Roadha Mihaaru
ޔަހޫދީން އަނެއްކާވެސް އަގްސާ އަށް ވަދެގެންފި

ޔަހޫދީން އަނެއްކާވެސް އަގްސާ އަށް ވަދެގެންފި

05 މެއި 2022

އިރުމަތީ ގުދުސްގައި ވަޒަންވެރިވެގެން އުޅޭ ޔަހޫދީންތަކެއް އަނެއްކާ މިއަދު ވެސް، އިޒްރޭލު ސިފައިންނާއި ފުލުހުންގެ ހިމާޔަތުގައި މަސްހިދުން އަގްސާ އަށް ވަދެގަނެ އެ މިސްކިތުގެ ހުރުމަތް ކަނޑައި، އަޅުކަމުގައި ތިބި ފަލަސްތީނު މީހުންނަށް ޖެއްސުންކުރުމުގެ އަމަލުތަކެއް ހިންގައިފި އެވެ.

އިރުމަތީ ގުދުސްގައި ވަޒަންވެރިވެގެން އުޅޭ ޔަހޫދީންތަކެއް އަނެއްކާ މިއަދު ވެސް، އިޒްރޭލު ސިފައިންނާއި ފުލުހުންގެ ހިމާޔަތުގައި މަސްހިދުން އަގްސާ އަށް ވަދެގަނެ އެ މިސްކިތުގެ ހުރުމަތް ކަނޑައި، އަޅުކަމުގައި ތިބި ފަލަސްތީނު މީހުންނަށް ޖެއްސުންކުރުމުގެ އަމަލުތަކެއް ހިންގައިފި އެވެ.

އިޒްރޭލުގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ނަމުގައި ޔަހޫދީން އަގްސާ މިސްކިތަށް ވަދެގަތީ، ހަރުކަށި ޔަހޫދީ ޖަމިއްޔާއެއް ކަމަށްވާ "އަލް ހައިކަލް" ކިޔާ ޖަމިއްޔާއަކުން ގޮވައިލި ގޮވައިލުމަކާ ގުޅިގެންނެވެ. މިއަދު ޔަހޫދީންތައް ވަދެގަނެ އެންމެ ބޮޑަށް ހަމަނުޖެހުންތައް ހިންގީ، އަގްސާ މިސްކިތުގެ މައި ހޯލު ކަމަށްވާ އަލް މުޞައްލާ އަލްގިބްލީގެ ތެރޭގަ އެވެ.

ޔަހޫދީންތައް މިއަދު ހެނދުނު ތިން ފަހަރެއްގެ މަތިން އަގްސާ މިސްކިތަށް ވަދެގަތެވެ. ފުރަތަމަ ވަދެގަތީ ފަލަސްތީނު މީހުން މިއަދު ހެނދުނު ޟުޙާ ނަމާދަށް އަގްސާ މިސްކިތަށް ވަދެ އަޅުކަމުގައި ތިއްބަ އެވެ. ޔަހޫދީން މިސްކިތުގެ ތެރެއަށް ވަދެ އަޑުގަދަކޮށް އުޅެން ފެށުމުން، މިސްކިތުގައި ތިބި ފަލަސްތީނު މީހުން އެކަމަށް ހުރަސްއަޅަން ފެށުމާއެކު، އިޒްރޭލު ފުލުހުން ހަތިޔާރާއެކު މިސްކިތުގެ ތެރެއަށް ވަދެގަނެ، ބާރުގެ ބޭނުންކޮށް ފަލަސްތީނުގެ ޒުވާނުންތައް މިސްކިތުން ބޭރުކުރި އެވެ. މިއަދުގެ ފަތިސް ނަމާދަށް ދިޔަ ފަލަސްތީނުގެ ޒުވާނުން ވެސް މިސްކިތަށް ވަނުމަށް އިޒްރޭލު ސިފައިންނާއި ފުލުހުން ވަނީ ހުރަސްއަޅައިފަ އެވެ.

އިޒްރޭލުގެ ޔަހޫދީން މިއަދު އަގްސާ މިސްކިތަށް ވަދެގަތީ، ރޯދަ މަހުގެ ފަހު ދިހައިގެ ތެރޭގައި، ޔަހޫދީން އެ މިސްކިތަށް ވަނުން އިޒްރޭލުން މަނާކޮށްފައި އޮތުމަށް ފަހު އެވެ. ނަމަވެސް ރޯދަ މަހުގެ ފުރަތަމަ ހަފުތާ އިން ފެށިގެން ދެ ހަފުތާ ވަންދެން، އިޒްރޭލު ސިފައިންގެ ހިމާޔަތުގައި ޔަހޫދީން އަގްސާ މިސްކިތަށް ވަދެ، ފަލަސްތީނުގެ މުސްލިމުންނަށް ޖެއްސުންކޮށްފައިވެ އެވެ. އަދި އިޒްރޭލު ސިފައިންނާއި ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ފަލަސްތީނު މީހުން އަގްސާ މިސްކިތުން ނެރެ، ޔަހޫދީން ބޭނުންވާ ކަންތައް މިސްކިތުގެ ތެރޭގައި ކުރުމަށް މަގު ފަހިކޮށްދީފަ އެވެ.

ޔަހުދީން އަގްސާ މިސްކިތަށް ވަނުން އިތުރުވުމާ ގުޅިގެން، އެ މިސްކިތުގެ ހިމާޔަތަށްޓަކައި، ފަލަސްތީނުގެ ވީހާ ގިނަ މީހުން އެ މިސްކިތަށް ދިއުމަށް، ފަލަސްތީނުގެ ޖަމާއަތްތަކުން ވަނީ ގޮވާލައިފަ އެވެ. ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން ބުނި ގޮތުގައި، އަގްސާ މިސްކިތަށް ވަނުމަކީ އަލިފާނާ ކުޅުމެވެ.