Roadha Mihaaru
ހިލޭ ޑިގްރީއަށް 24 މިލިއަން ރުފިޔާ ހަރަދުކޮށްފި

ހިލޭ ޑިގްރީ 5،000 އަށްވުރެ ގިނަ ދަރިވަރުންނަށް، ހަރަދު 24 މިލިއަން ރުފިޔާގައި

23 އޮކްޓޯބަރ 2019

ސަރުކާރުން ހިލޭ ޑިގްރީ އަށް ކިޔަވައިދިނުމަށް މިހާތަނަށް 24 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސަރުކާރުން ހިލޭ ޑިގްރީ އަށް ކިޔަވައިދިނުމަށް މިހާތަނަށް 24 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީގައި ވާހަކަދައްކަވަމުން ހަޔަ އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރު އައިޝަތު ޝަފީނާ ވިދާޅުވީ ސަރުކާރުގެ ވައުދުގެ ތެރޭގައި ހިމެނޭ ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން މިހާރު 5،679 ދަރިވަރުން ކިޔަވަމުން އަންނަ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން 60 ޕަސެންޓް ފޯމު ޕްރޮސެސްކޮށް ފައިސާ ދައްކާފައިވާ ކަމަށް ވިދާޅުވި އެވެ. ބާކީ ތިބި ދަރިވަރުންގެ ކޯހުގެ ފީ އަދި ނުދެއްކި ކަމުގައި ވިއަސް، އެ ދަރިވަރުންނަކީ ވެސް ހިލޭ ޑިގްރީގެ ދަށުން ކިޔަވަމުން އަންނަ ދަރިވަރުންނެވެ.

ރިފަންޑު ހޯދުމަށް 1،691 ފޯމް އަދި ފައިސާ ދެއްކުމަށް ޔުނިވާސިޓީތަކާއި ކޮލެޖުތަކުން 3،089 ފޯމް ހުށަހަޅާފައިވާ ކަމަށް ވިދާޅުވި އެވެ.

މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ހިލޭ ޑިގްރީ ޕްރޮގްރާމުގައި ކިޔަވާ ދަރިވަރުންގެ ކޯސް ފީ ދެއްކުން ލަސްވަނީ، އެ ދަރިވަރަކު ކިޔަވާ މަރުކަޒަކުން އިންވޮއިސް ނުލިބޭތީ ކަމަށެވެ. އެކަމަށް ހައްލެއް ގެނައުމަށް ވެސް ގޮތްތަކެއް ރާވާފައިވާ ކަމަށް ވިދާޅުވި އެވެ.

ސަރުކާރުން ދަރިވަރުންގެ ކޯސް ފީ ދައްކައިދޭނީ، ކޮލެޖު/ޔުނިވާސިޓީއަކުން ފައިސާގެ ރަސީދު ދިނުމުންނެވެ. އެ ރަސީދު ގެނައުމުން މިނިސްޓްރީން މިހާރު ފައިސާ ދައްކަމުން އަންނަނީ އެ ދަރިވަރަކު ކިޔަވަމުން އަންނަ މަރުކަޒަކަށެވެ. ނަމަވެސް އެ ޕްރޮސެސް އަވަސްކުރުމަށް ސީދާ ދަރިވަރުންގެ އަތަށް ފައިސާ ދިނުމާ ގުޅޭ ގޮތުން މަޝްވަރާކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ ފައިސާ ދޭނީ، ކޮންމެ ސެމިސްޓާއަކަށް ވަކިވަކިން ކަމަށެވެ.

"..އޭރުން ޕްރޮސެސް އަވަސް ވެގެންދާނެ. ލިޔުންލިބުނީމަ އެ ދަރިވަރަށް އަވަހަށް ކޯހުގެ ފައިސާ ދެއްކޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުން މިދިޔަ ފެބްރުއަރީ މަހު ތައާރަފްކުރި ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން، 100 ޕަސެންޓް ހިލޭ ވަނީ ހަމައެކަނި ސަރުކާރުގެ ދެ ޔުނިވާސިޓީގަ އެވެ. އަމިއްލަ ކޮލެޖުތަކުގައި ހިންގާ ކޯސްތަކުގެ ޓިއުޝަން ފީ ވެސް ސަރުކާރުން ކަނޑައަޅާފައިވާ އަދަދަށް ކަވަރު ކުރެ އެވެ.