Roadha Mihaaru
ޚިދުމަތް ދެނީ ސަލާމަތީ މިންގަނޑުތަކަށް: އައިއޭއެސް

ޚިދުމަތް ދެނީ ސަލާމަތީ މިންގަނޑުތަކާ އެއްގޮތަށް، އަގު ވެއްޓޭ ފަދަ ވާހަކަތައް ނުފަތުރާ: އައިއޭއެސް

07 ޑިސެމްބަރ 2017

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އޮޕަރޭޓް ކުރާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން ޚިދުމަތް ދެނީ ސަލާމަތީ މިންގަނޑުތަކާ ޚިލާފަށް ކަމަށް ބުނެ ދައްކަނީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށާއި އަދި ކުންފުނީގެ އަގު ވެއްޓޭ ކަހަލަ މައުލޫމާތު ފަތުރާ ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އައިއޭއެސް އިން މިއަދު ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އޮޕަރޭޓް ކުރާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން ޚިދުމަތް ދެނީ ސަލާމަތީ މިންގަނޑުތަކާ ޚިލާފަށް ކަމަށް ބުނެ ދައްކަނީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށާއި އަދި ކުންފުނީގެ އަގު ވެއްޓޭ ކަހަލަ މައުލޫމާތު ފަތުރާ ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އައިއޭއެސް އިން މިއަދު ދީފި އެވެ.

އައިލެންޑް އޭވިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެއީ ސަލާމަތީ މިންގަނޑުތަކާ ޚިލާފަށް ހިންގާ ކުންފުންޏެއް ކަމަށް ދޭހަވާ ގޮތަށް އަދި އެ ކުންފުނީގެ އަގުވެއްޓޭ ގޮތަށް ބައެއް ފަރާތްތަކުން މައުލޫމާތު ފަތުރަމުންދާ ކަމަށެވެ.

"މޯލްޑިވިއަން އަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އެންމެހައި ގަވައިދުތަކާއި އަދި ދުނިޔޭގެ ވައިގެ ދަތުރުފަތުރާ ގުޅޭ އިދާރާ އައިކާއޯ އިން ކަނޑައަޅާފައިވާ އެންމެހައި ގަވައިދުތަކާއި މިންގަނޑުތަކުގެ ތެރޭގައި އޮޕަރޭޓް ކުރަމުން އަންނަ އެއާލައިނެކެވެ." ބަޔާނުގައި ބުންޏެވެ.

"މި އެއާލައިނުން އެންމެ ބޮޑަަށް އިސްކަންދޭ ކަމަކީ ދަތުރުވެރިންނާއި ކްރޫއިންގެ ސަލާމަތާއި ރައްކާތެރި ކަމެވެ."

އައިއޭއެސްގެ ބަޔާނުގައި ބުނީ ކަންކަން މިހެން އޮއްވައި ބައެއްގެ މަސްލަހަތާއި ލާބަޔާއި މަންފާ އަށް ބައެއް ފަރާތްތަކުން ސައްހަ ނޫން ހަގީގަތާ ހިލާފު ވާހަކަތައް ކުންފުންޏާ ބެހޭ ގޮތުން ފަތުރަމުންދާ ކަމަށެވެ.

"[އެކަމަކު] މިފަދަ ކަންކަމަކީ ދިވެހިންގެ 100 ޕަސަންޓް ހިއްސާ އޮންނަ ކުންފުންޏަކާއި ދިވެހި ރައްޔިތުންނަށް ނުހަނު ބޮޑު ގެއްލުންތަކެއް ލިބިގެން ހިނގައި ދާނެ ކަމެކެވެ،" ބަޔާނުގައި ބުންޏެވެ.

އައިއޭއެސް އިން ވަނީ ސައްހަ ނޫން މައުލޫމާތު ކުންފުންޏާ ބެހޭ ގޮތުން ނުފެތުރުމަށް އިލްތިމާސް ވެސް ކޮށްފަ އެވެ.

"އައިލެންޑް އޭވިއޭޝަންގެ އަގު ވެއްޓޭ ގޮތަށް ސައްހަ ނޫން މައުލޫމާތު ފަތުރަމުންދާ ނަމަ އެ ފަރާތްތަކާ މެދު ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ." ބަޔާން ނިންމާާލަމުން ބުނެފައި ވެ އެވެ.

އައިލެންޑް އޭވިއޭޝަނުން އެހެން ބުނިއިރު، މޯލްޑިވިއަންގެ ޕައިލެޓުން ވަނީ އަރާމު ކުރަން އެކަށީގެންވާ ވަގުތު ނުލިބި މަސައްކަތް ކުރަން ޖެހޭތީ ކަންބޮޑުވުން ފާޅުކޮށް އެ ކުންފުންޏަށް ޝަކުވާތަކެއް ހުށަހަޅައިފަ އެވެ.

މޯލްޑިވިއަންގެ ޕައިލެޓުންނަށް ކުރިން ހަމަޖެހިފައި އޮންނަނީ ފަސް ދުވަހު މަސައްކަތް ކުރުމަށް ފަހު ދެ ދުވަހު އަރާމުކުރާ ގޮތަށެވެ. ނަމަވެސް މިހާރު ހަމަޖައްސާފައި އޮންނަނީ ހަތް ދުވަހު މަސައްކަތް ކުރުމަށް ފަހު، ޗުއްޓީ ދެ ދުވަސް ދޭ ގޮތަށެވެ.

ޕައިލެޓުންގެ މި ޝަކުވާ ސޯޝަލް މީޑިއާގައި ވެސް ފެތުރިފައިވާއިރު، އެކަމާ ގުޅޭ ގޮތުން، އައިއޭއެސް އިން މިއަދު ނެރުނު ބަޔާނުގައި ވަކި އެއްޗެއް ބުނެފައެއް ނެތެވެ.