Roadha Mihaaru
ޔަހޫދީން އަނެއްކާވެސް އަގްސާ މިސްކިތަށް ވަދެގެންފި

ޔަހޫދީން އަގްސާ މިސްކިތަށް ވަދެގަނެ، ހަމަނުޖެހުން އުފައްދަނީ

29 މެއި 2022

އިޒްރޭލު ސިފައިންނާއި ފުލުހުންގެ ހިމާޔަތާ އެކު، ހައްދު ފަހަނައަޅާފައިވާ ޔަހޫދީންތަކެއް މިއަދު ފަތިހު މަސްޖިދުލް އަގްސާގެ ތެރެއަށް ވަދެގަނެ ހަމަނުޖެހުން އުފައްދަން ފަށައިފި އެވެ.

އިޒްރޭލު ސިފައިންނާއި ފުލުހުންގެ ހިމާޔަތާ އެކު، ހައްދު ފަހަނައަޅާފައިވާ ޔަހޫދީންތަކެއް މިއަދު ފަތިހު މަސްޖިދުލް އަގްސާގެ ތެރެއަށް ވަދެގަނެ ހަމަނުޖެހުން އުފައްދަން ފަށައިފި އެވެ.

ހައްދުފަހަނައެޅި ހަރުކަށި ޔަހޫދީންތަކެއް އަގްސާ މިސްކިތަށް މިއަދު ފަތިހު ވަދެގަތީ، ގުދުސްގެ މަގުތަކުގައި "ދިދައިގެ ހިނގާލުމެއް" މިއަދު ބާއްވަން، ޔަހޫދީންގެ ދީނީ ޖަމާއަތްތަކުން އިންތިޒާމުކޮށްފައި ވަނިކޮށެވެ. ޔަހޫދީންގެ މި ހިނގާލުމަށް ދެކޮޅު ހެދުމުގެ ގޮތުންނާއި، މަސްޖިދުލް އަގްސާ ހިމާޔަތް ކުރުމުގެ ގޮތުން، ފަލަސްތީނުގެ ވީހާ ގިނަ މުސްލިމުން އަގްސާ މިސްކިތަށް މިއަދު ޖަމާވުމަށް، ހަމާސް ޖަމާއަތުން ވަނީ ގޮވާލައިފަ އެވެ.

މިއަދުގެ ފަތިސް ނަމާދުގެ ވަގުތުގައި، މަސްޖިދުލް އަގްސާގެ ގިބްލައާވީ ފަރާތުން އިޒްރޭލު ފުލުހުންގެ ބަޔަކު ހަތިޔާރާއި ކަރުނަގޭހާއި މުގުރު ހިފައިގެން އަގްސާ މިސްކިތުގެ ގޯތި ތެރެއަށް ވަދެގަނެ އެ ސަރަހައްދުގައި ފޯރިމަރަން ފެށި އެވެ. އަދި އެ ވަގުތު ފަތިސް ނަމާދަށް ވަދެ ތިބި މީހުން މިސްކިތުން ބޭރަށް ނުކުތަނުދީ މިސްކިތުގެ ތެރޭގައި ބަންދުކުރި އެވެ.

ހައްދުފަހަނައެޅި ޔަހޫދީންތައް އަގްސާ މިސްކިތުގެ ހަރިންމަ ތެރެއަށް ވަދެގަތީ އޭގެ ފަހުންނެވެ. އަގްސާ މިސްކިތުގެ ހަރިންމަ ތެރެއަށް ވަދެގަތް ހަރުކަށި ޔަހޫދީންގެ ތެރޭގައި، އިޒްރޭލުގެ ގާނޫނު ހަދާ މަޖިލިސް، ކަނީސަތުގައި ހިމެނޭ ހަރުކަށި ޔަހޫދީ މެމްބަރުންގެ ތެރެއިން އީތުމާރު ބިން ޣަފީރު ހިމެނެ އެވެ. އޭނާ މަސްޖިދުލް އަގްސާގެ ތެރެއަށް މިއަދު މިވަނީ، ހަފުތާތަކެއް ވަންދެން އޭނާ އެ މިސްކިތުގެ ތެރެއަށް ވަނުން އިޒްރޭލު ފުލުހުން މަނާކޮށްފައި އޮތުމަށް ފަހުގަ އެވެ.

