Roadha Mihaaru
ހިލޭ ޑިގްރީގެ އުސޫލުތަކާ މެދު ކޮލެޖްތަކުގެ ޝަކުވާ

ހިލޭ ޑިގްރީގެ އުސޫލުތަކާ މެދު ކޮލެޖްތަކުގެ ޝަކުވާ

18 ފެބުރުއަރީ 2019

ވަޒީފާއަށް ދަމުން ގޭގެ ކުއްޔާއި ބިލްތައް ދައްކާފައި ގިނަ ފަހަރަށް އަތުގައި އެއްޗެއް ނޯވެ އެވެ. ކިޔެވުމަކީ ކިތައްމެ މުހިއްމު ކަމަކަށް ވިއަސް މާލީ ހާލަތު ހުރި ގޮތުން މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ނުލިބި އެތައް ބަޔަކު އެބަ ތިއްބެވެ. ނަމަވެސް އެމީހުންނަށް ސަރުކާރުން މި ވަނީ ކޮންމެވެސް ވަރެއްގެ އުފާވެރިކަމެއް ގެނެސްދީފަ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވަޒީފާއަށް ދަމުން ގޭގެ ކުއްޔާއި ބިލްތައް ދައްކާފައި ގިނަ ފަހަރަށް އަތުގައި އެއްޗެއް ނޯވެ އެވެ. ކިޔެވުމަކީ ކިތައްމެ މުހިއްމު ކަމަކަށް ވިއަސް މާލީ ހާލަތު ހުރި ގޮތުން މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ނުލިބި އެތައް ބަޔަކު އެބަ ތިއްބެވެ. ނަމަވެސް އެމީހުންނަށް ސަރުކާރުން މި ވަނީ ކޮންމެވެސް ވަރެއްގެ އުފާވެރިކަމެއް ގެނެސްދީފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލޯންޗުކޮށްދެއްވީ ރާއްޖޭގައި ހިލޭ ޑިގްރީ ކިޔެވުމުގެ ޕްރޮގްރާމެވެ. އެކަމަކު ކޯހުގެ ހުރިހާ ހަރަދެއް ސަރުކާރުން ދެނީ ހަމައެކަނި ސަރުކާރުގެ ދެ ޔުނިވާސިޓީގައި ކިޔަވައި ދަރިވަރުންނަށެވެ. އެގޮތުން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ 62 ކޯހެއްގައި ބައިވެރިވެ، ޑިގްރީއަށް ކިޔެވުމުގެ ހުރިހާ ހަރަދެއް ދޭނީ ސަރުކާރުންނެވެ.

އަމިއްލަ ކޮލެޖުތަކަށް ހީނަރުކަމެއް އަންނާނެ

ސަރުކާރުގެ ދެ ޔުނިވަސިޓީގެ ކޯސްތަކުގެ ހުރިހާ ހަރަދެއް ދަރިވަރުންނަށް ލިބުނަސް އަމިއްލަ ކޮލެޖްތަކުގެ ދަރިވަރުންނަށް އެ ފުރުސަތު ނެތުމަކީ މައްސަލައެއް ކަމަށް އެއް ބަޔަކު ނަގަ އެވެ. ހާއްސަކޮށް ސަރުކާރުގެ އެ ޕްރޮގްރާމް މިހާރު އޮތް ގޮތުން އެއީ އަމިއްލަ ކޮލެޖްތަކަށް ހީނަރުކަން އަންނާނެ ކަމެކެވެ ސަބަބަކީ އަމިއްލަ ކޮލެޖުތަކަށް ވަންނަ ދަރިވަރުންގެ އަދަދު މަދުވުމެވެ.

