Roadha Mihaaru
ލެކްޗަރާއިންގެ ފެންވަރު މަތިކުރަން އެޑިއުކޭޝަނުގެ އެހީ

ލެކްޗަރާއިންގެ ފެންވަރު މަތިކުރަން އެޑިއުކޭޝަނުން އެހީވަނީ

27 ނޮވެމްބަރ 2017

މަތީ ތައުލީމުގެ މާސްޓާ ޕްލޭނާ އެއްގޮތަށް، ކޮލެޖުތަކާއި ޔުނިވާސިޓީތަކުގެ ލެކްޗަރާއިންގެ ފެންވަރު މަތިކުރުމަށް، ލެކްޗަރާއިންނާއި ލެކްޗަރާއިންނަށް ވާން ބޭނުންވާ މީހުންނަށް އެޑިއުކޭޝަން މިނިސްޓްރީން އެހީވާން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަތީ ތައުލީމުގެ މާސްޓާ ޕްލޭނާ އެއްގޮތަށް، ކޮލެޖުތަކާއި ޔުނިވާސިޓީތަކުގެ ލެކްޗަރާއިންގެ ފެންވަރު މަތިކުރުމަށް، ލެކްޗަރާއިންނާއި ލެކްޗަރާއިންނަށް ވާން ބޭނުންވާ މީހުންނަށް އެޑިއުކޭޝަން މިނިސްޓްރީން އެހީވާން ނިންމައިފި އެވެ.

އެޑިއުކޭޝަަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ މަތީ ތައުލީމުދޭ ތަންތަނުގައި މަސައްކަތް ކުރާ ލެކްޗަރާއިންގެ ފެންވަރު ރަނގަޅު ކުރަން ހާއްސަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެހެންވެ އެ ޕްލޭނާ އެއްގޮތަށް، ލޯނު ސްކީމުގެ ތެރެއިން އެހީތެރިކަން ދޭން ނިންމާފައިވާ ކަމަށް ނަޒީރު ވިދާޅުވި އެވެ.

ނަޒީރު ވިދާޅުވި ގޮތުގައި އެ ޕްރޮގްރާމުގެ ދަށުން އެންމެ ބޮޑު އިސްކަމެއްދޭނީ ފުރަތަމަ ޑިގްރީ އާއި މާސްޓާޒް ޑިގްރީ ޕްރޮގްރާމުތަކުގައި ކިޔަވައިދޭނެ މީހުން އުފައްދައި ތަމްރީނުކުރުމަށެވެ.

"ރާއްޖޭގަައި މިވަގުތު ހުރި ދެ ޔުނިވާސިޓީ އާއި 12 ކޮލެޖުގެ ތެރެއިން މީހުން ތަމްރީނު ކުރަން ބޭނުންވާ ދާއިރާތައް ފާހަގަކުރައްވައި، ޑިޕާޓްމަންޓް އޮފް ހަޔަ އެޑިއުކޭޝަނާ ހިއްސާކުރެއްވި ކޮންމެ މުއައްސަސާއަކުން ކަނޑައެޅުއްވި ދާއިރާތަކަކުން މީހުން ތަމްރީނުކުރުމަށް ދެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ،" ނަޒީރު ވިދާޅުވި އެވެ.

ނަޒީރު ވިދާޅުވީ އެ ލޯނު ސްކީމުގެ ފުރަތަމަ ބުރުގައި 11 ކޮލެޖަކަށް 22 ފުރުސަތު ދީފައިވާ ކަމަށެވެ. އެކަމަކު އެ ލޯނު ދެވޭނީ ތަމްރީނު ހެދި މުއައްސަސާއެއްގައި މަސައްކަތްކުރުން ލާޒިމްވާ ގޮތަށް ކަމަށް ނަޒީރު ވިދާޅުވި އެވެ.

މި ސްކީމުގެ ތެރެއިން ރާއްޖެ އާއި ރާއްޖޭން ބޭރުން ކިޔެވުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

މިިދިޔަ އަހަރުގެ އޮގަސްޓް މަހު ލޯންޗުކުރި މަތީ ތައުލީމުގެ ފުރަތަމަ މާސްޓަ ޕްލޭނުގައިވާ ގޮތުން މައިގަނޑު ފަސް ކަމެއް ކުރަން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި މަތީ ތައުލީމުގެ ކޮލިޓީ މަތިކުރުުމާއި މަތީ ތައުލީމު ހިންގުމާ ގުޅޭ ކަންކަން ހަރުދަނާކުރުން ހިމެނެ އެވެ.