އަގްސާ މިސްކިތަށް ވަދެގަތުމުގެ ކުރިން، އިޒްރޭލުގެ ރޭޑިއޯ އަށް ދިން އިންޓަވިއުއެއްގައި އީތުމާރު ބުނީ، ހަމާސް ޖަމާއަތުން ދޭ އިންޒާރުތަކުގެ ސަބަބުން، އަގްސާ މިސްކިތަށް ވަދެގަތުމަށް އިތުރު ހިތްވަރު ލިބޭ ކަމަށެވެ.

އަލް ޖަޒީރާ އިން ބުނި ގޮތުގައި ހައްދުފަހަނައެޅި ޔަހޫދީން، މަސްޖިދުލް އަގްސާގެ ހަރިންމަ ތެރެއަށް ވަންނަން ފެށުމާއެކު، އިޒްރޭލު ފުލުހުން ވަނީ އެ މިސްކިތުގެ ހަރިންމަ ތެރޭގައި ތިބި މުސްލިމުންނަށް ހަމަލާ ދީ އެމީހުން އެ މިސްކިތުން ބޭރަށް ނެރެފަ އެވެ. އަދި މިސްކިތަށް ވަންނަން އައި މުސްލިމުންނަށް ހަމަލާދީ، ދޮރު ބަންދުކޮށް އެމީހުން އެ ސަރަހައްދުން ފޮނުވައިލި އެވެ.

ގުދުސްގައި ދިދައިގެ ހިނގާލުމެއް މިއަދު ބާއްވަން ނިންމުމާ ގުޅިގެން، އިޒްރޭލު ފުލުހުން އިއްޔެ އިން ފެށިގެން ދިޔައީ މަސްޖިދުލް އަގްސާގެ ފުރާޅު މައްޗަށް ހަތިޔާރާ އެކު އަރައި، މުޅި އެ ސަރަހައްދުގެ ހަރަކާތްތައް ބަލައި ފާރަލަމުންނެވެ. އަދި އިއްޔެގެ މަޣްރިބު ނަމާދު ވަގުތުން ފެށިގެން، ފަލަސްތީނުގެ ޒުވާނުން އެ މިސްކިތަށް ވަނުން ވަނީ މަނާކޮށްފަ އެވެ.

އޭގެ އިތުރުން، ފަލަސްތީނުގެ އެއްވެސް ނޫސްވެރިޔަކު އަދި ފޮޓޯގްރާފަރަކު ވިޔަސް އަގްސާ މިސްކިތަށް ނުވަނުމަށް އަންގައި، އަގްސާ މިސްކިތުގެ ތެރެއިން ފަލަސްތީނުގެ ނޫސްވެރިއެއް ނުވަތަ ފޮޓޯގްރާފަރެއް ފެނިއްޖެ ނަމަ ހައްޔަރުކުރާނެ ކަމަށް އިޒްރޭލުން ވަނީ އިންޒާރުކޮށްފަ އެވެ.

އިޒްރޭލު ފުލުހުން މިއަދު އަގްސާ މިސްކިތް ހިމެނޭ ސަރަހައްދު ބަންދުކުރާނެ ކަން އެނގިގެން، ފަލަސްތީނުގެ ބައެއް ޒުވާނުން ތިބީ އިއްޔެ އިން ފެށިގެން އަގްސާ މިސްކިތަށް ވަދެ މިސްކިތުގެ އެތެރޭގަ އެވެ. އަދި ހަރުކަށި ޔަހޫދީން އަގްސާ މިސްކިތުގެ ހަރިންމަ ތެރެއަށް ވަންނަން ފެށުމާއެކު، ފަލަސްތީނުގެ ޒުވާނުން ވަނީ ހަރިންމަ ތެރޭގައި ތިބެގެން ތަކުބީރު ގޮވައި، ޖަމާއަތް ހަދައިގެން ޟުހާ ނަމާދުކޮށްފަ އެވެ.

ގުދުސްގައި މިއަދު ބާއްވާ ދިދައިގެ ހިނގާލުމަށް މަގު ފަހިކޮށްދިނުމުގެ ގޮތުން، އިޒްރޭލުގެ އެތައް ހާސް ސިފައިންނާއި ފުލުހުން މަގުމައްޗަށް ނެރެ، ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފަ އެވެ. އަދި އާންމުކޮށް ފަލަސްތީނުގެ މުޒާހަރާތަކުގައި ނަގާކިޔައި އުޅޭ ޒުވާނުންގެ ތެރެއިން ފާހަގަކޮށްލެވޭ ބަޔަކު، އިޒްރޭލު ފުލުހުން މީގެ ދެދުވަހެއް ކުރިން ފެށިގެން ވަނީ ހައްޔަރުކޮށްފަ އެވެ.