06 ޖުލައި 2016
މަޖިލީހުގެ ކުރީގެ މެމްބަރު އަފްރާޝީމް އަލީގެ ގާތިލް ހުސެން ހުމާމް އަހުމަދު މެރުމަކީ އިސްލާމީ ޝަރީއަތުގެ އަސާސްތަކާ ހިލާފު ކަމެއް ކަމަށް ވިދާޅުވެ އެކަން ނުކުރެއްވުމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ތޯރިގު ރަމަޟާން ރައީސް އަބްދުﷲ ޔާމީންގެ އަރިހުން އިއްޔެ އެދިވަޑައިގެންފި އެވެ.
މަޖިލީހުގެ ކުރީގެ މެމްބަރު އަފްރާޝީމް އަލީގެ ގާތިލް ހުސެން ހުމާމް އަހުމަދު މެރުމަކީ އިސްލާމީ ޝަރީއަތުގެ އަސާސްތަކާ ހިލާފު ކަމެއް ކަމަށް ވިދާޅުވެ އެކަން ނުކުރެއްވުމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ތޯރިގު ރަމަޟާން ރައީސް އަބްދުﷲ ޔާމީންގެ އަރިހުން އިއްޔެ އެދިވަޑައިގެންފި އެވެ.
އޮކްސްފޯޑް ޔުނިވަސިޓީގެ އިސްލާމް ދީނާ ބެހޭ ޕްރޮފެސަރު ތޯރިގު، ރައީސަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވި ގޮތުގައި ހުމާމްގެ ޝަރީއަތާއި އޭނާގެ މައްޗަށް ކުރި ހުކުމުގައި ބައިވަރު މައްސަލަ އެބަހުއްޓެވެ. ތޯރިގު ފާހަގަކުރެއްވި މައްސަލަތަކަކީ، މަޖުބޫރުކޮށްގެން ހުމާމް ކުށަށް އިއުތިރާފް ކުރުވާފައިވާ ކަމަށް ބުނުމާއި ހުމާމްގެ ނަފްސާނީ މައްސަލައެއް ހުންނަ ކަމަށް އާއިލާ އިން ބުންޏަސް އެކަން ބަލާފައި ނުވުމާއި ހުމާމް މެރުން ފަސް ކުރަން އަފްރާޝީމްގެ އާއިލާ އިން އެދުނު އެދުމަށް އިޖާބަ ނުދިނުން އަދި ހުކުމް އިއްވިއިރު އުމުރުން 18 އަހަރު ނުފުރޭ ދެ ވާރިސުންގެ ބަސް ހޯދާފައި ނުވުމެވެ.
"އިސްލާމީ ޝަރީއަތުގައި [މަރުގެ އަދަބު ތަންފީޒު ކުރުމުގައި] މަތިކޮށްފައިވާ ބުރަ ޝަރުތަކީ [ކުށްވެރި ވާކަން] އެއްވެސް ޝައްކެއް ނެތް މިންވަރަށް ކަށަވަރު ކުރުމެވެ. ޒައްރެއްގެ މިންވަރު ވިޔަސް ޝައްކެއް އުފެދިފައި ވާނަމަ ހުކުމް ތަންފީޒު ކުރުން ފަސް ކުރަން ޖެހޭނެ އެވެ." - ތޯރިގު
ހުމާމް ކުށަށް އިއުތިރާފް ވީ މަޖުބޫރުކޮށްގެން ކަމަށް ވާ ނަމަ، ޝަރީއަތުގެ އިންސާފުވެރިކަން ގެއްލިފައިވާ ކަމަށް ތޯރިގު ވިދާޅުވި އެވެ. ގާތިލެއް ވިޔަސް އޭނާގެ ނަފްސާނީ މައްސަލައެއް ހުންނަ ނަމަ އިސްލާމީ ޝަރީއަތުން ވެސް ލުއި ލިބޭކަން ފާހަގަކުރައްވައި ތޯރިގު ވިދާޅުވީ ހުމާމްގެ ނަފްސާނީ މައްސަލައެއް ހުރިތޯ ނުބަލައި އޭނާ މަރައިފި ނަމަ އެ ކުރެވެނީ ބައިނަލްއަގުވާމީ ގާނޫނުތަކުން މަނާކޮށްފައިވާ ކަމެއް ކަމަށެވެ.
