Roadha Mihaaru
ޝިފާއަށް ރިޝްވަތެއް ހުށައެއްނާޅާ، އެއީ ލިޔާ ވާހަކައެއް

ޝިފާ އަށް ރިޝްވަތެއް ހުށައެއްނާޅާ، ޓްވީޓްކުރީ އޭނާ ލިޔާ ވާހަކައެއް: އޭސީސީ

03 ޑިސެމްބަރ 2017

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ޕާޓީ ބަދަލުކުރާ މަތިން އޭނާ އަށް ބަޔަކު ރިޝްވަތު ހުށަހަޅާފައިނުވާ ކަމަށާއި އެކަމާ ބެހޭ ގޮތުން އޭނާ ކުރެއްވި ޓްވީޓަކީ އޭނާ ލިޔަމުން ދިޔަ ވާހަކައެއްގެ ބައެއް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ޕާޓީ ބަދަލުކުރާ މަތިން އޭނާ އަށް ބަޔަކު ރިޝްވަތު ހުށަހަޅާފައިނުވާ ކަމަށާއި އެކަމާ ބެހޭ ގޮތުން އޭނާ ކުރެއްވި ޓްވީޓަކީ އޭނާ ލިޔަމުން ދިޔަ ވާހަކައެއްގެ ބައެއް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

މިދިޔަ މަހު ޝިފާ ކުރެއްވި ޓްވީޓެއްގައިވަނީ "ކޮޅު ބަދަލުކުރާ މަތިން" ތިން ކޮޓަރީގެ ފްލެޓަކާއި މިލިއަނުން ފައިސާ ހުށަހަޅައިފި ކަމަށެވެ. ރިޝްވަތު ހުށަހެޅީ ކާކަށް ކަން ހާމަނުކޮށް، އެ ޓްވީޓްގައިވަނީ އެއީ ތޯތޯ ވާހަކައެއް ނޫން ކަމަށާއި ނަފްސު ނުވިއްކާނެ ކަމަށް ޖަވާބުގައި ބުނި ކަމަށެވެ.

ޝިފާގެ ޓްވީޓް

އެ މައްސަލަ އޭސީސީން ބެލުމަށް ފަހު އެ ކޮމިޝަނުން އާންމުކުރި ބަޔާނުގައިވަނީ އެކަމާ ގުޅިގެން ޝިފާއާ ސުވާލު ކުރުމުން އެ ޓްވީޓަކީ މުޖްތަމައުގެ ތެރޭގައި އެފަދަ ކަންކަން ހިނގާ ކަމަށް ގަބޫލު ކުރެވިގެން އާންމުން ހޭލުންތެރިކުރަން ކުރި ޓްވީޓެއް ކަމަށް ޝިފާ ވިދާޅުވެފައިވާ ކަމަށެވެ. އަދި އެއީ އޭނާ ލިޔަން ފަށާފައިވާ ވާހަކައެއް ކަމަށާއި އޭގެ ދެ ވަނަ ބައި ފަހުން އާންމު ކުރާނެ ކަމަށް ޝިފާ ވިދާޅުވެފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.

އޭސީސީން ބުނި ގޮތުގައި އެ ޓްވީޓާ ގުޅިގެން މީޑިއާއެއްގައި އެއްވެސް އެއްޗެއް ޝާއިއު ކުރިކަން ނޭނގޭ ކަމަށް ޝިފާ ވަނީ ވިދާޅުވެފަ އެވެ. އެ ޓްވީޓަކީ ވަކި މީހަކަށް ނުވަތަ ޕާޓީއަކަށް ނިސްބަތްވާ މާނައެއް ދޭހަވާ ފަދަ ޓްވީޓެއް ނޫން ކަމަށް ވެސް ޝިފާ ވިދާޅުވެފައިވާ ކަމަށް އޭސީސީން ބުންޏެވެ.

ޝިފާ އެގޮތަށް ވިދާޅުވެފައިވާތީ އޭސީސީން ވަނީ އެކަމުގައި ކޮރަޕްޝަންގެ އަމަލެއް ނުހިމެނޭ ކަމަށް ނިންމައިފަ އެވެ.