Roadha Mihaaru
ނަޒްލާ އެ ވިދާޅުވީ ރަނގަޅަށް: އެންމެންގެ ޒިންމާއެއް

ޑރ. ނަޒްލާ އެ ވިދާޅުވީ ރަނގަޅަށް: މިއީ އެންމެންގެ ޒިންމާއެއް

14 މާޗް 2020

މިހާރު ރާއްޖެ އަަށް ވެސް އައިސްފައިވާ ކޮރޯނާވަައިރަސް ފެތުރުނަނުދީ ކޮންޓްރޯލްކުރަން އާންމުންނަށް ދޭ އިރުޝާދާ އެއްގޮތަށް އެކަން ކުރަން ބާރު އެޅުއްވުމުގެ ގޮތުން އެޗުޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު މިއަދު ވަރުގަދަ މެސެޖެއް ދެއްވައިފި އެވެ.

މިހާރު ރާއްޖެ އަަށް ވެސް އައިސްފައިވާ ކޮރޯނާވަައިރަސް ފެތުރުނަނުދީ ކޮންޓްރޯލްކުރަން އާންމުންނަށް ދޭ އިރުޝާދާ އެއްގޮތަށް އެކަން ކުރަން ބާރު އެޅުއްވުމުގެ ގޮތުން އެޗުޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު މިއަދު ވަރުގަދަ މެސެޖެއް ދެއްވައިފި އެވެ.

ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާއަށް ލިބިވަޑައިގެންނެވި ކޮންމެ ފުރުސަތެއްގައިހެން، އާންމުންގެ ކިބައިން އެދިވަޑައިގަތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިދިނުމަށެވެ. ތަކުރާރުކޮށް އޭނާ އެ ވާހަކަ ދެއްކެވި އެވެ.

އެކަމަކު އެންމެ ވަރުގަދަ ވާހަކަ ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުން ނިންމާލަން އުޅުނު ވަގުތު އެވެ. އޭނާ ވިދާޅުވީ އާންމު ރައްޔިތުންގެ ފަރާތުން އެއްބާރުލުން ނުލިބޭ ނަމަ "ނުކައި ނުބޮއި، ނުނިދާ، އާއިލާތައް ދޫކޮށްފައި އަޅުގަނޑުމެން މިހާ ބޮޑު މަސައްކަތެއް ކުރުމުގެ އެއްވެސް ބޭނުމެއް ނޯންނާނެ" ކަމަށެވެ.

ޑރ. ނަޒްލާގެ އެ ވާހަކަ އެގޮތަށް އައީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ނޫސްވެރިންގެ ކޮންމެ ބައްދަލުވުމެއްގައިހެން އަންނަ އެއް ސުވާލަކީ، އެކަހެރިކޮށްފައި ގޭގައި ތިބެން އަންގާ ބައެއް މީހުން އާންމުންގެ ތެރެއަށް ނުކުމެ އުޅޭތީ އެކަމާ މެދުގަ އެވެ. އެއީ ކޮން ބައެއްކަން ސީދާ ނުބުންޏަސް، އެ މައްސަލަ މިހާރު ދިމާވާކަން ޔަގީނާ ގާތަށް އެނގެ އެވެ.

ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި ބަލިން ރައްކާތެރިވާން މަސައްކަތް ކުރުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާއެކެވެ. އަދި ހަމައެކަނި މަސައްކަތްކުރަންވީ ތިމާގެ އަމިއްލަ ސަލާމަތަށް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަމިއްލަ ސަލާމަތަށް ވިސްނާ ވަރަށް އާއިލާ އާއި އެހެން ރައްޔިތުންގެ ރައްކާތެރިކަމާ މެދު ވެސް ވިސްނާ، ފިޔަވަޅު އަޅަން ޖެހޭނެ އެވެ.

ކޮރޯނާވައިރަސް އަތުވެދާނެތީ ތައްޔާރުވުމުގެ ގޮތުން މީގެ ދެ މަސް ދުވަސް ކުރިންސުރެ ރަސްމީ ފަރާތްތަކުން އައީ މަސްކަތްކުރަމުން ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. އެކަމަކު އެ ހުރިހާ މަސައްކަތެއް ކާމިޔާބުވާން އޮތީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެއް އޮތް ކަން އެނގި އެގޮތަށް އަމަލްކޮށްގެން ކަމަށް، އޭނާ ވިދާޅުވި އެވެ.

ކޮރޯނާވައިރަސް އިން ރައްކާތެރިވުމުގެ އިރުޝާދުތައް ކަމާ ބެހޭ ފަރާތްތަކުން ހުއްޓުމެއް ނެތި އަންނަނީ ދެމުންނެވެ. އޭގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ ސާފުތާހިރުކަމެވެ. ރަނގަޅަށް އަތް ދޮވުމާއި ކެއްސާ ކިނބިހި އަޅާއިރު އަނގަމަތި ނިވާކުރުމާއި ރޯގާ ޖެހިއްޖެ ނަމަ ގެއިން ބޭރަށް ނުނިކުތުން ފަދަ ކަންކަން، ކޮންމެ މީހަކަށް ވެސް ފަސޭހައިން ކޮށްލެވެ އެވެ.

ބައެއް މީހުން ގޭގައި އެކަހެރިކޮށް މަޑުކުރަން އަންގަނީ، ވައިރަސް ހުރި ކަމަށް ޝައްކުކުރެވޭ ކޮންމެވެސް މީހަކާ ކޮންމެވެސް ގޮތަކުން ގުޅުމެއް ހިނގައިފައި އޮވެދާނެތީ އެވެ. ރިސޯޓްތަކާއި އެއާޕޯޓްތަކާއި ގެސްޓްހައުސްތަކުގައި ވަޒީފާ އަދާކުރާ ބައެއް މީހުން އެގޮތަށް އެކަހެރިކޮށް ތިބެން އަންގަ އެވެ.

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލް އަޒީޒް ވިދާާޅުވީ އެކަހެރިކުރާ ކޮންމެ މީހެއްގެ ކޮޓަރި ދޮށުގައި ފުލުހަކު ނުބޭތިއްބޭނެ ކަމަށެވެ. އެހެންކަމުން ކަމާ ބެހޭ ފަރާތްތަކުން ދޭ އިރުޝާދާ އެއްގޮތަށް އެންމެން ވެސް އަމަލްކުރަން ޖެހެނީ، އެންމެންގެ ރައްކަލާއި ސަލާމަތަށް ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.