Roadha Mihaaru
ރާއްޖޭގެ ޓޫރިޒަމް އިސްތިހާރުކުރަން ޗައިނާ އެހީވަނީ

ރާއްޖޭގެ ޓޫރިޒަމް އިސްތިހާރުކުރަން ޗައިނާ އެހީވަނީ

08 ޑިސެމްބަރ 2017

ރާއްޖޭގެ ޓޫރިޒަމް އިސްތިހާރު ކުރުމުގައި ޗައިނާ އިން އެހީވާން އެ ގައުމުން ނިންމައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގެ ޓޫރިޒަމް އިސްތިހާރު ކުރުމުގައި ޗައިނާ އިން އެހީވާން އެ ގައުމުން ނިންމައިފި އެވެ.

ރާއްޖެ އާއި ޗައިނާ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޗައިނާގެ ރައްޔިތުން ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް މަގުފަހި ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ޗައިނާ އިން އެއްބަސްވެފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ޓޫރިޒަމް އިސްތިހާރު ކުރުމުގައި ޗައިނާ އިން އެހީތެރިވާން ނިންމާފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

މީގެ އިތުރުން، ޓޫރިޒަމް ދާއިރާގައި އިންވެސްޓް ކުރުމަށް ޗައިނާގެ ވިޔަފާރިވެރިންނަށް އެ ގައުމުން ބާރު އެޅުމަށް އެއްބަސްވެފައިވާ ކަމަށާއި ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާ ޓޫރިސްޓުންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށް ދިނުމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދަން ނިންމިކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

މިދިޔަ އަހަރުތަކުގައި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން ޒިޔާރަތްކޮށްފައި ވަނީ ޗައިނާއިންނެވެ. ރާއްޖޭގައި ގެނބިގެން މަރުވާ ޓޫރިސްޓުންގެ ތެރޭގައި އެންމެ ގިނައީ ޗައިނާ މީހުންނެވެ.

ރާއްޖޭގައި ޓޫރިޒަމްގައި ބޮޑު ހިއްސާއެއް އޮތް ޗައިނާއިން އަންނަ ޓޫރިސްޓުންގެ އަދަދު ފަހަކަށް އައިސް ބޮޑު ވަރަށް ބޮޑުތަން ދަށަށް ގޮސްފައިވެ އެވެ.

ހަތަރު ދުވަހުގެ މުއްދަތަކަށް ރައީސް އަބްދުﷲ ޔާމީން ޗައިނާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި މުހިންމު 12 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނޭ ފާހަގަކޮށްލެވޭ ދެ އެއްބަސްވުމަކީ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމު ކުރުމަށާއި ސިލްކް ރޫޓުގައި ރާއްޖޭން އެއްބާރުލުން ދިނުމާ ގުޅޭ އެއްބަސްވުމެއް ހިމެނެ އެވެ. ރާއްޖެ އިން ގުޅުން ބަދަހިކޮށް، އެހީތެރިވާން އެއްބަސްވި ދާއިރާތަކުގެ ތެރޭގައި ޓޫރިޒަމްގެ އިތުރުން ޑިފެންސް، ޓެކްނޮލަޖީ، ތާރީހު، ތައުލީމް، މީޑިއާ، ކުޅިވަރު، ސިއްހީ ދާއިރާ، އެންވަޔަރަމަންޓް، ފިޝަރީޒް، އިންސާނީ ވަސީލަތްތައް ގާއިމުކުރުން ހިމެނެ އެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީއްސުރެ ރާއްޖޭން އަންނަނީ ޗައިނާއާ އެކު ވަރަށް ބޮޑަށް ގުޅުން ބަދަހި ކުރަމުންނެވެ. އެ ގޮތުން، ސަރުކާރުން ހިންގާ ބޮޑެތި ހުރިހާ މަޝްރޫއުތަކަކަށްހެން ޗައިނާ އިން ލޯނު ދީފައިވާ އިރު، ޗައިނާއާ އެކު އޮތް ގުޅުން ވަރަށް ބޮޑަށް އޮތީ ބަދަހިވެފަ އެވެ.

ޗައިނާގެ އެހީތެރިކަމާއެކު ހިންގާ އެންމެ ބޮޑު ދެ މަޝްރޫއަކީ މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގެ މަސައްކަތާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީކޮށް، އާ ރަންވޭއެއް އެޅުމުގެ މަޝްރޫއު އެވެ. އޭގެ އިތުރުން ޗައިނާގެ އެކި ކުންފުނިތަކުން ޓޫރިޒަމް ދާއިރާއަށް އިންވެސްޓް ކުރެ އެވެ.