ސައިރިކްސް ކޮލެޖުގެ ޗެއާމަން އަހުމަދު ޝަރީފު ވިދާޅުވި ގޮތުގައި ކޯސްތަކުގެ ޓިއުޝަން ފީ ސަރުކާރުން ދައްކައިދޭން ފެށުމަކީ ދަރިވަރުންނަށް ލިބޭނެ ލުއެކެވެ. ނަމަވެސް މިހާރު އުސޫލު އޮތް ގޮތުން އެހާ ބޮޑަށް ހިތްހަމައެއް ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައިރިކްސް ކޮލެޖުގެ ދަސްވެނިވުމެއްގައި އެ ކޮލެޖުގެ ދަރިވަރުން ބައިވެރިވަނީ.--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ސައިރިކްސް ކޮލެޖުގެ ދަސްވެނިވުމެއްގައި އެ ކޮލެޖުގެ ދަރިވަރުން ބައިވެރިވަނީ.--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެއް ތަނެއްގައި ހިލޭ ކިޔެވެން އޮވެފައި އަނެއް ތަނުގައި ފީ ދައްކަން ޖެހޭ ނަމަ ގިނަ ދަރިވަރުން އިހުތިޔާރުކުރާނީ ހިލޭ ކިޔެވެން އޮތް ތަން ކަމަށް ޝަރީފު ގަބޫލުކުރައްވަ އެވެ. އެއީ މަތީ ތައުލީމް ފޯރުކޮށްދެމުން އަންނަ އަމިއްލަ ކޮލެޖުތަކަށް ހީނަރުކަމެއް އަންނާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ މިހާރު ވެސް ގިނަ ހުރަސްތަކަކާ ކުރިމަތިވެފައިވާ އަމިއްލަ ކޮލެޖްތަކަށް އަނެއްކާވެސް އިތުރު ބުރައެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"މަތީ ތައުލީމް ފޯރުކޮށްދޭ ޕްރައިވެޓް ސެކްޓާ މިހާރު ވެސް އެ އޮތީ ކިރިޔަ ކިރިޔާ،" މީގެ 25 އަހަރު ކުރިން ހުޅުވި ސައިރިކްސްގެ ޗެއާމަން ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ރާއްޖޭގައި ހުރި ދެ ޔުނިވާސިޓީއަކީ ދައުލަތުގެ ބަޖެޓުން ހިންގާ ތަންތަނަށް ވާއިރު ޔުނިވާސިޓީން މީގެ ކުރިން ވެސް ފީ ނަގަން ނުޖެހޭނެ ކަމަށެވެ. އެ ތަންތަން ހިންގަނީ ސަރުކާރުގެ އިމާރާތްތަކާއި ވަސީލަތްތައް ބޭނުންކޮށްގެން ކަން ފާހަގަކުރެއްވި އެވެ.

ސައިރިކްސް ކޮލެޖުގައި ހާހެއްހާ ދަރިވަރުން ކިޔަވަމުން އަންނައިރު މި އަހަރު އަލަށް ޑިގްރީއަށް ވަން ކުދިން ނުހިމަނާ 200 ދަރިވަރުން އަންނަނީ ޑިގްރީއަށް ކިޔަވަމުންނެވެ. ސަރުކާރުގެ އާ ޕްރޮގްރާމްގެ ތެރެއިން އެ ކޮލެޖުގެ އައިޓީ ކޯހުގެ 65 ޕަސެންޓު އަދި ބިޒްނަސް ކޯހުގެ 70 ޕަސެންޓް ދައްކައިދޭނީ ސަރުކާރުންނެވެ.

އެހެން ކޮލެޖެއްގެ އިސް ވެރިޔަކު ވެސް ވިދާޅުވީ މިހާރު އުސޫލާ މެދު ހިތްހަމަނުޖެހޭ ކަމަށެވެ. އަދި އަމިއްލަ ކޮލެޖުތަކުން ވާދަކުރަން ޖެހެނީ ދައުލަތުގެ ބަޖެޓުގައި ހިންގާ ތަންތަނާ ކަމަށް ވިދާޅުވި އެވެ. އޭގެ ބަދަލުގައި ޔުނިވަސިޓީން ޖެހޭނީ، އޭނާ ވިދާޅުވި ގޮތުގައި، ކުދިކުދި ކޯސްތައް ހިންގުން ހުއްޓާލައި، ކޮލެޖްތަކަށް ހިންގަން އުނދަގޫވާނެ ބޮޑެތި ކޯސްތަކަށް ސަމާލުކަން ދޭށެވެ.

