެ ގުދުސްކަމުގައި އިޒްރޭލުން ނިންމާފައިވާ ނިންމުން ބަލައިގަނެ އެކަން ތަންފީޒު ކުރުމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ނިންމެވި ނިންމެވުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ނިންމުމެއް ކަމަށެވެ.

"ގުދުސްއާ ބެހޭ ގޮތުން އެމެރިކާ އިން ގެންގުޅެމުން އައި ސިޔާސަތަށް ގެނައި މި ބަދަލަކީ ވަރަށް ނުރައްކާތެރި ކަމެއް. އަދި އެއީ އިޒްރޭލުން ގެންގުޅޭ އިސްތިއުމާރީ ހަރަކާތްތަކަށް އެމެރިކާ ރުހޭ ކަމުގެ ހެއްކެއް. އަދި އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ގަރާރުތަކާ މުޅިން ޚިލާފު ނިންމުމެއް. ހަމަ އެފަދައިން އެ ނިންމުމަކީ، މެދުއިރުމައްޗަށް ސުލްހަ ގެނައުމުގައި މެދުވެރިއެއްގެ ގޮތުގަ އާއި ސުލްހައިގެ މޭސްތިރިއެއްގެ ގޮތުގައި އެމެރިކާ އަދާކުރަމުން އައި ދައުރުން އެމެރިކާ އަމިއްލަ އަށް ވަކިވުމުގެ އަމަލެއް،" އަރަބި ޚާރިޖީ ވަޒީރުންގެ ގުޅިފައިވާ ބަޔާނުގައިވެ އެވެ.

އެ ބަޔާން ނިންމައިލަމުން އެމެރިކާ އާއި އެމެރިކާގެ ރައީސަށް އަރަބި ޚާރިޖީ ވަޒީރުން ގޮވާލައްވާފައިވަނީ، ގުދުސާ ބެހޭ ގޮތުން ރައީސް ޓްރަމްޕު ނެރުއްވި ގަރާރު އަނބުރާ ގެންގޮސް، ބައިނަލްއަގުވާމީ ގަރާރުތައް ތަންފީޒު ކުރުމަށް އިޒްރޭލަށް ބާރުއެޅުމުގައި ބައިނަލްއަގުވާމީ މުޖްތަމައާ ބައިވެރިވެގެން މަސައްކަތް ކުރުމަށެވެ. އަދި 1967 ޖޫން އިން ފެށިގެން، ބައިނަލްއަގުވާމީ ހަމަތަކާއި ގާނޫނާ ޚިލާފަށް އަޅުވެތިކޮށްފައިވާ ފަލަސްތީނުގެ ހުރިހާ ބިންތަކުން އިޒްރޭލު ބޭލުމުގައި ބައިނަލްއަގުވާމީ މުޖްތަމައާ އެކުގައި މަސައްކަތް ކޮށްދިނުމަށް ވެސް އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.

އަރަބި ޚާރިޖީ ވަޒީރުންގެ ނިންމުގައި ބުނެފައިވާ ގޮތުގައި، އިރުމަތީ ގުދުސަކީ ފަލަސްތީނުގެ މިނިވަން ދައުލަތުގެ ވެރިރަށެވެ. އަދި 1967ގެ އަރަބި އިޒްރޭލު ހަނގުރާމައިގައި ގުދުސް އޮތް ގޮތަށް މިނިވަންކަމާ އެކުގައި އޮވެގެން މެނުވީ ސަރަހައްދީ ސުލްހަ އާއި އަމާންކަން ގާއިމު ނުކުރެވޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ އިން 1995 ގައި ފާސްކުރި ގާނޫނަށް އަމަލުކުރަން ފެށީ، މިދިޔަ ބުދަ ދުވަހު ރައީސް ޓްރަމްޕު ނެރުއްވި ގަރާރާ އެކުގަ އެވެ. އެ ގާނޫނަށް އަމަލު ކުރަން ފެށުމާ އެކު، އެމެރިކާ އިން މިހާރު ވަނީ، އިޒްރޭލުގެ ވެރިރަށް ތަލް އަބީބްގައި ހުންނަ އެމެރިކާ އެމްބަސީ ގުދުސަށް ބަދަލު ކުރުމުގެ މަސައްކަތް ވީހާ އަވަހަކަށް ފަށަން ނިންމައިފަ އެވެ.