Roadha Mihaaru
އާ ފްލެޓްތައް ލިބޭ މީހުން ކަނޑައަޅަން ގުރުއަތު ލަނީ

ހުޅުމާލޭ އާ ފްލެޓްތައް ލިބުނު މީހުންގެ މެދުގައި ގުރުއަތުލަނީ

07 ޑިސެމްބަރ 2017

ހުޅުމާލޭގައި އަލަށް އިމާރާތް ކުރި 661 ފްލެޓަށް ހޮވިފައިވާ މީހުންނަށް ފްލެޓް ހަވާލު ކުރުމަށްޓަކައި އެ މީހުންގެ މެދުގައި ގުރުއަތުލާން ފަށައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ހުޅުމާލޭގައި އަލަށް އިމާރާތް ކުރި 661 ފްލެޓަށް ހޮވިފައިވާ މީހުންނަށް ފްލެޓް ހަވާލު ކުރުމަށްޓަކައި އެ މީހުންގެ މެދުގައި ގުރުއަތުލާން ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި ހައުސިން މިނިސްޓްރީން، މީހުންނަށް ދޭނެ ފްލެޓްތައް ކަނޑައެޅުމަށް ގުރުއަތުލާން ފެށީ އެކި ބައިބަޔަށް ބަހާލައިގެންނެވެ. އެގޮތުން އިއްޔެ ރޭ އެއް ބައެއްގެ މެދުގައި ގުރުއަތު ލާފައިވާ އިރު ވަރަށް އަވަހަށް އިތުރު މީހުންގެ މެދުގައި ގުރުއަތުލުމަށް ވަނީ ހަމަޖެހިފަ އެވެ.

އެކަމަކު މިކަމާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީގެ ބަހެއް ނުލިބުނެވެ.

ސަރުކާރުން ފަށާފައިވާ ގެދޮރުވެރިކަމުގެ ފުރަތަމަ މަޝްރޫއުގެ ދަށުން ދޫކުރި މި ފްލެޓްތަކުގައި، އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން މީހުންނަށް ދިރިއުޅެވޭނެކަމުގެ ޔަގީންކަން ހައުސިން މިނިސްޓްރީން ވަނީ ދީފަ އެވެ.

ހުޅުމާލޭން ދޫކުރި މި ފްލެޓްތަކަށް 15،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. އެކަމަކު ފްލެޓް ލިބުނު މީހުންގެ ލިސްޓު ހަތަރު އަހަރު ފަހުން އާއްމު ކުރި އިރު، އެކަން ކޮށްފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) އަށް މައްސަލަ ހުށަހަޅައިފަ އެވެ.

ފްލެޓް ލިބުނު މީހުންގެ ލިސްޓު އާއްމުކޮށްފައި ވަނީ ކޮން ބައެއް ކަން ނޭނގޭ ގޮތަށް، ހަމައެކަނި ފޯމު ނަމްބަރުތަކާ އެކުގަ އެވެ.

ހުޅުމާލޭން ދޫކުރާ މި ފްލެޓްތަކުގެ ކުލީގެ ގޮތުގެ ކަނޑައަޅާފައިވަނީ 25 އަހަރަށް ބަހާލައިގެން މަހަކު 6،000 ރުފިޔާ އެވެ. އަދި ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަން ޖެހެނީ 25،000 ރުފިިޔާ އެވެ.

ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ފްލެޓްތަކުގެ ތެރެއިން ނިސްބަތުން ބޮޑު އަދަދެއް، ކޮންމެވެސް ކަހަލަ ނުކުޅެދުމެއް ހުރި މީހުންނަށް ދީފައިވެ އެވެ. އެގޮތުން ކެޓަގަރީ އެކަކުން، އެ ފަދަ 103 މީހަކަށް ފްލެޓް ދީފައިވާ އިރު، ކެޓަގަރީ ދޭކުން 64 މީހުންނަށް ދީފައިވާ ކަމަށް މިނިސްޓްރީން ބުނެފައި ވެ އެވެ.

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ވެސް ހައުސިންގެ ބިޔަ މަޝްރޫއެއް ފަށާފައިވާ އިރު، އެ ތަނުން 80،000 މީހުންނަށް ޖާގަ ލިބޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.

"ހިޔާ"ގެ ނަމުގައި ފަށާފައިވާ މި މަޝްރޫއުގެ ދަށުން ބައެއް ފްލެޓްތައް އިމާރާތް ކުރުމަށް ސަރުކާރުގެ ކުންފުނިތަކާއި ގައުމީ ޔުނިވާސިޓީ އާއި އިސްލާމިކް ޔުނިވާސިޓީއާ މިހާރު ވަނީ ހަވާލު ކޮށްފަ އެވެ. އެ ތަންތަނުން އިމާރާތްކުރާ ފްލެޓްތަކުން އެ ތަންތާނގެ މުވައްޒަފުންނަށް އެޕާޓްމަންޓް ދިނުމަށް ފަހު ބާކީ ހުންނަ އެޕާޓްމަންޓްތައް ވިއްކުމަށް ވަނީ ހަމަޖައްސައިފަ އެވެ. މި މަޝްރޫއުގެ ދަށުން 25 ބުރީގެ 62 ޓަވަރު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް މިހާތަނަށް ކުންފުނިތަކުން އިއުލާންކޮށްފައިވަނީ 15 ބުރީގެ ޓަވަރުތައް އިމާރާތް ކުރުމަށެވެ.