މިސާލެއްގެ ގޮތުން އޭނާ ނެންގެވީ ކުދި ވިޔަފާރިތަކާ ވާދަކުރުން އެސްޓީއޯއިން ހުއްޓާލަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ވިދާޅުވުމަށެވެ.

ދަރުބާރުގޭގައި ބޭއްވި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ތިން ވަނަ ދަސްވެނިވުމުގެ ހަފުލާގެ ތެރެއިން.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ދަރުބާރުގޭގައި ބޭއްވި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ތިން ވަނަ ދަސްވެނިވުމުގެ ހަފުލާގެ ތެރެއިން.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

"ސަރުކާރުގެ ޕްލެޖަކީ ރާއްޖޭގައި ޑިގްރީ ހާސިލްކުރާ ކުދިންނަށް ހިލޭ ކިޔަވައިދިނުން. އެކަމަކު އެހެންނެއް ނޫން ކަންތައް މިވީ،" ނަން ނުޖަހަން ޝަރުތުކޮށް ވާހަކަދެއްކެވި ކޮލެޖެއްގެ އިސް ވެރިޔަކު ވިދާޅުވި އެވެ.

"ސަރުކާރުން ބަލައެއް ނުގަނޭ އަމިއްލަ ކޮލެޖުތަކުން ތައުލީމީ ދާއިރާއަށް ކޮށްދޭ ކަންތަކެއް."

ސަރުކާރުގެ ދެ ޔުނިވަސިޓީގެ ކޯސްތަކުގެ ހުރިހާ ފީއެއް ސަަރުކާރުން ދައްކައިދީ، އަދި ދެ ޔުނިވަސިޓީގައި ވެސް ކޮލެޖްތަކުން ހިންގާ ކޯސްތައް ކުރިއަށް ގެންދާތީ، ސަރުކާރުގެ އާ ޕްރޮގްރާމުން ކޮލެޖްތަކަށް އަސަރުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ނިންމާފައިވަނީ އަމިއްލަ ކޮލެޖުތަކުގެ ކޯސްތަކުން 40-99 ޕަސެންޓާ ހަމައަށް ސްޕޮންސާކުރާށެވެ. އެގޮތުން ޓިއުޝަން ފީގެ 80-99 ޕަސެންޓު ދައްކައިދޭ 17 ކޯހެއް، 60-80 ޕަސެންޓު ދައްކައިދޭ 32 ކޯހެއް އަދި 40-60 ޕަސެންޓާ ހަމައަށް ފީ ދޭ 42 ކޯހެއް ވަނީ ކަނޑައަޅައިފަ އެވެ.

ކޮލެޓީ ހިފަހައްޓާނަން

އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. އަލީ ފަވާޒު ޝަރީފް ވިދާޅުވި ގޮތުގައި ހިލޭ ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމާ އެކު ދަރިވަރުންނަށް ލިބުނީ ވަރަށް ބޮޑު އުފަލެކެވެ. އެކަމަކު އެމްއެންޔޫއަށް ވަންނަ ދަރިވަރުންގެ އަދަދު އިތުރުވިއަސް މާ ބޮޑު ތަފާތެއް ނާންނާނެ ކަމަށް ވިދާޅުވި އެވެ.

ފަވާޒު ވިދާޅުވީ އާއްމު ގޮތެއްގައި ޖާގަ ފުރެނީ އެތަނުގައި ހިންގާ ހަތަރު ކޯހަކަށް ކަމަށެވެ، ދެން ހުރި ކޯސްތަކުގެ ޖާގަ ނުފުރޭ ކަމަށް ވިދާޅުވި އެވެ.

