Roadha Mihaaru
ޔުނިވާސިޓީއަކަށް ހެދޭނީ ކޮލެޖަށް 10 އަހަރު ވުމުން

އަމިއްލަ ޔުނިވާސިޓީ ހެދޭނީ ކޮލެޖެއްގެ ގޮތުގައި ހިންގާތާ 10 އަހަރު ވުމުން

09 ޑިސެމްބަރ 2019

އަމިއްލަ ޔުނިވާސިޓީތައް އުފެއްދޭނީ، ކޮލެޖެއްގެ ގޮތުގައި ހިންގާތާ 10 އަހަރު ވުމުން ކަމަށް، މަތީ ތައުލީމާ ބެހޭ ބިލްގައި ހިމަނައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަމިއްލަ ޔުނިވާސިޓީތައް އުފެއްދޭނީ، ކޮލެޖެއްގެ ގޮތުގައި ހިންގާތާ 10 އަހަރު ވުމުން ކަމަށް، މަތީ ތައުލީމާ ބެހޭ ބިލްގައި ހިމަނައިފި އެވެ.

ސަރުކާރުގެ ފަރާތުން ވެލިދޫ ދާއިރާގެ މެމްބަރު މުހަންމަދު އަބްދުﷲ ޝަފީގު މަޖިލީހަށް ހުށަހެޅުއްވި ބިލްގައި ބުނެފައިވާ ގޮތުން، ޔުނިވާސިޓީއަކަށް ބަދަލުކުރެވޭނީ ކޮލެޖެއްގެ ގޮތުގައި މެދުކެނޑުމެއްނެތި ހިންގާތާ 10 އަހަރުވުމާއި ޑިޕްލޮމާ އާއި އެޑްވާންސްޑް ޑިޕްލޮމާ/ އެސޯސިއޭޓް ބެޗްލާސް އަދި މާސްޓާސް ޑިގްރީ ކާމިޔާބުކަމާއެކު ހިންގާ ނަމަ އެވެ.

ކާމިޔާބުކަމާއެކު ހިންގުން މާނަކޮށްފައިވަނީ، އެ ޕްރޮގްރާމެއް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ފާސްކުރުމަށް ފަހު އެ ޕްރޮގްރާމެއްގެ ދެ ބެޗް، ކަނޑައަޅާފައިވާ ގަވާއިދުތަކާ އެއްގޮތަށް ހިންގުމަށް ފަހު ދަރިވަރުން ގްރެޖުއޭޓްވުމުންނެވެ.

ޔުނިވާސިޓީއެއް އުފައްދަން އެއްވެސް ފަރާތަކުން ހުށަހަޅައިފި ނަމަ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވޭތޯ ބަލައި އެކްރެޑިޓޭޝަން ރިޕޯޓު ތައްޔާރުކުރުމަށްޓަކައި މިނިސްޓްރީން ފަންނީ ކޮމެޓީއެއް އެކުލަވާލަންވާނެ އެވެ.

ފަންނީ ކޮމެޓީން ތައްޔާރުކުރާ އެކްރެޑިޓޭޝަން ރިޕޯޓު، ޔުނިވާސިޓީގެ ޗާޓަރަށް އެދި ހުށަހަޅާތާ ހަ މަސް ދުވަހުގެ ތެރޭގައި އެކުލަވާލައި މިނިސްޓްރީ އަށް ފޮނުވަންވާނެ އެވެ. އެ ރިޕޯޓުގައި، ޔުނިވާސިޓީ ހެދުމަށް ހުށަހަޅާފައިވާ ލިޔުންތަކުގައި މަތީ ތައުލީމާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ހުރިހާ ޝަރުތުތަކެއް ފުރިހަމަވާކަން ނުވަތަ ނުވާކަން ބަޔާންކުރަން ޖެހެ އެވެ.

އެކްރެޑިޓޭޝަން ރިޕޯޓު މިނިސްޓްރީން ދިރާސާކުރުމަށް ފަހު، އެ ރިޕޯޓު ލިބޭތާ ތިން މަސް ދުވަހުގެ ތެރޭގައި ޔުނިވާސިޓީއަކަށް ބަދަލުކުރުމުގެ ހުއްދަ ދިންކަން ނުވަތަ އެ ހުށަހެޅުން ގަބޫލުނުކުރާކަން، އެ ލިޔުމެއް ހުށަހެޅި ފަރާތަށް އަންގަންވާނެ އެވެ.