"އިސްލާމީ ޝަރީއަތުގައި [މަރުގެ އަދަބު ތަންފީޒު ކުރުމުގައި] މަތިކޮށްފައިވާ ބުރަ ޝަރުތަކީ [ކުށްވެރި ވާކަން] އެއްވެސް ޝައްކެއް ނެތް މިންވަރަށް ކަށަވަރު ކުރުމެވެ. ޒައްރެއްގެ މިންވަރު ވިޔަސް ޝައްކެއް އުފެދިފައި ވާނަމަ ހުކުމް ތަންފީޒު ކުރުން ފަސް ކުރަން ޖެހޭނެ އެވެ،" ސަރުކާރުގެ ދައުވަތަކަށް މިދިޔަ ނޮވެމްބަރު މަހު ރާއްޖެ ވަޑައިގެން ތަގުރީރު ވެސް ކުރެއްވި ތޯރިގު ލިއުއްވާފައިވެ އެވެ.
މީގެ އިތުރުން، މަރުގެ އަދަބު ތަންފީޒު ކުރުމުގެ ކުރިން، އެއްވެސް އިރަކު އެންމެ ވާރިސަކު ވިޔަސް އެކަމާ ދެކޮޅު ހަދައިފި ނަމަ، ދައުލަތުން ބޭނުން ވިޔަސް އެ ހުކުމް ތަންފީޒު ކުރެވޭނެ ގޮތެއް ނޯންނާނެކަން ތޯރިގު ފާހަގަކުރެއްވި އެވެ. އަދި އަފްރާޝީމްގެ ދެ ވާރިސަކު 18 ފުރެންދެން މަޑު ނުކޮށް، އެ މީހުންގެ ބަސް ނުހޯދައި ހުމާމް މަރަން ހުކުމްކޮށްފައި ވާތީ އެ ކަމަށް ތޯރިގު ފާޑު ވިދާޅުވި އެވެ.
"މިކަމުން އަނެއްކާ ވެސް އެނގިގެން ދަނީ [ހުމާމްގެ ޝަރީއަތުގައި] އިސްލާމީ އުސޫލުތައް އޮޅުވާލައިގެން ތަރުޖަމާކޮށްފައިވާ ކަމެވެ،" ސިޓީގައިވެ އެވެ.
ގަތަރާއި މެލޭޝިއާގެ ޔުނިވަސިޓީތަކުގައި ވެސް އިސްލާމް ދީން ކިޔަވައި ދެއްވައި އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދީނީ ތަގުރީރު ދެއްވާ ތޯރިގު ވަނީ އިސްލާމީ ޝަރީއަތުގައި ހިމެނޭ ވަރަށް މުހިއްމު އަސާސެއް ފާހަގަކުރައްވާފަ އެވެ. އެއީ، އޯގާތެރިވުމާއި މާފު ކުރުމެވެ. އޭނާ ވިދާޅުވީ ހުރިހާ ޝަރުތުތަކެއް ފުރިހަމަ ވިޔަސް، މާފު ކުރުމަކީ ދީނީ ވާޖިބަކަށް ވާއިރު، އެއީ ކޮންމެހެން އިސް ކުރަންޖެހޭ ކަމެއް ކަމަށެވެ.
"މި ހާލަތުގައި، [ހުމާމް] މެރުން ހުއްޓުވަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން އަޅުގަނޑު ދިވެހި ސަރުކާރަށް ބާރު އަޅަމެވެ،" ރާއްޖެ އަށް ކުރެއްވި ދަތުރުގައި ރައީސް ޔާމީނާ ވެސް ބައްދަލުކުރެއްވި ތޯރިގު ލިއުއްވާފައިވެ އެވެ.
ހުމާމް މަރަން ކްރިމިނަލް ކޯޓުން އިއްވި ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފައި ވަނިކޮށް، ސުޕްރީމް ކޯޓުން ވެސް ވަނީ މިދިޔަ މަހު އެ ހުކުމް ދަމަހައްޓާފަ އެވެ. އެއީ ސުޕްރީމް ކޯޓުގެ ތާރީހުގައި މަރުގެ ހުކުމެއް ދެމެހެއްޓި ފުރަތަމަ ފަހަރެވެ. އޭގެ ފަހުން، އިއްޔެ ވަނީ ގާނޫނީ ވަކީލު އަހުމަދު ނަޖީބުގެ ގާތިލު އަހުމަދު މުއްރަތު މަރަން ދަށު ކޯޓާއި ހައި ކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފަ އެވެ.
ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުމަކަށް ހުމާމް ކޯޓަށް ވައްދަނީ: އެއީ ސުޕްރީމް ކޯޓުގެ ތާރީހުގައި މަރުގެ ހުކުމެއް ދެމެހެއްޓި ފުރަތަމަ ފަހަރު.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
ސުޕްރީމް ކޯޓުގައި ހުރި މަރުގެ މައްސަލަތައް ބާރު ސްޕީޑެއްގައި ކުރި އަށް ގެންދަން ފެށީ އެ މައްސަލަތައް އަވަހަށް ނިންމައި މަރުގެ އަދަބު ތަންފީޒު ކުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި ފަހުންނެވެ. އެ މަނިކުފާނު ރޭ ވެސް ވަނީ މަރުގެ އަދަބު ތަންފީޒު ކުރަން ސަރުކާރުން ނިންމި ނިންމުން ދިފާއު ކުރައްވާފަ އެވެ.
މަރުގެ އަދަބު ތަންފީޒު ކުރުމާ ބެހޭ ގަވާއިދުގެ ދަށުން ލީތަލް އިންޖެކްޝަން ޖަހައިގެން ނުވަތަ ދަން ޖައްސައިގެން މަރުގެ އަދަބު ދެވޭއިރު، މަރުގެ އަދަބު ދޭން ހަމަޖައްސާފައިވާ ދުވަހު ވެސް މަރުވި މީހާގެ ވާރިސަކު ގާތިލަށް މާފްކޮށްފި ނަމަ އެ މީހަކު މަރުގެ އަދަބުން ސަލާމަތް ވާނެ އެވެ. އެކަމަކު އެ ހާލަތުގައި ތައުޒީރީ އަދަބެއް އެ މީހަކަށް ދެވި ދާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.
ބައި ގަރުނަށް ވުރެ ގިނަ ދުވަސް ވަންދެން މަރުގެ އަދަބު ނުދީ އޮތުމަށް ފަހު އެކަން ކުރަން އުޅޭތީ ބޭރުގެ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އޭގެ ތެރޭގައި އދ. އާއި އީޔޫގެ އިތުރުން އެމެރިކާ އަދި އިނގިރޭސިވިލާތް ފަދަ ގައުމުތައް ހިމެނެ އެވެ. އަދި ހުމާމްގެ ޝަރީއަތް އިންސާފުވެރި ނޫން ކަމަށް ބުނެ، އޭނާ މެރުމާ ދެކޮޅަށް ރާއްޖޭގެ ޖަމިއްޔާތަކުން ވެސް އަންނަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.
ހުމާމް މަރަން ކުރި ހުކުމުގެ މައްސަލަ ސުޕްރީމް ކޯޓަށް
އަރާމުކޮށް ނިދަން ބޭނުންވަނީ ލޯބި
މަރުގެ އަދަބު ފަސްކުރަން ކުރި އަމުރު ބާތިލްކޮށްފި
މަރުގެ އަދަބު ދިނުން ފަސްކުރަން ކޯޓުން އަމުރުކޮށްފި
މައުމޫންގެ ކޮލަމް: މަރުގެ ހުކުމް ތަންފީޒުކުރުން
"ހުމާމް ނުމަރަން އދ. އިން ނާންގާ، ފޮނުވީ ނޯޓެއް"
ޝަރީއަތް ބޭއިންސާފު، އެކަކު ވެސް ނުމަރާތި: އެމްނެސްޓީ
ޝަރީއަތް އިންސާފުވެރިއެއް ނޫން، ހުމާމް ނުމަރާތި: އދ
ހުމާމް މެރުން ހުއްޓުވަން މަޖިލީހުގެ ކޮމިޓީ އަށް
ހުމާމް މަރަން ޖެހޭނީ އެހެން ގާތިލުން ހޯދާފައި: އާއިލާ