"މާ ބޮޑު ޖާގައެއް ފުރިގެން މައްސަލަ ޖެހޭނެ ކަމަށް ނުބެލެވޭ. މިހާރު ވެސް ކޯސްތައް ހިންގާއިރު ޖާގައިގެ ދަތިކަން ހުރޭ،" ފަވާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެކި ކެމްޕަސްތަކާ އެކު ގައުމީ ޔުނިވާސިޓީގައި ގާތްގަނޑަކަށް 4،000 ދަރިވަރުން ޑިގްރީއަށް ކިޔަވަ އެވެ. އެއީ މާލޭގައި ހުންނަ ހަތަރު އިމާރާތާއި ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދު އާއި ލ. ގަން އަދި ސ. ހިތަދޫގައި ހުންނަ ހަތަރު ކެމްޕަސް ހިމަނައިގެންނެވެ.

ހިލޭ ކިޔެވުމުގެ ފުރުސަތާ އެކު 9000-10،000 އާ ދެމެދުގެ ދަރިވަރުން ކިޔަވަން ފަށާނެ ކަމަށް ސަރުކާރުން ބެނެ އެވެ. އެއާއެކު ކޯހުގެ ފެންވަރު ހިފެހެއްޓިދާނެތޯ ސުވާލު އުފެދެ އެވެ.

ފަވާޒު ވިދާޅުވީ އެމްއެންޔޫން އަބަދުވެސް އެންމެ ސަމާލުކަން ދެނީ ކޮލެޓީ ހިފެހެއްޓުމަށް ކަމަށެވެ. ކޯހުގެ ފެންވަރު ހިފެހެއްޓުމަށް ކުރާ ކަންކަމުގެ ސަބަބުން ބައެއް ދަރިވަރުން ކޯސް ދޫކޮށްލާފައި ވެސް އެބަހުރި ކަމަށް ވިދާޅުވި އެވެ.

"ކޯހުގެ ކޮލެޓީ ހިފަހައްޓަން ކުރާ ކަންކަމުން ކުދިން ކޯސްތައް ދޫކޮށްލާ. އެއީ އެއަށް ވުރެ ފަސޭހަ ގޮތްތައް ހުންނާތީ. އެމްކިއުއޭގެ މިންގަނޑުތަކަށް ވުރެ މައްޗަށް ކޯހުގެ ފެންވަރު ހިފެހެއްޓުމުގެ މަސައްކަތް އަބަދުވެސް ކުރަން،" ފަވާޒު ވިދާޅުވި އެވެ.

ބޮޑު ހަރަދެއް ކޮލެޖުތަކަށް

ޑިގްރީއަށް ހިލޭ ކިޔަވައިދޭން ސަރުކާރުން މީގެ ކުރިން ހަމަޖެއްސީ 50 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް އާ ސަރުކާރުގެ ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ރައީސްގެ ވައުދާ ފުއްދަން މި އަހަރު 156 މިލިއަން ރުފިޔާ އެ ދާއިރާ އިން ހޭދަކުރާނެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މިހާރު ހަމަޖައްސާފައިވާ އުސޫލުގެ ތެރެއިން ބޮޑު ޚަރަދެއް ދާނީ އަމިއްލަ ކޮލެޖުތަކަށް ކަމަށެވެ. އެއީ އެތަންތަނުގައި ހިންގާ ކޯސްތަކުގެ 60 ޕަސެންޓެވެ.

އޭނާ ވިދާޅުވި ގޮތުގައި ހިލޭ ކިޔެވުމުގެ އުސޫލު ހަދާފައިވަނީ ރާއްޖޭގެ މާލީ ހާލަތަށް ބަލައިގެން އެންމެ ރަނގަޅަށް ކަމަށެވެ. މާލީ ހާލަތު ރަނގަޅުވެއްޖެ ނަމަ އަމިއްލަ ކޮލެޖުތަކަށް ދޭ އެހީތެރިކަން އިތުރުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ހިލޭ ޑިގްރީއަށް ކިޔަވައިދޭން ފެށުމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ، އިބްރާހިމް ހަސަން ވާހަކަ ދައްކަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ހިލޭ ޑިގްރީއަށް ކިޔަވައިދޭން ފެށުމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ، އިބްރާހިމް ހަސަން ވާހަކަ ދައްކަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ދޭ ޔަގީންކަމަކީ ކާމިޔާބުކަމާ އެކު އާ ޕްރޮގްރާމް ކުރިއަށްގެންދެވޭނެ ކަމެވެ.