ޔުނިވާސިޓީއަކަށް ބަދަލުކޮށްދިނުމަށް އެދި ހުށަހަޅާ މައުލޫމާތުތައް ސައްހަ ނުވުމާއި ޝަރުތުތަކާ ހިލާފުވެއްޖެ ނަމަ، ޔުނިވާސިޓީއަކަށް ދޫކޮށްފައިވާ ހުއްދަ ބާތިލްކުރެވޭނެ އެވެ.

ޔުނިވާސިޓީގެ ރަޖިސްޓްރީ ބާތިލްކުރަންޖެހޭ ފަދަ ކަމެއް ދިމާވެއްޖެ ކަމަށް މިނިސްޓަރަށް ފެނިވަޑައިގެންފި ނަމަ، އެކަމާ ގުޅިގެން ޖަވާބުދާރީވާން ނުވަތަ އިސްލާހުކުރަން ހަ މަސް ދުވަހުގެ ނޯޓިހެއް އެ ޔުނިވާސިޓީއަކަށް ދޭންޖެހޭނެ އެވެ. އެ މުއްދަތުގެ ތެރޭގައި އެކަން ރަނގަޅުނުކޮށްފި ނަމަ ރަޖިސްޓްރޭޝަން ބާތިލްކުރުމުގެ އިހުތިޔާރު ހަޔަ އެޑިއުކޭޝަން މިނިސްޓަރަށް ލިބިގެންވެ އެވެ.

އެ ބިލްގައި ބަޔާންކޮށްފައިވާ ގޮތުގައި، ކޮލެޖެއްގެ ގޮތުގައި ރަޖިސްޓްރީކުރެވޭނީ އިންސްޓިޓިއުޓެއްގެ ގޮތުގައި ހިންގާތާ މަދުވެގެން ފަސް އަހަރު ވުމަށް ފަހު ޑިޕްލޮމާ އާއި އެޑްވާންސްޑް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ ކާމިޔާބުކަމާއެކު ހިންގުމުންނެވެ.

ޔުނިވާސިޓީގެ ހައިސިއްޔަތު ލިބިގެން ނޫންގޮތަކަށް ރާއްޖޭގައި ޔުނިވާސިޓީއެއް ހިންގުމަކީ މަނާކަމެކެވެ. އެފަދަ ކަމެއް ކޮށްފިނަމަ 50،000ރ. އަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރެވޭނެ އެވެ. އަދި ރަޖިސްޓްރީނުކޮށް ކޮލެޖެއް ހިންގައިފިނަމަ 40،000ރ. އަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރެވޭނެ އެވެ.

ރަޖިސްޓްރީނުކޮށް އިންސްޓިޓިއުޓް ހިންގައިފި ނަމަ 30،000ރ. އިން ޖޫރިމަނާކުރާނެ އެވެ.

ރާއްޖޭގައި އަމިއްލަ އެއްވެސް ޔުނިވާސިޓީއެއް މި ވަގުތު ނެތެވެ. މިހާރު ހިންގަމުން އަންނަ ދެ ޔުނިވާސިޓީ އަކީ ވެސް، ވަކި ދެ ގާނޫނެއްގެ ދަށުން ހިންގަމުން އަންނަ ދެ ތަނެވެ. އެއީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އަދި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އެވެ. ޔުނިވާސިޓީއެއްގެ ދަރަޖަ ހޯދުމަށް މީގެ ކުރިން ވެސް އަމިއްލަ ބައެއް ކޮލެޖުތަކުން މަސައްކަތްކުރި އެވެ. އެއީ އެފަދަ ހުއްދައެއް ދެވޭ ފެންވަރުގެ ތަންތަން ކަން ކަށަވަރުކުރުމަށް ސަރުކާރުން މީގެ ކުރިން ބައެއް ކޮލެޖުތައް އޮޑިޓް ވެސް ކުރި އެވެ. އޭގެ ތެރޭގައި ވިލާ ކޮލެޖާއި ސައިރިކްސް ކޮލެޖު ހިމެނެ އެވެ. ޔުނިވާސިޓީގެ ދަރަޖަ ހޯދުމަށް އެ ދެ ކޮލެޖުން މަސައްކަތްކުރާތާ އަހަރުތަކެއް ވެއްޖެ އެވެ.

ނަމަވެސް އަމިއްލަ ޔުނިވާސިޓީތައް ހެދޭނެ އެއްވެސް އުސޫލެއް ނެތުމުން އެކަމަށް އަދި ހުއްދައެއް ނުދެ އެވެ.