Roadha Mihaaru
ލައިފް ފެނުގައި މައްސަލައެއް ނޫޅޭނެ: ހެޕީ މާކެޓް

ލައިފް ފެނުގައި އެއްވެސް މައްސަލައެއް ނޫޅޭނެ: ހެޕީ މާކެޓް

04 ޑިސެމްބަރ 2017

މައްސަލައެއް އުޅޭ ކަމަށް ބުނެ ލައިފް ފެނުގެ ބެޗެއް ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކުރި ނަމަވެސް، އެ ފެނުގައި އެއްވެސް މައްސަލައެއް ނޫޅޭނެ ކަމަށް، އެ ފެން ވިއްކާ ހެޕީ މާކެޓުން ބުނެފި އެވެ.

އަލީ ޝިނާން އަލީ ޝިނާން

މައްސަލައެއް އުޅޭ ކަމަށް ބުނެ ލައިފް ފެނުގެ ބެޗެއް ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކުރި ނަމަވެސް، އެ ފެނުގައި އެއްވެސް މައްސަލައެއް ނޫޅޭނެ ކަމަށް، އެ ފެން ވިއްކާ ހެޕީ މާކެޓުން ބުނެފި އެވެ.

ހެޕީ މާކެޓުގެ ސީއީއޯ އަދި އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލީ އިހުސާން "މިހާރު" އަށް ވިދާޅުވީ، ވިއްކުން މަނާކުރި ބެޗަކީ މީގެ ދެ މަސް ކުރިން ނެރުނު ބެޗެއް ކަމަށެވެ. އަދި އެ ބެޗް ނެރުނީ އެމްއެފްޑީއޭގެ ލެބޯޓްރީން ޓެސްޓް ކުރުމަށް ފަހު، ހުއްދަ ލިބިގެން ކަމަށެވެ.

"އެ ބެޗް މިހާރު ވިކި ހުސްވެފައި ވާނީ. އަޅުގަނޑުމެން އޭގެ ފަހުން 100 ބެޗް މިހާރު ނެރެފިން. އަޅުގަނޑުމެން ބެޗެއްގަ މި ހުންނަނީ 200،000 އާއި 500،000 އާ ދެމެދުގެ އަދަދަކަށް. އަޅުގަނޑުމެން އެއް ދުވަހުން ވެސް މި އަށް ވުރެ ގިނައިން ވިއްކަން،" އިހުސާން ވިދާޅުވި އެވެ.

"އެބޭފުޅުން [އެމްއެފްޑީއޭ] އިން މި ބުނަނީ އޭގަ ކުނޑިތަކެއް ކަހަލަ އެއްޗެއް ހުރިއްޔޭ. އެކަމު މިއީ އަޅުގަނޑުމެން އެ ބޭފުޅުންގެ ލެބޯޓަރީން ޓެސްޓްކޮށް، ބޮޑު ރިޕޯޓަކާ އެކު މައްސަލައެއް ނެތޭ ބުނެފަ އޮތް ބެޗެއް،"

އިހުސާން ވިދާޅުވީ އެމްއެފްޑީއޭގެ ލެބޯރެޓަރީން ޓެސްޓްކުރާ ސާމްޕަލްތައް އެ ކުންފުނިން އެއް އަހަރަށް ރައްކާކޮށްފައި ބަހައްޓާ ކަމަށެވެ. އެހެންކަމުން މައްސަލަ ޖެހުނު ބެޗްގެ ސާމްޕަލް ބެލުމުން އޭގައި އެއްވެސް ކުނޑިއެއް ނުވަތަ މައްސަލައެއް ވެސް ނެތް ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.

އެމްއެފްޑީއޭ އިން ވިއްކުން މަނާކުރީ ލައިފްގެ 500 އެމްއެލްގެ ބެޗެކެވެ. އެމްއެފްޑީއޭ އިން ބުނީ އެ ބެޗްގެ ފެންފުޅިތަކުގައި ކަޅު ކުލައިގެ ކުނޑިތަކެއް ހުރި ކަމަށެވެ.