"މި އަހަރު މި ފުރުސަތު ހުޅުވާލެވިގެން ދިޔައީމަ ރާއްޖޭގައި ފުރަތަމަ ޑިގްރީއަށް ކިޔަވަން 10،000 އެއްހާ ކުދިން ކުރިމަތިލާނެ ކަމަށް. އަޅުގަނޑުމެން އެ އަދަދަށް އަންދާޒާކޮށްގެން ބަޖެޓު މި ހޯދީ. އަޅުގަނޑުމެން ވައުދުތައް މި ފުއްދަނީ ސަސްޓެއިނަބްލް ގޮތަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.

"އެއްގޮތަކަށް ވެސް ބޭނުމެއް ނޫން ދިވެހި ޒުވާނުން ކިޔެވުމުގެ މަރުހަލާގެ މެދުތެރޭގައި ތިއްބައި ފައިސާ ހުސްވެގެން އެމީހުންނަށް އިތުރު ތަކުލީފެއް ކުރިމަތިިވާކަށް."

އޭނާ ވިދާޅުވި ގޮތުގައި ކޮލެޖުތަކުން މަތީ ތައުލީމް ފޯރުކޮށްދެމުން އަންނަނީ ބޮޑެތި ހަރަދުތަކެއް ކޮށްގެންނެވެ. އިމާރާތުގެ ކުއްޔާއި އެހެން ކަންކަމަށް ބޮޑު ހޭދައެއް ކުރާ ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށް ވިދާޅުވި އެވެ. އަދި މުޅި ރާއްޖެއަށް ތައުލީމާއި ތަމްރީނު ފޯރުކޮށްދެވޭނީ ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެންކަން ވެސް ފާހަގަކުރެއްވި އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް ސަރުކާރުގެ ފުލް ސްކޮލަޝިޕް ދެނީ ކަނޑައަޅާފައިވާ ވަކި ޔުނިވަސިޓީތަކުންނެވެ. އެގޮތުން ބަލާއިރު ރާއްޖޭގައި ވެސް ފަށައިގަންނަ އިރު ކަން އެ އޮތީ އެގޮތަށެވެ. އެކަމަކު އަމިއްލަ ކޮލެޖްތަކުގެ ފެންވަރު ބަލައި، ރަނގަޅަށް ހިންގާ ތަންތަނަށް ސަރުކާރުގެ އެހީތެރިކަން ބޮޑުކުރުން ވެސް ވަރަށް މުހިންމެވެ.

ހިލޭ ޑިގްރީއަށް ކިޔަވައިދޭ ޕްރޮގްރާމާ ބެހޭ މައުލޫމާތު

- އެ ޕްރޮގްރާމުގައި ބައިވެރިވުމަށް ދަރިވަރު ޖެހޭނީ މިނިސްޓްރީއަށް ފޯމު ހުށަހަޅަން

- މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށް ވެސް ހުށަހެޅޭނެ

- ލޯނު ނަގައިގެން ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ވެސް، ޑިގްރީ ޕްރޮގްރާމުގައި ބައިވެރިވެ ރާއްޖޭގައި ކިޔެވޭނެ

- ހިލޭ ކިޔެވުމަށް ފަހު 1-5 އަހަރާ ދެމެދުގެ މުއްދަތެއް ވަންދެން ރާއްޖޭގައި މަސައްކަތް ކުރަން ޖެހޭ

- ހިލޭ ކިޔެވޭނީ ޖުމްލަ 147 ޑިގްރީ ޕްރޮގްރާމެއް